Roadha Mihaaru
ޝުޖާއު ފިޔަވައްޗަށް ވަން މައްސަލަ ބަލަން ހުށަހަޅައިފި

ޝުޖާއު ފިޔަވައްޗަށް ވަން މައްސަލަ ފެންމަތިކޮށް، އެ ކަން ބަލައިދޭން ހުށަހަޅައިފި

19 ސެޕްޓެމްބަރ 2021

ހުޅުމާލޭގެ "ފިޔަވަތި" ގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހަމަނުޖެހުން ހިނގި ވަގުތު އެ ތަނުގެ އެތެރެއަށް މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވަދެވަޑައިގެންނެވި މައްސަލަ ފެންމަތިކޮށް، އޭނާ އެ މަގާމުން ސަސްޕެންޑް ކުރަން ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލޭގެ "ފިޔަވަތި" ގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހަމަނުޖެހުން ހިނގި ވަގުތު އެ ތަނުގެ އެތެރެއަށް މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވަދެވަޑައިގެންނެވި މައްސަލަ ފެންމަތިކޮށް، އޭނާ އެ މަގާމުން ސަސްޕެންޑް ކުރަން ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމައިފި އެވެ.

އެ ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދު "މިހާރު" އަށް ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަނާއި ކުޑަކުދިންގެ އޮމްބަޑްސްޕާސަންގެ އޮފީހުން ކޮމިޓީ އަށް ހުށަހަޅާފައިވާ ރިޕޯޓުގައި، މާލެ ސިޓީ ކައުންސިލްގެ މެމްބަރަކު މި ހާދިސާ ހިނގި ވަގުތު ހުއް ދަނެތި "ފިޔަވަތި" އަށް ވަދެވަޑައިގެންނެވި ކަމަށާއި އަދި އެތަނަށް ވީޑިއޯ ކުރަން މީހުން ވެއްދި ކަމަށް ވެސް ބުނެފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ބަލައިދޭން އެލްޖީއޭ އަށް ހުށަހަޅަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅާނެ ފިޔަވަޅެއް ނިންމާނީ އެލްޖީއޭ އިން،" ހިންނަވަރު ދާއިރާގެ މެމްބަރު ޖިހާން ވިދާޅުވި އެވެ.

ނަމަވެސް "މިހާރު" އާ ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް ޝުޖާއު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ.

"އަޅުގަނޑަކީ މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރޭ ބުނީމާ އެ ރޭ ފިޔަވައްޗަށް ވެއްދީ. އެ ތަނުގައި ތިއްބެވި ވެރިން އަޅުގަނޑު ނުވެއްދި ނަމަ ކިހިނެއްތޯ އަޅުގަނޑު ވަންނާނީ؟ މިއަދު ހަވީރު ވެސް ޖެންޑާ މިނިސްޓަރު ފިޔަވަތީގައި އުޅުއްވާތީ، އެ ތަނުގައި މިހާރު ދިމާވެގެން އުޅޭ މައްސަލައިގައި ވާހަކަ ދައްކާލަން އެ ތަނަށް ވަންނަން އެދުނިން. އެކަމަކު އެ ތަނަށް ވަންނަން ހުއްދައެއް ނުލިބުނު،" ޝުޖާއު ވިދާޅުވި އެވެ.

"މާނައަކީ ހުއްދަ ނުދިން ނަމަ ތިޔަ ބުނާ ރެއަކު ވެސް އަޅުގަނޑަކަށް އެ ތަނަކަށް ނުވަދެވޭނެއޭ. މިއަދު ވެސް ހުއްދަ ނުދިނީމާ ނުވަދެވުނީ."

މިއަދު ބޭއްވި ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމުގައި ޝުޖާއުގެ މައްސަލަ ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރުން މުހައްމަދު މުމްތާޒެވެ.

