Roadha Mihaaru
ވެކްސިން ނުޖަހާ މީހުން ޕީސީއާރަށް ފައިސާ ދައްކަން ޖެހޭ

ވެކްސިން ނުޖަހާ މީހުން ޕީސީއާރަށް ފައިސާ ދައްކަން ޖެހޭ ގޮތް ހަދަނީ

05 އޯގަސްޓް 2021

ކޮވިޑް-19ގެ ވެކްސިން ޖެހޭ އުމުރުފުރައިގެ މީހުން ވެކްސިން ނުޖަހާ ދަތުރު ކުރުމަށް ފަހު، ކަރަންޓީނުން ނިކުންނަން ހަދަން ޖެހޭ ޕީސީއާރު ޓެސްޓަށް އަމިއްލަ އަށް ފައިސާ ދައްކަން ޖެހޭ ގޮތަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑް-19ގެ ވެކްސިން ޖެހޭ އުމުރުފުރައިގެ މީހުން ވެކްސިން ނުޖަހާ ދަތުރު ކުރުމަށް ފަހު، ކަރަންޓީނުން ނިކުންނަން ހަދަން ޖެހޭ ޕީސީއާރު ޓެސްޓަށް އަމިއްލަ އަށް ފައިސާ ދައްކަން ޖެހޭ ގޮތަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މި ގޮތަށް އަމަލުކުރަން ނިންމާފައި ވަނީ އަންނަ މަހުން ފެށިގެން ކަމަށެވެ.

ޕީސީއާރުގެ ހިދުމަތް ސަރުކާރުގެ ސިއްހީ ހިދުމަތް ދޭ ތަންތަނުން މިހާރު އެންމެނަށް ވެސް ދެމުން އަންނަނީ ހިލެ އެވެ. އެކަމަކު، ގިނަ ބަޔަކު ވެކްސިން ޖެހުމަށް ބާރުވެރިކުރުވުމުގެ މަސައްކަތުގެ ދަށުން، މި ހިދުމަތް ދިނުމުގައި ވެސް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް އިސްކަންދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަ އެސްޓްރަޒެނެކާގެ ވެކްސިންގެ ފުރަތަމަ ޑޯޒް އަންނަ މަހު އެކެއްގެ ނިޔަލަށް ދޭން ވަނީ ނިންމައިފަ އެވެ. ސަރުކާރުން ބުނެފައި ވަނީ މިހާރު ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ބޭނުންވާ ވަރަށް ވެކްސިން ހަމަވެފައިވާ ކަމަށެވެ.

މި މަހު އަލުން ވެސް 12-17 އަހަރާ ދެމެދުގެ ކުދިންނަށާއި ހައި ރިސްކު މީހުންނަށް ފައިޒާ ވެކްސިން ދޭން ފަށަން ވެސް ވަނީ ނިންމައިފަ އެވެ. ނަމަވެސް، ސީދާ ތާރީހެއް އަދި އިއުލާން ކޮށްފައެއް ނުވެ އެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ރަނގަޅުވުމުގެ ސަބަބުން މިދިޔަ މަހުން ފެށިގެން އަންނަނީ ލުއިތައް ދެމުންނެވެ.

މިއަދު އިއުލާންކުރި ލުއިތަކުގެ ތެރޭގައި ޕާޓީތަކާއި ހަފުލާތަކުގައި ގިނަ މީހުންނަށް ބައިވެރިވޭ ގޮތް ހެދުމާއި ފިހާރަތާކައި ކެފޭ/ރެސްޓޯރެންޓްތައް އާންމު އުސޫލުން ހިދުމަތް ދިނުމުގެ ހުއްދަ އާއި އޮފީސްތައް ހުޅުވައިގެން މަސައްކަތް ކުރުމުގެ ހުއްދަ އަދި ސްކޫލްތަކާއި ކޮލެޖް/ޔުނިވާސިޓީތަކުގައި ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުމުގެ ހުއްދަ ހިމެނެ އެވެ.

ޕީސީއާރު ޓެސްޓާ ނުލައި ރަށްރަށަށް ދެވޭނެ އުސޫލެއް ވެސް މިއަދު އެޗްޕީއޭ އިން ވަނީ އާންމުކޮށްފަ އެވެ. އެ އުސޫލުގެ ދަށުން، ކޮންމެ ރަށެއްގައި ވެސް ކޮވިޑް ވެކްސިން ޖަހަން ޖެހޭ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި ވާ ނަމަ، އެ ރަށަކަށް ދަތުރުކުރާ އިރު އަންނަ މަހުން ފެށިގެން ޕީސީއާރު ޓެސްޓް ހަދާކަށް ނުޖެހޭނެ އެވެ.

މިހާތަނަށް ދިން އެންމެ ބޮޑު ލުޔެއްގެ ގޮތުގައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރިތާ 14 ދުވަސް ފަހުން ކަރަންޓީނުނުވެ، މޮނީޓަރިންގައި ނެތް ރަށްރަށަށް ދަތުރު ކުރެވޭނެ ގޮތް ހަމަޖެއްސުން ވެސް ހިމެނެ އެވެ.