Roadha Mihaaru
ހިޔާގެ އިސްވެރިން ޖަވާބުދާރީކުރުވަން ޖިނާއީ ތަހުގީގަކަށް

ހިޔާގެ އިސްވެރިން ޖަވާބުދާރީ ކުރުވަން ޖިނާއީ ތަހުގީގެއް ހިންގަން އެދިއްޖެ

18 ޖެނުއަރީ 2022

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތަކުރާރުކޮށް އަލިފާނުގެ ހާދިސާތައް ހިނގާފައި ވަނީ އެ ތަނުގެ އިސްވެރިންގެ އިހުމާލުން ކަމަށް ބެލެވޭތީ، އެ މީހުން ޖަވާބުދާރީ ކުރުވުމަށް ޖިނާއީ ތަހުގީގެއް ހިންގައި ދިނުމަށް، ކުޑަކުދިންގެ އޮމްބަޑްސްޕާސަންސްގެ އޮފީހުން ފުލުހުންގެ ކިބައިން އިއްޔެ އެދިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތަކުރާރުކޮށް އަލިފާނުގެ ހާދިސާތައް ހިނގާފައި ވަނީ އެ ތަނުގެ އިސްވެރިންގެ އިހުމާލުން ކަމަށް ބެލެވޭތީ، އެ މީހުން ޖަވާބުދާރީ ކުރުވުމަށް ޖިނާއީ ތަހުގީގެއް ހިންގައި ދިނުމަށް، ކުޑަކުދިންގެ އޮމްބަޑްސްޕާސަންސްގެ އޮފީހުން ފުލުހުންގެ ކިބައިން އިއްޔެ އެދިއްޖެ އެވެ.

އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުޑަކުދިން ބައިތިއްބާ މަރުކަޒުތަކުގައި ތިބޭ ކުދިންނާއި މުވައްޒަފުންނާއި އެ އިމާރާތް އަލިފާނުގެ ހާދިސާތަކުން ސަލާމަތް ކުރުމަށް ބޭނުންވާ އާލަތްތައް ހުރުން ގާނޫނުތަކާއި ގަވާއިދުތަކުން ލާޒިމު ކޮށްފައި ވިޔަސް ހިޔާގައި އެފަދަ އެއްވެސް ވަސީލަތެއް ނެތް ކަމަށެވެ.

އަލިފާނުގެ ހާދިސާތަކުން ސަލަމާތް ކުރުމަށް ބޭނުންވާނެ އާލާތްތައް ނެތުމާއި އެހެނިހެން ސަބަބުތަކާ ހުރެ، ހިޔާ އަކީ ކުޑަކުދިން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫން ކަން އޮމްބަޑްސްޕާސަންސްގެ އޮފީހުން ޖެންޑާ މިނިސްޓްރީ އަށް އަންގާފައި ވިޔަސް، އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ އަދި އަލިފާނުން ރައްކާތެރިވުމަށް ބޭނުންވާ ސާމާނު ހޯދުމެއް ނެތި ކުދިން އެ ތަނުގައި ބައިތިއްބާ ކަމަށެވެ.

ކުޑަކުދިންގެ ހިޔާގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގައި ސިފައިން ހަރަކާތްތެރިވަނީ.- ފޮޓޯ: އެމްއެންޑީއެފް

ކުޑަކުދިންގެ ހިޔާގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގައި ސިފައިން ހަރަކާތްތެރިވަނީ.- ފޮޓޯ: އެމްއެންޑީއެފް

ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިންނާއި މީހުން ބައިތިއްބާ އުސޫލު ބަޔާންކުރާ ގަވާއިދަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި މިފަދަ ފެސިލިޓީތަކުގެ ރައްކާތެރިކަމުގެ މިންގަނޑާއި އިމަޖެންސީގެ ހާލަތުތަކުގައި ކަންތައް ކުރާނެެ ގޮތުގެ އުސޫލެއް، ޖެންޑާ މިނިސްޓްރީން އެކުލަވައިލަން ޖެހޭނެ ކަމަށް އެ ގަވައިދުގައި ބުނެފައި އޮވެ އެވެ. އެކަމަކު، މިހާތަނަށް އެ މަސައްކަތް ވެސް ކޮށްފައި ނެތް ކަމަށް އޮމްބަޑްސްޕާސަންސްގެ އޮފީހުން ބުންޏެވެ.

