Roadha Mihaaru
އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަދީފި

އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ދިނަސް މާލެ އިން ރަށްރަށަކަށް ނުދެވޭނެ

22 ޖޫން 2021

ރާއްޖޭގެ ކޮވިޑްގެ ކޭސްތައް ދަށްވެފައިވާތީ އެެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ އެޗްޕީއޭ އިން މިރޭ ދީފި އެވެ. ނަމަވެސް މާލެ ސަރަހައްދުން އެހެން ރަށްރަށަށް ދަތުރުކުރުމުގެ ހުއްދަ އަދިވެސް ނުދެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގެ ކޮވިޑްގެ ކޭސްތައް ދަށްވެފައިވާތީ އެެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ އެޗްޕީއޭ އިން މިރޭ ދީފި އެވެ. ނަމަވެސް މާލެ ސަރަހައްދުން އެހެން ރަށްރަށަށް ދަތުރުކުރުމުގެ ހުއްދަ އަދިވެސް ނުދެ އެވެ.

އެޗްއީއޯސީގެ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑުގެ ހާލަތު ގޯސްވުމާ އެކު، މީހުން ދިރިއުޅޭ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލި ނަމަވެސް އަލުން އެ ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ.

މި ބަދަލާ އެކު ކަރަންޓީނުގައި ނެތް ރަށަކުން އެހެން ރަށަކަށް ދަތުރުކުރާ ނަމަ، ކަރަންޓީނުވާކަށް ވެސް ނުޖެހޭނެ އެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި، ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ކުރިއެކޭ އެއްގޮތަށް މިހާރު ދަތުރުކުރެވޭނެ އެވެ. މި ހުއްދަ ދިން ނަމަވެސް އަދިވެސް މޮނިޓަރިންގައި އޮންނަ ރަށްރަށަށް އަރައި ފޭބުން މަނާވާނެ އެވެ. އަދި ގެސްޓް ހައުސް ހުންނަ ރަށްރަށުން، ގެސްޓް ހައުސް ނުހުންނަ ރަށަކަށް ދަތުރުކުރާ ނަމަ، ހިފެހެއްޓުންތައް އަދިވެސް ހުންނާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ރަށްރަށަށް ދަތުރުކުރުމުގެ ހުއްދަ ދިނުމާ ގުޅިގެން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިއީ މާލެ އިން އެހެން ރަށްރަށަށް ދަތުރުކުރަން ދިން ލުޔެއް ނޫން ކަމަށެވެ. އަދި މި ލުއިދީފައި ވަނީ މޮނިޓަރިންގައި ނެތް ރަށްރަށަށް ދަތުރުކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަތޮޅުތެރޭގެ އަދި މާލޭގެ ހާލަތު ވެސް ބެލުމަށް ފަހު އަޅުގަނޑުމެން ލުއި މި ދިނީ މިހާރު މޮނިޓަރިންގައި ނެތް ރަށްރަށުގެ ދެމެދުގައި ދަތުރުކުރުމަށް. މިއީ މާލެ އިން އަތޮޅު ތެރެއަށް ދަތުރުކުރަން ދިން ލުޔެއް ނޫން. މޮނިޓަރިންގައި ނެތް ރަށްރަށަށް މިހާރު ދަތުރުކުރެވޭނެ އިތުރު ހުއްދައެއް ނެތި،" ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ކޭސްތައް މާލޭ ސަރަހައްދުގައި ވެސް ދަށްކުރެވިފައިވާތީ މިރޭ ވަނީ އިތުރު ލުއިތަކެއް ވެސް ދީފަ އެވެ. އޭގެ ތެރޭގައި ޖިމްތައް ހުޅުވުމުގެ ހުއްދަ ދިނުމާއި، ކާފިއު ވަގުތު ފެށޭ ގަޑި ހަވީރު 6:00 އަށް ބަދަލުކުރުން ހިމެނެ އެވެ. އެޗްޕީއޭ އިން ބުނި ގޮތުގައި ވިޔަފާރިތައް ވެސް އެ ވަގުތާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެ އެވެ. އަދި ކެފޭ/ ރެސްޓޯރަންޓުތަކަށް ޓޭކްއަވޭގެ ހިދުމަތް ވެސް ދެވޭނެ އެވެ.