Roadha Mihaaru
ހިޔާގައި ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީފި

ކުޑަކުދިންގެހިޔާގައި ބޮޑު ހަމަނުޖެހުމެއް: 10 ކުއްޖަކު ގެއިން ފިލައި، އެއް ކުއްޖަކު ހައްޔަރުކޮށްފި

30 މާޗް 2021

ދައުލަތުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ވިލިމާލޭގައި ހަދާފައި ހުންނަ ކުޑަކުދިންގެ ހިޔާގައި ރޭ ބޮޑު ހަމަނުޖެހުމެއް ހިންގައި، 10 ކުއްޖަކު އެތަނުން ނުކުމެ އަދި އެއް ކުއްޖަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދައުލަތުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ވިލިމާލޭގައި ހަދާފައި ހުންނަ ކުޑަކުދިންގެ ހިޔާގައި ރޭ ބޮޑު ހަމަނުޖެހުމެއް ހިންގައި، 10 ކުއްޖަކު އެތަނުން ނުކުމެ އަދި އެއް ކުއްޖަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

އުމުރުން 13-18 އަހަރާ ދެމެދުގެ ކުދިން ބައިތިއްބާ ހިޔާގައި 29 ކުއްޖަކު އުޅެ އެވެ. ވިލިމާލޭގެ ކުޑަކުދިންގެ ހިޔާގައި އެ ކުދިން ބަލަހައްޓަން ތިބޭ މީހުން، ކުދިންނާ ދިމާއަށް އެއްޗެހި ކިޔައި، ނަފުސާނީ އަނިޔާ ދޭ ކަމަށް ބުނާ މައްސަލަ އޮތީ މި ފަހުން ވަރަށް ބޮޑުވެފަ އެވެ. އެންމެ ފަހުން އެކަން ބޮއްސުންލައި، އެ ކުދިން މެނޭޖްމެންޓާ ދެކޮޅަށް ރޭ ނުކުތީ ކަމަށް ވެ އެވެ.

އެނގިފައިވާ ގޮތުގައި ހިޔާގައި ތިބި ކުދިން ވަނީ، އެތަަނުގެ ފަރުނީޗަރާއި އެހެން ތަކެއްޗަށް ގެއްލުން ދީފަ އެވެ. ހަމަ އެ ހަމަނުޖެހުމުގެ ތެރޭގައި 10 ކުއްޖަކު އެތަނުން ފިލައިގެން ވެސް ދިޔަ އެވެ.

ފަހުން އެ ކުދިން އެތަނަށް ވެއްދި އެވެ. އަދި ތަކެއްޗަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި އެއް ކުއްޖަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު، ނަން ނުޖެހުމަށް ޝަރުތުކޮށް، މިއަދު ވިދާޅުވީ ކުދިން އެތަނުން ނުކުމެގެން ދަނީ، އެތަނުގެ ތެރެއިން އެ ކުދިންނާ މާ ބޮޑު ގުޅުމެއް ގާއިމްކުރެވިފައި ނުވާތީ ކަމަށެވެ.

"ކުޑަކުދިން ބޭނުންވާނެ އެޓޭޗްމެންޓް ފިގާއެއްގެ ގޮތުގައި ކޮންމެވެސް މީހެއް. އެކަކު ނަމަވެސް އެޓޭޗްވާނެ މީހަކު ހުންނަން ޖެހޭނެ. އެކަމަކު އަޅުގަނޑުމެންނަށް ހިޔާގައި އެފަދަ މާހައުލެއް ކުދިންނަށް ފަހިކޮށް ނުދެވޭތީ ނުކުމެގެން ދަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ހުރިހާ ކުދިން ވެސް މީގެ ކުރިން ބޭތިއްބީ ވިލިމާލޭގައި ހުންނަ ހިޔާގަ އެވެ. އެކަމަކު ފަހުން ހުޅުމާލޭގައި އެ ފަދަ ތަނެއް ހުޅުވައި، ހިޔާގައި ތިބި 13 އަހަރުން ދަށުގެ ކުދިން ވަނީ އެތަނަށް ބަދަލުކޮށްފަ އެވެ. އަދި ފިޔަވައްޗާއި ހިޔާގައި ތިބޭ ކުދިން މިހާރު އަންނަނީ ރަށްރަށަށް ބަދަލުކުރަމުންނެވެ.