Roadha Mihaaru
ހިޔާގައި ބޮޑެތި މައްސަލަތަކާއި އިހުމާލުތަކެއް!

ކުޑަކުދިންގެ ހިޔާގައި ބޮޑެތި މައްސަލަތަކާއި އިހުމާލުތަކެއް!

06 އެޕްރީލް 2021

ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިން ބެލެހެއްޓުމުގައި ބޮޑެތި އިހުމާލުތަކެއް ހުރިކަން ހާމަވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިން ބެލެހެއްޓުމުގައި ބޮޑެތި އިހުމާލުތަކެއް ހުރިކަން ހާމަވެއްޖެ އެވެ.

ހިޔާއަކީ ކުޑަކުދިން ބައިތިއްބުމަށް ރައްކާތެރި މާހައުލެއް ނޫން ކަމަށް ވިދާޅުވެ، ޗިންލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމާތު ޝަފީގް، ޖެންޑާ މިނިސްޓްރީ އަށް ފޮނުއްވި ސިޓީ "މިހާރު" ގައި އާންމުކުރުމާއެކު، އޭނާ އާއި ޖެންޑާ މިނިސްޓްރީގެ ބައެއް ވެރިން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ، ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ.

އެއީ ސިޓީގައިވާ ކަންކަމާ ގުޅޭގޮތުން މަޖިލީހުގެ މެމްބަރުން ސުވާލު ކުރެއްވުމަށެވެ.

މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ނިއުމާތު ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ފަރާތުން ފެންނަ ބައެއް މައްސަލަތަކާއެކު، އެ ކުދިން ތިބޭ ހިޔާގައި ހުރި ބޮޑެތި މައްސަލަތައް ފާހަގަކޮށް، ޖެންޑާ މިނިސްޓްރީއާ ހިއްސާ ކޮށްފައިވާ ކަމަށެވެ. ހިޔާ އިން ފާހަގަވި އިހުމާލުވުމުގެ 17 މައްސަލައެއް، ކޮމިޓީގެ މެމްބަރުންނަށް ވެސް އޭނާ މިއަދު ވިދާޅުވެ ދެއްވި އެވެ.

ނިއުމާތު ވިދާޅުވި ގޮތުގައި ކުދިން ތިބޭ ކޮޓަރިތައް ބަލައި ފާސްނުކުރާއިރު، އެ ތަންތަނުން، ކުދިންނަށް ނުރައްކާ ވާނެ ތަކެތި ވަނީ ފެނިފަ އެވެ. ޑިއުޓީގެ ވަގުތުގައި، އެ ކުދިން ބަލަހައްޓާ ކެއާވޯކަރުން އަމަލު ކުރާނެ ވަކި އުސޫލެއް ނެތުމުން "ކުދިން އެތަނުގެ ތެރޭގައި ހަމަ އުޅެނީ" ކަމަށް އޭނާ ވިދާޅުވި އެވެ.

ނިއުމާތު ވިދާޅުވީ، ކުއްޖަކު، އެ ތަނުގައި ތިބޭ އެހެން ކުދިންނާއި ތަނާއި ތަކެއްޗަށް ގެއްލުން ދިނުމުން ވެސް އަހުލާގީ އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށެވެ. އެ ހާލަތުގައި ހަމައެކަނި "ސޮރީ ބުނެލާފައި ދިޔައީމާ" އެކަން ނިމުނީ އެވެ. އެކަމަކު އެ ފަދަ ގެއްލުންތައް ދިނުމުން، ކުއްޖާގެ ކަރާމާތާއި އަހުލާގަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަން ދަސްކޮށްދޭން ޖެހޭ ކަމަށް ވެސް ނިއުމާތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގިނަ އަދަދެއްގެ ކުޑަކުދިން އުޅޭ "ހިޔާ" ގައި، އެކަށީގެންވާ ގޮތަށް ސެކިއުރިޓީގެ ކަންކަމެއް ނުބެލެހެއްޓޭ ކަމަށެވެ. ހިޔާގެ ބޭރު ދޮރުގެ ލޮކް ސިސްޓަމް ހަލާކުވެފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ކުދިންގެ ކޮޓަރިތަކުގެ ތަޅު ވެސް ހުންނަނީ ހަލާކުވެފަ އެވެ. އެތަނުގެ ބައެއް ކުދިން، ބޭރުގައި ތިބޭ މީހުންނާ ފޯނުން މުއާމަލާތުކޮށްގެން، ދަންވަރު ގަޑީގައި ބޭރަށް ނުކުންނައިރު، ކުދިން ބެލެހެއްޓުމަށް އެކަށީގެންވާ އަދަދަކަށް މުވައްޒަފުންނެއް ނުތިބެ އެވެ.

