Roadha Mihaaru
މާލޭގައި ކާފިއު ފަށާ ގަޑި ހަވީރު 6 އަށް ބަދަލުކޮށްފި

މާލެ ސަރަަހައްދުގެ ކާފިއު ފަށާ ގަޑި ހަވީރު 6 އަށް ބަދަލުކޮށްފި

22 ޖޫން 2021

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި ކާފިއު ގަޑި ކޮންމެ ދުވަހެއްގެ ހަވީރު 6 އިން ފަތިހު 4 އަށް މާދަމާ އިން ފެށިގެން ބަދަލުކޮށްފި އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި ކާފިއު ގަޑި ކޮންމެ ދުވަހެއްގެ ހަވީރު 6 އިން ފަތިހު 4 އަށް މާދަމާ އިން ފެށިގެން ބަދަލުކޮށްފި އެވެ.

ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންގައި އެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް އެކަން އިއުލާން ކުރެއްވިއިރު، މިހާރު މާލެ ސަރަަހައްދުގައި ކާފިއު ހިންގަނީ ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ފަތިހު 4 އަށެވެ.

ކާފިއު އަށް ކުޑަވަރެއްގެ ލުޔެއް ދިން ނަމަވެސް އަދިވެސް ބޭރުގައި އުޅެވެނީ ފުލުހުން ދޫކޮށްފައިވާ ފާސް އޮންނަ މީހުންނަށް އެކަންޏެވެ. ކާފިއު ނޫން ވަގުތުތަކުގައި ވެސް ކޮންމެހެން ބޭރަށް ނުކުންނަން ޖެހޭ މީހުންނަށް ބޭރުގައި އުޅެވޭނީ އެފަދަ ހުއްދައެއް އޮވެގެންނެވެ.

މާދަމާ އިން ފެށިގެން ކާފިއު ގަޑި ހަވީރު 6 ޖަހާއިރު ފަށާ ގޮތަށް ނިންމިއިރު، މެންދުރު 12 އިން ހަވީރު 4 އަށް ބޭރަށް ނުކުމެ އުޅުމަށް ފުލުހުން ދޫކޮށްފައިވާ ފާސް ހަވީރު 6 އާ ހަމައަށް ބޭނުން ކުރެވޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކާފިއު ގަޑި ފަށާ ވަގުތު ދެ ގަޑިއިރަށް ލަސްކުރުމުން ފިހާރަތައް ހުޅުވައި ވިޔަފާރި ކުރުމާއި ކެފޭ/ރެސްޓޯރަންޓުތަކުން ޓޭކްއަވޭގެ ހިދުމަތް ވެސް ހަވީރު ހައެއް ޖެހުމާ ހަމައަށް ދެވޭނެ އެވެ. އެކަމަކު، މިހާރެކޭ ވެސް އެއްގޮތަށް ވިޔަފާރި ކުރުމަށާއި ޓޭކްއަވޭގެ ހިދުމަތް ހޯދަން ނުކުމެވޭނީ ވެސް ފުލުހުންގެ ހުއްދަ އޮންނަ މީހުންނަށެވެ.

މީގެ އެއް ހަފުތާ ކުރިއެކޭ އެއްގޮތަށް އަދިވެސް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް މާ ބޮޑު ލުޔެއް ސަރުކާރަކުން ނުދެ އެވެ. މާދަމާ އިން ފެށިގެން ހަމައެކަނި ދިން ލުޔަކީ ކާފިއު ފަށާ ގަޑި ދެ ގަޑިއިރަށް ދަންމާލުމާއި ޖިމްތައް ހުޅުވުމެވެ. ޖިމްތައް ހުޅުވުމުގެ ހުއްދަ ދިނީ ކޮންމެ ދުވަހެއްގެ ފަތިހު 5 އިން ހަވީރު 6 އަށެވެ. ނަމަވެސް ކޮންމެ ޖިމަކުން ހިދުމަތް ދޭނެ ޕްލޭނެއް އަދި އެޗްޕީއޭގެ ގައިޑްލައިނަށް ތަބާވާން ޖެހޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މިރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

މިރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

"ޖިމްތައް ހުޅުވިފައި ހުންނަ ވަގުތުގެ ތެރޭގައި ޖިމަށް ވަޑައިގަންނަވާ މެމްބަރުން ޖިމަށް ވަޑައިގަންނަވާނީ އެޕޮއިންޓްމަންޓް ބޭސިސްގައި. މާނައަކީ ޖިމްގެ ތެރޭގައި އެއް ވަގުތެއްގައި ތިބޭނެ މީހުންގެ އަދަދު ކޮންޓްރޯލް ކުރެވިފައި ހުންނާނީ. އެ ބޭފުޅަކު [ޖިމަށް] ވަޑައިގަންނަވާ ގަޑިއަށް އެ ބޭފުޅަކު ކުރިއާލައި އެޕޮއިންޓްމަންޓް ހައްދަވައިގެން ވަޑައިގަންނަވާނީ،" އޭނާ ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި ޖިމްތައް ހުޅުވަން ހުއްދަ ދިނަސް ގުރޫޕްތަައް ބައިވެރިކޮށްގެން ހިންގާ ކަސްރަތު ކްލާސް ހިންގުން އަދިވެސް މަނާވާނެ އެވެ.

މާދަމާ އިން ފެށިގެން ސަރުކާރުން ދިން ތިންވަނަ ލުޔަކީ މޮނިޓަރިންގައި އޮންނަ ރަށްރަށް ފިޔަވައި، އެއް ރަށުން އަނެއް ރަށަށް ހުއްދަ ނެތި ދިއުމުގެ ހުއްދަ ދިނުމެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ފިޔަވަޅުތައް ހަރުކަށިކޮށް، ލޮކްޑައުންއެއް އިއުލާން ކޮށްފައި ވަނީ މިދިޔަ މޭ 26 އިން ފެށިގެންނެވެ. އޭގެ ފަހުން ސަރުކާރުން އަންނަނީ ކޮންމެވެސް ވަރެއްގެ ލުޔެއް ދެމުންނެވެ. އެކަމަކު، އަދިވެސް ކާފިއު އުވާލައި، ކެފޭ/ރެސްޓޯރަންޓުތައް ހުޅުވުން ފަދަ ބޮޑު ލުޔެއް ނުދެ އެވެ.