Roadha Mihaaru

އެއްވުމުގައި ދެއްކި ވާހަކަތަކުގެ ތަހުގީގު ކުރާކަން ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހަށް އެންގި: ފުލުހުން

އިދިކޮޅު އެމްޑީޕީގެ އެއްވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކާ އެކު، ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދިފައި ނުވާނެ ކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީސް (ސީސީއޯ) އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވިޔަސް އެފަދަ ތަހުގީގެއް ކުރަމުން އަންނަކަން އެ އޮފީހަށް މިދިޔަ މަހު އަންގާފައިވާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

"އެއްވުމުގެ ވާހަކަތަކުގެ ތަހުގީގު ކުރާކަން އެންގި"
އިފްރާޒް އަލީ
އިފްރާޒް އަލީ

22 އެޕްރީލް 2025

އިދިކޮޅު އެމްޑީޕީގެ އެއްވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކާ އެކު، ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދިފައި ނުވާނެ ކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީސް (ސީސީއޯ) އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވިޔަސް އެފަދަ ތަހުގީގެއް ކުރަމުން އަންނަކަން އެ އޮފީހަށް މިދިޔަ މަހު އަންގާފައިވާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެމްޑީޕީގެ އެއްވުމާ ގުޅޭ ތަހުގީގެއް ކުރާކަން ފުލުހުން، ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހަށް އެންގީ މިދިޔަ މާޗު 13 ވަނަ ދުވަހު އޮފީހުން ފޮނުވި ސިޓީއާ ގުޅިގެން މާޗު 17 ގައި ދިން ޖަވާބުގަ އެވެ.

ޖިނާއީ ތަހުގީގެއް ހިންގަައިދޭން ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން އެދިފައި ނުވާ ކަމަށް އެ އޮފީހުގެ ރޭގެ ބަޔާނުގައި ބުނެފައިވާތީ، އެެހެން ބުނި ސަބަބު ސާފުކުރުމަށް ފުލުހުންގެ އިދާރާ އިން މިއަދު ފޮނުވި ސިޓީގައި ވެސް ބުނެފައި ވަނީ ތަހުގީގު ކުރަމުން އަންނަކަން މާޗު 17 ގެ ސިޓީގައި އަންގާފައިވާނެ ކަމަށެވެ. މިއަދު ފޮނުވި ސިޓީގައި ވެސް އެހެން ބުނެފައިވާނެކަން ފުލުހުން އިސް އޮފިޝަލަކު ކަށަވަރު ކޮށްދެއްވި އެވެ.

ރައީސްގެ ދަރިކަލުންނާ ވޭޕާ ގުޅުވައި ދެއްކި ވާހަކަތަކަކާ ގުޅިގެން ފުލުހުން ގެންދަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އާއި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ)ގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން މާޗު 13 ގައި ފޮނުވި ސިޓީގެ މަގުސަދު ސާފުކޮށްދިނުމަށް ފުލުހުން މިއަދު އެދުނީ އެ މައްސަލައާ ގުޅުވައިގެން ތަހުގީގެއް ކޮށްދޭން އެދިފައި ނުވާނެ ކަމަށް ރޭ ނެރުނު ބަޔާނެއްގައި އެ އޮފީހުން ބުނެފައިވާތީ އެވެ.

މާޗު 13 ވަނަ ދުވަހު ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ފުލުހުންނަށް ފޮނުވި ސިޓީގައި އެމްޑީޕީގެ އެއްވުމަށް އިޝާރާތްކޮށް، ބުނެފައި ވަނީ "މިފަދަ ހަރަކާތްތަކުގައި ފުލުހުން އިންތިޒާމު ވެގެން ތިއްބަވާއިރު، ކުޑަކުދިންގެ ޒާތީ މައުލޫމާތު ހާމަކޮށް، ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނަ މައުލޫމާތު ހާމަނުކުރެވޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކޮށްދެއްވުން އެދި ދަންނަވަމެވެ،" މިހެންނެވެ.

އަދި މަންދީ ދެއްކި ވާހަކަތަކުގެ ލައިވް ފެންނަ ލިންކެއް ވެސް ވެސް އެ ސިޓީއާ އެކު ފުލުހުންނާ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ހިއްސާކުރި އެވެ.

ފުލުހުންގެ އޮފިޝަލް ވިދާޅުވީ، މާޗު 13 ގައި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ފުލުހުންނަށް ފޮނުވި ސިޓީގައި ލިޔެފައިވާ އިބާރާތް ކުރީގެ ސިޓީތަކުގައި ވެސް ބޭނުންކޮށްފައިވާއިރު މާޗު 13 ގެ ސިޓީ ތަފާތުވި ސަބަބު އެނގެން ބޭނުންވާ ކަމަށެވެ.

"އެހެންވެ، މާޗު 13 ގައި އެ އޮފީހުން ފޮނުވި ސިޓީގެ މަގުސަދު އަޅުގަނޑުމެން އެނގެން ބޭނުންވޭ،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

އެ ތަހުގީގަކީ ރައީސްގެ އާއިލާއިން އެދިގެން ހިންގާ ތަހުގީގެއް ނޫން ކަމަށް އެ އާއިލާގެ ވަކީލް އާޒިމާ ޝަކޫރު ވިދާޅުވެފައި ވަނިކޮށް، ފުލުހުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ތަހުގީގު ހިންގަނީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.