Roadha Mihaaru
ފިޔަވަތީގެ މައްސަލަތައް އެބަ ބަލަން: އޮމްބަޑްސްޕާސަން

ފިޔަވަތީގެ މައްސަލަތައް އެބަ ބަލަން، ކުދިންގެ ކަރާމާތަށް ގެއްލުންވާ ކަމެއް ނުކުރޭ: އޮމްބަޑްސްޕާސަން

18 ސެޕްޓެމްބަރ 2021

ފިޔަވަތީގައި ރޭ ހިނގަދިޔަ ކަންތައްތައް ބަލަމުން އަންނަ ކަމަށާއި އެ ތަނުގައި އުޅޭ ކުދިންގެ ކަރާމާތަށް ގެއްލުންވާ އެއްވެސް ކަމެއް ނުކުރަން ޗިލްޑްރަންސް އޮމްބަޑްޕާސަންގެ އޮފީހުން މިއަދު އިލްތިމާސްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފިޔަވަތީގައި ރޭ ހިނގަދިޔަ ކަންތައްތައް ބަލަމުން އަންނަ ކަމަށާއި އެ ތަނުގައި އުޅޭ ކުދިންގެ ކަރާމާތަށް ގެއްލުންވާ އެއްވެސް ކަމެއް ނުކުރަން ޗިލްޑްރަންސް އޮމްބަޑްޕާސަންގެ އޮފީހުން މިއަދު އިލްތިމާސްކޮށްފި އެވެ.

އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ހިނގައިދިޔަ ހާދިސާއާ ގުޅިގެން އޮމްބަޑްސްޕާސަންގެ އޮފީހުގެ މުވައްޒަފުން އެ ސަރަހައްދަށް ގޮސް މޮނިޓާ ކޮށްފައިވާ ކަމަށެވެ. އަދި، އެކަމާ ގުޅިގެން އިތުރަށް ބަލަމުންދާ ކަމަށާއި އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބޭ، އުމުރުން ނުވަ އަހަރުން ދަށުގެ ކުދިން ބެލެހެއްޓުމަށް ހާއްސަ ކޮށްފައިވާ މަރުކަޒުގައި އުޅޭ ކުދިންތަކެއް އެ ތަނުގެ އިއްޔެ ފުރާޅުމައްޗަށް އަރައި ތަނަށް ގެއްލުން ދީފައިވެ އެވެ. އަދި ބޭރަށް ނުކުމެ ނުކިޔަމަންތެރިކަން ދައްކާތާ 24 ގަޑިއިރު ފަހުން، އެ ތަނުގައި ރޭ އަލިފާން ވެސް ރޯކޮށްލާފައިވެ އެވެ.

"އިއްޔެ ހިނގާދިޔަ މި ހާދިސާއާ ގުޅޭ ފޮޓޯ އަދި ވީޑިއޯ ބައެއް ނޫސްތަކުގައި އަދި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އެކިއެކި ފަރާތްތަކުން އާއްމު ކުރަމުން ގެންދިޔަކަން ހިތާމައާއެކު ފާހަގަކުރަމެވެ. އެހެންކަމުން، އެންމެހާ ފަރާތްތަކުން ވެސް ފިޔަވަތީގައި ތިބޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ މިފަދަ އަމަލުތައް ނުކުރުމަށް އިލްތިމާސް ކުރަމެވެ،" ބަޔާނުގައި ބުންޏެވެ.

އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތް ކުރުމުގައި ހަރަކާތްތެރިވާ އެންމެން ވެސް އެ ކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ އިން ލިބިދޭންޖެހޭ ހުރިހާ ހައްގެއް ކަށަވަރު ކޮށްދިނުމުގައި ދެމިތިބުމަށް އެދިފަ އެވެ. އަދި އެފަދަ ހާދިސާތަކާ ގުޅިގެން މުއައްސަސާތަކާއި މުޅި މުޖުމަތައުގެ ފަރާތުން ކުދިންގެ ރައްކާތެރިކަން އިސްކޮށް، އެ ކުދިންގެ މަސްލަހަތު ހިމާޔަތްކުރުމާއި ހައްގުތައް ކަށަވަރު ކޮށްދިނުމަށް މަސައްކަތްކޮށް، އެކަންކަން ހާސިލްކުރަން އެއްބާރުލުން ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ބުންޏެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ކަންތައްތައް ތަންފީޒުކުރާ ވަރު ކަނޑައެޅުމަށް ޗިލްޑްރަން އޮމްބަޑްސްޕާސަންގެ ނަމުގައި މިނިވަން މަގާމެއް އުފެއްދީ މިދިޔަ އަހަރު އެވެ.