އޭނާ ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަނާއި ކުޑަކުދިންގެ އޮމްބަޑްސްޕާސަންގެ އޮފީހުން ހުށަހަޅާފައިވާ ރިޕޯޓުގައި މާލޭ ސިޓީ ކައުންސިލްގެ މެމްބަރަކު ފިޔަވައްޗަށް ވަދެވަޑައިގެން ކުދިންނާ މުއާމަލާތު ކުރެއްވި ކަމަށާއި އެހެނިހެން ގޮތްގޮތުން ވެސް އެކަމުގެ ތެރޭގައި އެ މެމްބަރު އުޅުއްވިކަން ފާހަގަވާތީ އެ މައްސަލަ ބަލަން ޖެހޭ ކަމަށެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި، "ފިޔަވަތި" ގައި ހަމަނުޖެހުން ހިނގި ވަގުތު އެ ތަނަށް ދިޔަ މީޑިއާ ވެސް ހަމައަކަށް އަޅުވައި، ކަމުގެ ހައްސާސްކަން ކިޔައި ދެއްވީ އޭނާ އެވެ.

"ފިޔަވަތީގެ އެތެރެ ވީޑިއޯ ކުރަން އެއްވެސް މީހަކު އަޅުގަނޑު ނުވައްދަން. އަޅުގަނޑު އެ ތަނަށް ގަދަކަމުން ވަދެ، ވީޑިއޯ ކުރަން އެހެން މީހުންނަށް ފުރުސަތު ދިން ނަމަ އެކަން މީޑިއާ އަށް ވެސް ފެންނާނެ،" ޝުޖާއު ވިދާޅުވި އެވެ.

މައްސަލަ ރިޕޯޓްކުރުމުގައި ބައެއް މީޑިއާތަކުން ވެސް އަމަލު ކޮށްފައިވާ ގޮތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި މީޑިއާތަކުގެ މައްސަލަ ވެސް މީޑިއާ ކައުންސިލުން ބަލަން ހުށަހަޅަން މުމްތާޒް އެދިވަޑައިގަތެވެ.

ކޮމިޓީގެ ނިންމުމާ ގުޅިގެން ޝުޖާއު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮމިޓީ އަށް ވަޑައިގަންނަވަން އޭނާ ތައްޔާރަށް ހުންނެވި ކަމަށާއި "ލައްކަ ވާހަކަދައްކަން އެބަހުރި" ކަމަށެވެ.

ޝުޖާއު "މިހާރު" އަށް ވިދާޅުވީ، "ފިޔަވަތި" ގައި އުޅޭ ބައެއް ކުދިންގެ މައްސަލަތައް ހުޅުމާލޭގައި އުޅޭ މީހުން އެތައް ފަހަރަކު އޭނާއާ ހަމައަށް ގެނެސްފައިވާ ކަމަށެވެ. އެކަމަކު، ދުވަހަކު ވެސް އެ ކަމަށް ސަރުކާރުން ހައްލެއް ހޯދައި ނުދެވުނު ކަމަށް ވިދާޅުވި އެވެ.

ހުކުރު ދުވަހުގެ ރޭގެ ހަމަނުޖެހުންތަކާ ގުޅިގެން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ހުޅުމާލޭގައި ބައިތިއްބާ ފިޔަވަތީގެ ފުރާޅުމައްޗަށް ނޭރޭ ގޮތަށް ހެދުމަށް، ޖެންޑާ މިނިސްޓްރީ އަށް އެންގުމަށް ވެސް ހިއުމަން ރައިޓްސް ކޮމިޓީން މިއަދު ވަނީ ނިންމައިފަ އެވެ.

ފިޔަވަތީގައި މައްސަލަތައް ބޮޑުވެ، ބައެއް ކުދިން އެތަނުން ބޭރަށް ނުކުމެ، ފުރާޅު މައްޗަށް އަރައި އެ ތާނގައި ކުދިން ބަލަން ތިބޭ މީހުންނަށް ނުކިޔަމަންތެރިކަން ދައްކާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. ރޭގެ ވަގުތެއްގައި ވެސް ފިޔަވަތީގެ ފުރާޅުމަތީގައި އެތައް ގަޑިއިރެއް ވަންދެން ކުއްޖަކު އިން ފޮޓޯތަކެއް އާންމުވި އެވެ. އަދި މައްސަލަ ބޮޑުވެ ހުކުރު ދުވަހު ވަނީ ފިޔަވަތީގައި އަލިފާން ވެސް ރޯކޮށްލައިފަ އެވެ.