Roadha Mihaaru
އެލްޖީއޭގެ ބޯޑަށް މެމްބަރުން އައްޔަންކުރަން ހުށަހަޅައިފި

އެލްޖީއޭގެ ބޯޑަށް ތިން ބޭފުޅަކު އައްޔަން ކުރަން މަޖިލިހަށް ހުށަހަޅައިފި

05 ޖޫން 2017

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ނިންމެވި ތިން ބޭފުޅުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ނިންމެވި ތިން ބޭފުޅުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފި އެވެ.

އެއީ ޖެންޑާ އިކުއަލިޓީގެ ދާއިރާ އިން ފ. ނިލަންދޫ، ހަތިކޮޅު މިންނާ ރަޝީދާއި މަދަނީ ޖަމިއްޔާގެ މެމްބަރެއްގެ ހައިސިއްޔަތުން ސ. ހިތަދޫ ފަރުދާބަގީޗާގޭ އަހުމަދު ހަސަން (ޗާނދަލިޔާ ހަސަން) އަދި ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން ގއ. ކަނޑުހުޅުދޫ ހެޕީ ކޯނާ އާމިރު އަލީ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވަނީ، ތިން ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް ގައުމީ ސަލާމަތުގެ ކޮމެޓީ އަށް ފޮނުވައިފަ އެވެ.

މީގެ އިތުރުން ރާއްޖޭން ތައިލެންޑަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އައްޔަން ކުރެއްވުމަށް ރައީސް ޔާމީން ނިންމެވުމާ ގުޅިގެން އެ މައްސަލަ ދިރާސާ ކުރުމަށާއި ރާއްޖެ އާއި ޔޫއޭއީ އާއި ދެމެދު ޕްރޮމޯޝަންސް އެންޑް ރެސިޕްރޯކަލް ޕްރޮޓެކްޝަން އޮފް އިންވެސްޓްމަންޓްގައި ދިވެހި ސަރުކާރުން ސޮއިކުރުމުގެ މައްސަލަ ދިރާސާ ކުރަން ގައުމީ ސަލާމަތުގެ ކޮމެޓީ އަށް ވަނީ ފޮނުވައިފަ އެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގައި ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފައި ވަނީ އެލްޖީއޭގެ ބޯޑު އެކުލަވައިލުމުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އަށް ދިނުމަށެވެ. އެ ގާނޫނު ތަސްދީގުކޮށް، އަމަލްކުރަން ފެށުމާ އެކު އެލްޖީއޭގެ ބޯޑު އުވުނީ އެވެ.

މިހާރު އޮތް ގޮތުން އެލްޖީއޭ ބޯޑުގައި އެއްވެސް ކައުންސިލަަރަކު ނުހިމެނޭނެ އެވެ. ކުރިން އެލްޖީއޭގައި، ހަ ކައުންސިލަރުންނާ އެކު، ނުވަ މެމްބަރުން ތިބެ އެވެ. ނަމަވެސް އަލަށް ފާސް ކުރި ގާނޫނުގައި އޮންނަ ގޮތުން އެލްޖީއޭގެ ބޯޑުގައި ތިއްބަވާނީ ފަސް މެމްބަރުންނެވެ.

އެއީ ރައީސް އައްޔަން ކުރައްވާ ވަޒީރަކާއި ޖެންޑާ އިކުއަލިޓީގެ ދާއިރާގެ އަންހެން ތަޖުރިބާކާރަކާއި މަދަނީ ޖަމިއްޔާގެ މެމްބަރަކާއި ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން ތަޖުރިބާ ލިބިފައިވާ މީހެއްގެ އިތުރުން ޗީފް އެގްޒެކްޓިވް އޮފިސަރު އެވެ. އެކަމަކު މަޖިލިހަށް ރައީސް ޔާމީން ހުށަހެޅުއްވި ނަންތަކުގެ ތެރޭގައި ޗީފް އެގްޒެކްޓިވް އޮފިސަރަކަށް އައްޔަން ކުރައްވާނެ ބޭފުޅެއްގެ ނަމެއް ނެތެވެ.

އެލްޖީއޭގެ ބޯޑުގެ މެމްބަރުންނަށް ލިބޭ އިނާޔަތްތައް ކަނޑައަޅުއްވާނީ ވެސް، ގާނޫނުގައި ބުނާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އެވެ. މެންބަރުންގެ މުއްދަތަކީ ފަސް އަހަރެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަ ގޮތުގައި ގާނޫނަށް ގެނައި މި ބަދަލަކީ ރައްޔިތުން އިތުރަށް އަޅުވެތި ކުރަން ކުރި ކަމެކެވެ.

އެލްޖީއޭގެ ބޯޑަށް ރައީސް ޔާމީން ފޮނުއްވި ނަންތައް ދިރާސާ ކުރަން ކޮމެޓީ އަށް ފޮނުވިއިރު، ނިމިގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިދިކޮޅު ޕާޓީތަކުން ވަނީ ތިން ސިޓީ ކައުންސިލްގެ އިތުރުން އާބާދީ ބޮޑެތި ގިނަ ރަށްރަށުގެ ކައުންސިލްތަކުގެ އަޣުލަބިއްޔަތު ވެސް ހޯދައިފަ އެވެ.