Roadha Mihaaru
ކޮވިޑް ކޮންޓްރޯލުކުރަން އާންމުންގެ އެއްބާރުލުމެއް ނުދޭ

ކޮވިޑުގެ އަލާމާތްތައް ހުންނަ މީހުން ވެސް ސާމްޕަލް ނުދޭތީ ކަންބޮޑުވޭ: އެޗްޕީއޭ

24 ނޮވެމްބަރ 2021

ކޮވިޑް-19 ގެ އަލާމާތްތައް ހުންނަ މީހުން ވެސް ސާމްޕަލް ދިނުމަށް އިންކާރުކުރާ ކަމަށާއި، ކޮންޓެކްޓް ޓްރޭސިންއަށް ވެސް އާންމުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބޭ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ކޮވިޑް-19 ގެ އަލާމާތްތައް ހުންނަ މީހުން ވެސް ސާމްޕަލް ދިނުމަށް އިންކާރުކުރާ ކަމަށާއި، ކޮންޓެކްޓް ޓްރޭސިންއަށް ވެސް އާންމުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބޭ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

ދުވަސްތަކަކަށް ފަހު އެޗްޕީއޭ އިންް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އެޖެންސީގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ނޮވެމްބަރު މަހުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވާ ދަދުތައް ހުރީ ދުވާލަކު 130-140 އާ ދެމެދު ކަމަށެވެ.

ކޮވިޑުގެ ކޭސްތައް މަދުވެފައި އޮތް ނަމަވެސް މިހާރަށްވުރެ ބޮޑަށް ކޭސްތައް ދަށްކުރެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެން ކަމަށް އަފްޒަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު ކޮވިޑް ކޮންޓްރޯލުކުރުމަށް ދިމާވާ އެންމެ ބޮޑު އެއް ހުރަހަކީ ކޮވިޑުގެ އަލާމާތްތައް ހުންނަ މީހުން ވެސް ޓެސްޓު ސާމްޕަލް ނުދިނުމެވެ.

"އެހެންވީމަ އަލާމާތްތައް ހުންނަ މީހުން ހަމަ ސާމްޕަލް ދެއްވާށޭ. އަދި ރެންޑަމް ސާމްޕްލިން ފަދަ ހަރަކާތްތައް ހިންގާއިރު އެކަމަށް ފުރިހަމައަށް އިޖާބަ ދެއްވައި އަޅުގަނޑުމެންްނަށް ސާމްޕަލް ދެއްވާށޭ،" އަފްޒަލް ވިދާޅުވި އެވެ.

އެޗްޕީއޭއިން މިއަދު ބޭއްވި ނޫސްވެރިިންގެ ބައްދަލުވުމުގައި އަފްޒަލް ވާހަކަ ދައްކަވަނީ. --މިހާރު ފޮޓޯ/ފަޔާޒު މޫސާ

އެޗްޕީއޭއިން މިއަދު ބޭއްވި ނޫސްވެރިިންގެ ބައްދަލުވުމުގައި އަފްޒަލް ވާހަކަ ދައްކަވަނީ. --މިހާރު ފޮޓޯ/ފަޔާޒު މޫސާ

އޭނާ ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން ހަދަން ގުޅުމުން ވެސް ބައެެއް ފަރާތްތަކުން ސައްހަ މައުލޫމާތު ނުދޭ ކަމަށެވެ. އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަނީ ކޮންޓެކްޓް ޓްރޭސިން އިން ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށްކަން ފާހަގަކޮށް އަފްޒަލް ވަނީ މައުލޫމާތު ސިއްރު ނުކުރުމަށް އެދިވަޑައިގެންފަ އެވެ.

"ބައެއް ބޭފުޅުންނަށް މިހާރު ހީވެފައި އޮންނަ ގޮތެއް ކަންނޭނގެ މިއީ ދެން މިހާރު އެހާ ބޮޑު ކަމެއް ނޫނޭ. ހަގީގަތުގައި ކޭސްތައް ވަކި ލެވެލްއެއްގައި މެއިންޓެއިން ކުރެވިފައި ހުންނަ ވަގުތެއްގައި އެހެން ހީވެދާނެ. އެހެން ނަމަވެސް ހަގީގަތަކީ ކޭސްތައް އިތުރުވެގެން އަޅުގަނޑުމެން ކުރީ އޮތް ކަހަލަ ހާލަތަކަށް ނަންބަރުތައް ދިޔައީމައި އެ ހިސާބުން ފެނިގެންދާނެ އެއީ ކުރެވޭ ކުށް ހީއެއްކަން،" އަފްޒަލް ވިދާޅުވި އެވެ.

ކުރިއަށް އޮތް ޗުއްޓީ ދުވަސްތަކުގައި ވެސް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި އިރުޝާދުތަކަށް ބޯލެނބުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.