Roadha Mihaaru
އިންފްލުއެންޒާ އައުޓްބްރޭކެއް އަތުވެދާނެކަމުގެ އިންޒާރެއް

އިންފްލުއެންޒާގެ އައުޓްބްރޭކެއް އަތުވެދާނެކަމުގެ އިންޒާރު ދީފި

19 އޮކްޓޯބަރ 2021

ރާއްޖޭގައި މިހާރު ވަރަށް ބާރަށް ފެތުރެމުން އަންނަ އިންފްލުއެންޒާ ރޯގާގެ އައުޓްބްރޭކެއް އަތުވެދާނެކަމުގެ އިންޒާރު އެޗްޕީއޭ އިން މިއަދު ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި މިހާރު ވަރަށް ބާރަށް ފެތުރެމުން އަންނަ އިންފްލުއެންޒާ ރޯގާގެ އައުޓްބްރޭކެއް އަތުވެދާނެކަމުގެ އިންޒާރު އެޗްޕީއޭ އިން މިއަދު ދީފި އެވެ.

ކޮވިޑާއި އިންފްލުއެންޒާ ހާލަތު އޮތް ގޮތާ ބެހޭ ގޮތުން ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑަމިއޮލޮޖިސްޓު ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިދިޔަ މަހުން ފެށިގެން އިންފްލުއެންޒާގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި މި ހާލަތުގައި މި ބަލިން ރައްކާތެރިވާން ފިޔަވަޅުތައް ވަރުގަދަކުރަން ޖެހޭ ކަމަށެވެ.

"މި ހާލަތަކީ އަޅުގަނޑުމެން އިތުރަށް، ކޭސަސް އިތުރުވެ އިންފްލުއެންޒާގެ އައުޓްބްރޭކަކަށް ހިނގައިދާނެ ފަދަ ހާލަތެއް އައުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭ ހާލަތު،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

އިންފްލުއެންޒާ ކޭސްތައް އިތުރުވާން ފެށީ މިދިޔަ ޖުލައި މަހުން ފެށިގެންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހުގެ ތެރޭގައި އިންފްލުއެންޒާ އަށް ޓެސްޓުކުރި 209 ސާމްޕަލްގެ ތެރެއިން 68 ސާމްޕަލް ބައްޔަށް ޕޮޒިޓިވް އެވެ. މި މަހު ވަނީ އިންފްލުއެންޒާގެ ކޭސްތައް ބައެއް ދުވަސް ދުވަހު 100 އިން މައްޗަށް ގޮސްފަ އެވެ. އަދި އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ މަހު އެކަނި ވެސް 3،720 ކޭސް ރިޕޯޓުކޮށްފައިވެ އެވެ.

މިހާތަނަށް އިންފްލުއެންޒާ ކޭސްތައް އެންމެ ގިނައިން ފެނިފައި ވަނީ 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންގެ ފަރާތުންނެވެ. އަދި ދެ ވަނަ އަށް އެންމެ ގިނައީ ހަ އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންގެ މެދުގަ އެވެ.

ކޮވިޑާ އެއްގޮތަށް އިންފްލުއެންޒާ އިން ރައްކާތެރިވުމަށް ވެސް މާސްކް އެޅުމާއި ގިނަގިނައިން އަތްދޮވުމާއި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި ބަލީގެ އަލާމަތްތައް ފެންނަ ނަމަ އާންމު ތަންތަނަށް ނުދިއުމަށް ޑރ. އަފްޒަލް އިލްތިމާސްކުރެއްވި އެވެ. އަދި އަހަރަކު އެއް ފަހަރު ޖަހަން ޖެހޭ އިންފްލުއެންޒާ ވެކްސިން ޖެހުމަށް ވެސް ހަނދާންކޮށްދިނެވެ.

ކޮވިޑް ބަލި ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އަދި ބަލި ޖެހޭ މީހުންގެ ތެރެއިން ހާލުބޮޑުވާ މީހުންގެ އަދަދު ވެސް ވަރަށް މަދެވެ. ނަމަވެސް، އިންފުލުއެންޒާ އާއި އަރިދަފުސް ރޯގާއި އަދި ވައިރަލް ހުން ޖެހޭ މީހުންގެ އަދަދު މިދިޔަ ތިން މަހު ވަނީ އިތުރުވެފަ އެވެ.