Roadha Mihaaru
ހިޔާއަކީ ކުދިން ބައިތިއްބަން ރައްކާތެރި މާހައުލެއް ނޫން

ހިޔާއަކީ ކުދިން ބައިތިއްބަން ރައްކާތެރި މާހައުލެއް ނޫން

05 އެޕްރީލް 2021

ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިންގެ ހިޔާގައި ބައިތިއްބާ ކުދިން ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށާއި އެހެންވެ އެތަނުގައި ކުދިން ބައިތިިއްބުން ރައްކާތެރިނޫން ކަމަށް ވިދާޅުވެ، ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމާތު ޝަފީގް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިންގެ ހިޔާގައި ބައިތިއްބާ ކުދިން ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށާއި އެހެންވެ އެތަނުގައި ކުދިން ބައިތިިއްބުން ރައްކާތެރިނޫން ކަމަށް ވިދާޅުވެ، ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމާތު ޝަފީގް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ކަންތައްތައް ތަންފީޒުކުރާ މިންވަރު ކަނޑައަޅަން މިނިވަން މުސްތަގިއްލު މަގާމެއް ގޮތަށް މިދިޔަ އަހަރު އުފެއްދި އޮމްބަޑްސްޕާސަން ވަނީ، ހިޔާގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކުރައްވައި، ޖެންޑާ މިނިސްޓްރީއާ ހިއްސާ ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހިޔާގައި ތިބޭ ކުދިން ބޭރަށް ނިކުމެ، ކުށްތަކަށް ހުށަހެޅުމުގެ މަގު އޮތީ ފަހިވެފަ އެވެ.

ހިޔާގައި ތިބި ބައެއް ކުދިންގެ އަމަލުތަކުން، އެތަނުގެ މުވައްޒަފުންނާއި އެހެން ކުދިންގެ ސަލާމަތަށް ނުރައްކާވެފައިވާކަން ވެސް ނިއުމާތު ފާހަގަ ކުރެއްވި އެވެ. މީގެ ފަސް ވަރަކަށް ދުވަސް ކުރިން އެތަނުގައި ބޮޑު ހަމަނުޖެހުމެއް ހިނގައި، މައިދޮރު ހަލާކުކޮށްލައި މުދަލަށް ބޮޑެތި ގެއްލުން ދީފައިވެ އެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި 10 ކުއްޖަކު އެތަނުން ފިލައިގެން ވެސް ދިޔަ އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން ނިއުމާތު ވިދާޅުވީ މިއީ އިއްޔެ އަދި މިއަދު ވީ ކަންކަމެއް ނޫން ކަމަށާއި ކުރިއްސުރެ ހިނގަމުން ދިޔަ ކަންތައްތަކެއް ކަމަށެވެ. އެކަންކަން ހައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާތީ މިހާރު ހިޔާގެ ހާލު ގޯސްވެ، އެތަނުގެ ކުދިން ބައިތިއްބުން ރައްކާތެރި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަންކަން ހައްލުކުރުމަށް އަޅުގަނޑުމެން ވާނީ 17 ވަރަކަށް ރެކޮމެންޑޭޝަންތައް ވެސް ފޮނުވާފައި،" ނިއުމާތު ވިދާޅުވި އެވެ.

ކުޑަކުދިންގެ ހިޔާ އާއި ފިޔަވައްޗާއި ރަށްރަށުގައި ހުންނަ އަމާންވެށިތަކުގައި ތިބެނީ އެކިއެކި ކުށުގެ މާހައުލުން ގެންނަ ކުދިންނާއި މައިންބަފައިން އިހުމާލުވުމުގެ ސަބަބުން ދައުލަތަށް ނަގާ ކުދިންނެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ހުރިހާ ކުދިން ވެސް މީގެ ކުރިން ބޭތިއްބީ ވިލިމާލޭގައި ހުންނަ ހިޔާގަ އެވެ. އެކަމަކު ފަހުން ހުޅުމާލޭގައި އެ ފަދަ ތަނެއް ހުޅުވައި، ހިޔާގައި ތިބި 13 އަހަރުން ދަށުގެ ކުދިން ވަނީ އެތަނަށް ބަދަލުކޮށްފަ އެވެ. އަދި ފިޔަވައްޗާއި ހިޔާގައި ތިބޭ ކުދިން މިހާރު އަންނަނީ ރަށްރަށަށް ބަދަލުކުރަމުންނެވެ.