އެހެންވެ، ހިޔާ ހިންގަނީ ގާނޫނާއި ގަވައިދުތަކާ ހިލާފަށް ކަމަށް ވާތީ، މިދިޔަ އަހަރުގެ މެއި 4 އާއި ޖޫން 6 ގައި އެ ތަނުގައި ހިނގާފައިވާ އަލިފާނުގެ ހާދިސާތަކާ ގުޅިގެން، އެ މަރުކަޒުގެ މަސްއޫލު މަގާމުތަކުގައި ތިބި މުވައްޒަފުން ޖަވާބުދާރީ ކުރުވޭނެހެން ޖިނާއީ ތަހުހީގެއް ހިންގައި ދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށް، ކުޑަކުދިންގެ މައްސަލަތަކުގައި އިހުމާލުވާ އިދާރާތަކަށް ފިޔަވަޅު އެޅުމުގެ ބާރު ގާނޫނުން ދީފައިވާ އޮމްބަޑްސްޕާސަންސް އޮފީހުގެ ބަޔާނުގައިވެ އެވެ.

މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީ އަށް، ނުވަ އިރުޝާދާއި ލަފާ ދީފައިވާނެ ކަމަށް ވެސް އޮމްބަޑްސްޕާސަންސްގެ އޮފީހުން ބުނެ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ އުމުރުން 13-18 އަހަރާ ދެމެދުގެ ކުދިން ބެލެހެއްޓުމަށް އެންމެ ފުރަތަމަ ހާއްސަކުރި، ވިލިމާލެ ހިޔާގައި މިދިޔަ އަހަރު އަލިފާނުގެ ހަތަރު ހާދިސާއެއް ހިނގައި، އެ މަރުކަޒަށް ގެއްލުންތަކެއް ލިބިފައިވެ އެވެ. އެ ތަނުގައި އެންމެ ފުރަތަމަ އަލިފާން ރޯވީ ކުދިންތަކެއް ނިދާ ކޮޓަރިއެއްގަ އެވެ. އެކަމަކު، އެއިން އެއްވެސް ހާދިސާއެއްގައި ކުއްޖަކަށް އަނިޔާއެއް ނުވެ އެވެ.

އެ މަރުކަޒު މިހާރު ހަމަޖައްސާފައި ވަނީ އުމުރުން ދުވަސްވީ މީހުންނާއި ގެވެށި އަނިޔާގެ ޝިކާރައަށް ވާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދޭ މާހައުލެއްގެ ގޮތުގަ އެވެ. އެހެންވެ، އެންމެ ފަހުން އަލިފާން ރޯވިއިރު އެ ތަނުގައި ތިބީ ތިން ކުދިންނާއި ދެ މީހެކެވެ. ދެން ތިބި ކުޑަކުދިން ވަނީ އާއިލާތައް އަދި ރަށްރަށުގައި ގާއިމު ކޮށްފައިވާ "އަމާން ހިޔާ" ތަކަށް ބަދަލުކޮށްފަ އެވެ.

މި އަލިފާނުގެ ހާދިސާތަކާއެކު ހިޔާގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ވަނީ ހާމަވެފަ އެވެ.

ޗިންލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމާތު ޝަފީގް، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގައި މިދިޔަ އަހަރު ވިދާޅުވެފައި ވަނީ ހިޔާގައި ކުދިން ތިބޭ ކޮޓަރިތައް ބަލައި ފާސްނުކުރާ ކަމަށާއި ކުދިންނަށް ނުރައްކާ ވާނެ ތަކެތި އެ ކޮޓަރިތަކުން ފެނިފައިވާ ކަމަށެވެ. އެ ތަނުގައި ތިބޭ އެހެން ކުދިންނާއި ތަނާއި ތަކެއްޗަށް ގެއްލުން ދިނުމުން ވެސް އަހުލާގީ އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބައިތިއްބަމުން އަންނަ ތަންތަނަކީ ކުދިންނަށް އެންމެ އެކަށީގެންވާ މާހައުލެއް ނޫން ކަމަށް "މިހާރު" އަށް ދިން އިންޓަވިއުއެއްގައި ވެސް ނިއުމާތު ވިދާޅުވެފައިވެ އެވެ.