"ކުދިން ބޭރަށް ނިކުންނާނެ އުކުޅުތައް އެބަ ހޯދާ. އެއްކޮޅުގައި ކުދިން ތިބެފައި އުނދަގޫކޮށްލީމާ، އެތަނަށް މުވައްޒަފުން ދާއިރު، އަނެއްކޮޅުން އެބަ ކުދިން ނިކުމެގެން ދޭ،" ތަނުގެ ހާލަތު ސިފަކޮށްދެއްވަމުން ނިއުމާތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަހުލާގީ މައްސަލަ ހުންނަ ކުދިންނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު، އެ ކުދިންނަށް އެއްވެސް ވަރަކަށް ތެރަޕީ ނުުދޭ ކަމަށެވެ. ހިޔާގައި ތިބޭ ގިނަ ކުދިންނަކީ، ކުށުގެ ވެށިން ގެންނަ ނުވަތަ މައިންބަފައިން އިހުމާލުވުމުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުދިންނެވެ. އެ ކަންކަމުން އަރައިގަތުމަށް، ކުދިންނަށް ތެރަޕީ ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ނިއުމާތު ވިދާޅުވި ގޮތުގައި ހިޔާގެ ކުދިންނަށް، ރަނގަޅަށް ކިޔަވައި ނުދޭއިރު އެ ކުދިންގެ އުޅުމަށް އެއްވެސް ރޫޓިންއެއް ކަނޑައަޅައިފައެއް ނުވެ އެވެ. ހެނދުނު 10:30 ނުވަތަ 11 ޖަހާއިރު ވެސް ބައެއް ކުދިން ނިދަން ތިބޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މި ނޫން ވެސް އެތައް އިހުމާލެއް ނިއުމާތު ކޮމިޓީގައި ވިދާޅުވި އެވެ. އަދި ވަނީ އެކަންކަން ހައްލުކުރާނެ ގޮތުގެ ލަފާ ދެއްވައިފަ އެވެ.

އޭގެ ތެރޭގައި މަދުވެގެން އެއް ފަހަރު ކުދިންގެ ކޮޓަރިތައް ސާފުކުރުމާއި އާއްމުކޮށް ކުދިން ގެންގުޅުން މަނާ ތަކެތީގެ މައުލޫމާތު އެ ކުދިންނަށް ދިނުމާއި ކެއާވޯކަރުން އަމަލު ކުރާނެ އުސޫލެއް ކަނޑައަޅައި، އެ އަށް އަމަލު ކުރުން ހިމެނެ އެވެ. އަދި ކުރާ ނޭދެވޭ އަމަލެއްގެ ސަބަބުން، އެ ކުއްޖާގެ ކަރާމާތެއް އުނިކަމެއް ނާންނާނެ ފަދަ އަދަބެއް ދިނުމާއި އޭގެ ތަފްސީލު ރެކޯޑް ކުރުމަށް ވެސް އެންގި އެވެ.

ކޮމިޓީގައި ވާހަކަ ދައްކަމުން ޖެންޑާ މިނިސްޓްރީން ބުނީ ހިޔާގައި ގިނަ މައްސަލަތަކެއް ފާހަގަކޮށް، އެކަންކަން އިސްލާހު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެއް ކަމަކަށް ފާހަގަކުރީ، އާއިލީ މާހައުލެއްގައި އުޅުމުގެ ފުރުސަތު ދިނުމަށް ބައެއް ކުދިން ރަށްރަށަށް ފޮނުވުމެެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ހިޔާގައި މިހާރު އުޅެނީ އެތަނުގައި އުޅޭތާ ވަރަށް ގިނަ ދުވަސްވީ ކުދިންނާއި ތައުލީމާއި ތަމްރީނުގެ ފުރުސަތުދޭ މަރުކަޒު ނުވަތަ އިސްލާހިއްޔާ ބަންދުކުރުމުން އެތަނަށް ގެނައި ކުދިންތަކެއް ކަމަށެވެ. އެކަމަކު ކުދިންގެ އަހުލާގާއި ހިޔާގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.