Roadha Mihaaru
ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް 600 މީހަކަށް ދީފި

ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް 600 މީހަކަށް ދީފި

19 އޮކްޓޯބަރ 2021

ކޮވިޑުން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ތިން ވަނަ ޑޯޒް ނުވަތަ ބޫސްޓާ ޑޯޒް މިހާތަނަށް 601 މީހަކު ޖަހާފައިވާ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

ކޮވިޑުން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ތިން ވަނަ ޑޯޒް ނުވަތަ ބޫސްޓާ ޑޯޒް މިހާތަނަށް 601 މީހަކު ޖަހާފައިވާ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ބަލިޖެހުމުގެ ނުރައްކާ ބޮޑުވެދާނެ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތް ދޭ މީހުންނަށް ބޫސްޓާ ޑޯޒެއް ދޭން ފެށީ މި މަހު ތިނަކުން ފެށިގެންނެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތާއި މިދުވަސްވަރު ގިނަވެފައިވާ އިންފްލުއެންޒާ ރޯގާގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑަމިއޮލޮޖިސްޓު ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ބޫސްޓާ ޑޯޒް ޖަހަން ފެށި ނަމަވެސް އަދިވެސް އިސްކަންދެނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރާ މީހުންގެ އަދަދު ކުރިން ކަނޑައަޅާފައިވާ ޓާގެޓާ އެއްވަރަށް ހަމަކުރަން ކަމަށެވެ.

އެޗްޕީއޭ އިން ކުރިން ޓާގެޓުކުރީ ރާއްޖޭގެ ވެކްސިން ޖަހަން ޖެހޭ އާބާދީގެ 90 ޕަސެންޓް މީހުން އޮގަސްޓް މަހުގެ ކުރިން ވެކްސިން ފުރިހަމަ ކުރުމެވެ. ނަމަވެސް އޭގެ ފަހުން ދެ މަސްވާން އުޅޭއިރު އަދި އެ ޓާގެޓު ހާސިލުނުވެ އެވެ.

"އަދިވެސް އަޅުގަނޑުމެންގެ ޕްރައިމަރީ ކޮންސާން އަކީ ވެކްސިންގެ ދެ ޑޯޒްގެ ކަވަރޭޖް ފުރިހަމަކުރުން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

އެޗްޕީއޭ އިން ކުރިން ބުނެފައި ވަނީ ބަލިޖެހުމުގެ ނުރައްކާ ބޮޑު މީހުންނަށް ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒެއް ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒާރީ ގްރޫޕް އޮން އިމުނައިޒޭޝަނުން ލަފާދީފައިވާ ކަމަށެވެ. މި ލަފާ ދީފައި ވަނީ މިކަމާ ބެހޭގޮތުން މިހާތަނަށް ކޮށްފައިވާ ދިރާސާތަކަށް ބެލުމަށް ފަހުގައި ކަމަށެވެ. ބޫސްޓާ ޑޯޒެއްގެ ގޮތުގައި ދޭން ނިންމީ ފައިޒާ ވެކްސިން އެކަންޏެވެ.

ބޫސްޓާ ޑޯޒެއް ޖަހައިދޭނީ ކޮވިޑްގެ އެއްވެސް ވެކްސިނެއްގެ ދެ ވަނަ ޑޯޒް ޖެހި ފަހުން، ހަ މަސް ދުވަސް ވެފައިވާ ނަމަ އެވެ.

ކޮވިޑް ބަލި ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އަދި ބަލި ޖެހޭ މީހުންގެ ތެރެއިން ހާލުބޮޑުވާ މީހުންގެ އަދަދު ވެސް ވަރަށް މަދެވެ. ނަމަވެސް، އިންފުލުއެންޒާ އާއި އަރިދަފުސް ރޯގާއި އަދި ވައިރަލް ހުން ޖެހޭ މީހުންގެ އަދަދު މިދިޔަ ތިން މަހު ވަނީ އިތުރުވެފަ އެވެ.