Roadha Mihaaru
ޝުޖާއު ފިޔަވައްޗަށް ވަން މައްސަލައިގައި ބަޔާން ނަގަނީ

ޝުޖާއު ފިޔަވައްޗަށް ވަން މައްސަލައިގައި ލިޔުމުން ބަޔާން ދޭން އެލްޖީއޭ އިން އަންގައިފި

21 ސެޕްޓެމްބަރ 2021

ހުޅުމާލޭގެ "ފިޔަވަތި" ގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހަމަނުޖެހުން ހިނގި ވަގުތު އެ ތަނުގެ އެތެރެއަށް މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވަދެވަޑައިގެންނެވި މައްސަލައިގައި ލިޔުމުން ބަޔާން ދެއްވުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު އޭނާ އަށް އަންގައިފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ހުޅުމާލޭގެ "ފިޔަވަތި" ގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހަމަނުޖެހުން ހިނގި ވަގުތު އެ ތަނުގެ އެތެރެއަށް މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވަދެވަޑައިގެންނެވި މައްސަލައިގައި ލިޔުމުން ބަޔާން ދެއްވުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު އޭނާ އަށް އަންގައިފި އެވެ.

"ފިޔަވަތި" ގައި ހަމަނުޖެހުން ހިނގި ވަގުތު ހުއްދަ ނެތި ޝުޖާއު އެތާނގެ ތެރެއަށް ވަދެވަޑައިގެންނެވި ކަމަށާއި އެ ތަނަށް ވީޑިއޯ ކުރަން މީހުން ވެއްދި ކަމަށް އެ މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަނާއި ކުޑަކުދިންގެ އޮމްބަޑްސްޕާސަންގެ އޮފީހުން އެކުލަވާލި ރިޕޯޓުގައި ބުނެފައި ވެ އެވެ.

ނަމަވެސް ޝުޖާއު ވިދާޅުވެފައި އޭނާ "ފިޔަވަތި" އަށް ވަދެވަޑައިގަތީ އެ ތަނުގައި ތިއްބެވި އިސްބޭފުޅުންގެ ހުއްދައާ އެކު ކަމަށެވެ. އަދި ތަނުގެ އެތެރެ ވީޑިއޯ ކުރަން އެއްވެސް މީހަކު އޭނާ ނުވައްދާ ކަމަށް ވިދާޅުވި އެވެ.

އޮމްބަޑްސްޕާސަންގެ އޮފީހުގެ ރިޕޯޓް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދިރާސާ ކުރުމަށް ފަހު ޝުޖާއުގެ މައްސަލަ ބެލުމަށް އެލްޖީއޭ އަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ.

އެ މައްސަލައިގައި އެެލްޖީއޭ އިން މިއަދު ޝުޖާއު އަށް ފޮނުވި ސިޓީގައި ވަނީ "ފިޔަވަތި" ގައި ހާދިސާ ހިނގަމުން ދިޔަ ވަގުތު ޝުޖާއު، އެ ސަރަހައްދަށާއި މަރުކަޒަށް ވަދެވަޑައިގެން އެ ތަނުގައި އުޅޭ ކުދިންނާ ވާހަކަ ދެއްކެވުމުގެ ސަބަބުން އެ ކުދިންނަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށް ޖެންޑާ ކޮމިޓީން ބުނެފައިވާ ކަމަށެވެ.

އަދި "ފިޔަވަތި" އަށް އާންމުންގެ ބަޔަކު ވައްދަން ވެސް ޝުޖާއު މަސައްކަތް ކުރެއްވި ކަމަށް ރިޕޯޓުގައި ތުހުމަތު ކޮށްފައި ވެ އެވެ.

އެހެންކަމުން އެކަމުގައި ކަން ހިނގާފައިވާ ގޮތާއި އެކަމާ ގުޅޭގޮތުން ފާހަގަކުރައްވަން ބޭނުންވާ ކަންކަމުގެ ބަޔާނެއް އަންނަ އާދިއްތަ ދުވަހުގެ ކުރިން ލިޔުމުން އެލްޖީއޭއަށް ފޮނުއްވުމަށް ޝުޖާއު އަށް އެންގި އެވެ.

ނަމަވެސް ޝުޖާއު ވިދާޅުވީ އެ މައްސަލައިގައި ލިޔުމުން ބަޔާން ހޯދުމުގެ ބަދަލުގައި އެލްޖީއޭ އަށް ހާޒިރުކޮށްގެން ބަޔާން ނެގުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން އޭނާގެ މައްޗަށް ލާޒިމުކުރާ ކަންކަން ކުރުމުގައި ފަސްނުޖެހޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ހަމަނުޖެހުން ހިނގި ވަގުތު ފިޔަވައްޗަށް ދިޔަ މީޑިއާ ވެސް ހަމައަކަށް އަޅުވައި، ކަމުގެ ހައްސާސްކަން ކިޔައި ދެއްވީ އޭނާ ކަމަށް ޝުޖާއު ވިދާޅުވެފައި ވެ އެވެ. އަދި ވިދާޅުވީ ފިޔަވަތީގައި އުޅޭ ބައެއް ކުދިންގެ މައްސަލަތައް ހުޅުމާލޭގައި އުޅޭ މީހުން އެތައް ފަހަރަކު އޭނާއާ ހަމައަށް ގެނެސްފައިވާ ކަމަށެވެ. އެކަމަކު، ދުވަހަކު ވެސް އެ ކަމަށް ސަރުކާރުން ހައްލެއް ހޯދައި ނުދެވުނު ކަމަށް ވިދާޅުވި އެވެ.

"ފިޔަވަތި"ގައި މައްސަލަތައް ގިނަވެ، ބައެއް ކުދިން ބޭރަށް ނުކުމެ ފުރާޅު މައްޗަށް އަރައި ނުކިޔަމަންތެރިކަން ދައްކާ މައްސަލަ ފެންމަތިވެފައި ވަނިކޮށް މިިދިޔަ ހުކުރު ދުވަހު ވަނީ އެތާނގައި އަލިފާން ވެސް ރޯކޮށްލައިފަ އެވެ. އެ ވަގުތު ވެސް މުވައްޒަފުންނަށް ކޮންޓްރޯލު ނުކުރެވި، ގިނަ ކުދިންތަކެއް ފިޔަވަތީގެ ފުރާޅުމަތީގައި ތިއްބެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބުނީ، ފިޔަވަތީގައި މިހާރު ތިބި ކުދިންނާއި އެތާނގެ މުވައްޒަފުންގެ އަދަދާ ނުބައްދަލު ކަމަށެވެ.

ހަމަނުޖެހުންތަކާ ގުޅިގެން ފިޔަވަތީގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކޮށް، އެތާނގައި އުޅޭ ކުދިންނަށް ފުރާޅުމައްޗަށް ނޭރޭ ގޮތަށް ހެދުމަށް، ޖެންޑާ މިނިސްޓްރީ އަށް އެންގުމަށް ވެސް ހިއުމަން ރައިޓްސް ކޮމިޓީން ވަނީ ނިންމައިފަ އެވެ.