Roadha Mihaaru
ޖެންޑާ މިނިސްޓަރާއި ވެރިންނާ ދޭތެރޭ ބޮޑު ކޯޅުމެއް!

ޖެންޑާ މިނިސްޓަރާއި ބައެއް ވެރިންނާ ދޭތެރޭ ބޮޑު ކޯޅުމެއް!

03 މެއި 2021

ޖެންޑާ މިނިސްޓްރީގެ ޓޮޕް މެނޭޖްމަންޓުގެ ބޭފުޅުންނާއި މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއާ ދެމެދު ހިޔާލު ތަފާތުވުން ބޮޑުވެ، އޭނާ އޮފީހަށް ވަޑައިނުގަންނަވާ ކަމަށް ބައެއް އިސް ބޭފުޅުން ތުހުމަތު ކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޖެންޑާ މިނިސްޓްރީގެ ޓޮޕް މެނޭޖްމަންޓުގެ ބޭފުޅުންނާއި މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއާ ދެމެދު ހިޔާލު ތަފާތުވުން ބޮޑުވެ، އޭނާ އޮފީހަށް ވަޑައިނުގަންނަވާ ކަމަށް ބައެއް އިސް ބޭފުޅުން ތުހުމަތު ކުރައްވައިފި އެވެ.

ޖެންޑާ މިނިސްޓްރީން، "މިހާރު"އާ ވާހަކަ ދެއްކެވި އިސް ދެ ބޭފުޅަކު ތުހުމަތު ކުރެއްވި ގޮތުގައި މިނިސްޓަރު އާއިޝާ އޮފީހަށް ވަޑައިނުގެން އުޅުއްވާތާ މިދިޔަ ހޮނިހިރު ދުވަހަށް ހަފުތާއެއްހާ ދުވަސް ވެއްޖެ އެވެ. އޮފީހަށް ވަޑައިނުގެންނެވުމުގެ އިތުރުން، މިނިސްޓަރާ މުއާމަލާތު ކުރުމަށް ސްޓޭޓް މިނިސްޓަރުންނާއި ނައިބުން އަދި އެގްޒެކެޓިވް ލެވެލްގެ އެހެން ބައެއް ބޭފުޅުންނަށް ހުރި އެހެން މަގުތައް ވެސް ބަންދުކުރައްވާފައިވާ ކަމަށް އެ ބޭފުޅުން ތުހުމަތު ކުރެއްވި އެވެ. ޓޮޕް މެނޭޖްމަންޓުގެ ބޭފުޅުންނާ ވާހަކަ ދެއްކެވުމަށް ހައްދަވާފައިވާ ވަޓްސް އެޕް ގްރޫޕަކުން ވެސް މިނިސްޓަރު ނުކުންނަވައި، އެ ގްރޫޕް ޑިލީޓް ކުރެއްވުމަށް ޕާސަނަލް އެސިސްޓެންޓަށް އެންގެވި ކަމަށް ވެސް ވާހަކަ ދެއްކެވި ދެ ބޭފުޅަކު ވިދާޅުވި އެވެ.

އެކަމަކު މިނިސްޓަރު އައިޝާ "މިހާރު" އަށް ވިދާޅުވީ މިނިސްޓްރީގެ ޓޮޕް މެނޭޖްމަންޓްގައި "އިޝޫއެއް ނެތް" ކަމަށެވެ. އޮފީހަށް ވަޑައިނުގެން އުޅުއްވާ ކަމަށް ކުރާ ތުހުމަތު ވެސް އޭނާ ދޮގުކުރެއްވި އެވެ.

އައިޝާ ވިދާޅުވި ގޮތުގައި މަންމާފުޅުގެ އާލާސްކަންފުޅަކަށް ފަރުވާކުރެއްވުމަށް މިދިޔަ މަހު އޭނާ އިންޑިއާ އަށް ދަތުރެއް ކުރެއްވި އެވެެ. އެ އަށް ފަހު އެނބުރި ވަޑައިގަތީ މިދިޔަ މަހުގެ 12 ވަނަ ދުވަހު ކަމަށާއި 10 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރެއްވުމަށް ފަހު ރަސްމީ މަސައްކަތަށް ނުކުމެ ވަޑައިގެންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކަރަންޓީނު ފުރިހަމަކޮށްފައި ނުކުތް ފަހުން ރައީސް އޮފީހުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުނު. އެހެންވީމާ އޮފީހުގައި ހޭދަކުރެވުނު ވަގުތު މަދުވެފައި އޮވެދާނެ. އެހެން ނަމަވެސް އަޅުގަނޑު މަގާމުގެ ޒިންމާ ފުރިހަމައަށް އެބަ އަދާކުރަން،" އައިޝާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ރޯދަމަހު މަސައްކަތުގެ ވަގުތު ކުޑަވެފައި އޮތުމާ އެކު ރައީސް އޮފީހުގައި ގިނަ ވަގުތު ހޭދަކުރައްވަން ޖެހިވަޑައިގެންނެވުމުން އޮފީހުން ފެންނަލެއް މަދުވުމަކީ އެފަދަ ވާހަކައެއް ފެތުރުނު ސަބަބަކަށް ވެދާނެ ކަމަށެވެ.

ނަމަވެސް، މިނިސްޓްރީގެ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި މިނިސްޓަރު އޮފީހަށް ވަޑައިނުގެން ރައީސް އޮފީހުގައި ބޭއްވި ވަރަށް ގިނަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތެވެ.

މައްސަލަތައް ގިނަ، ހިޔާލު ތަފާތުވުން ބޮޑު

ޖެންޑާ މިނިސްޓްރީން ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވި ގޮތުގައި ގިނަ ކަންތައްތަކާ މެދު މިނިސްޓްރީގެ އިސް އެހެން ބޭފުޅުންނާ މިނިސްޓަަރާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އޮންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. އެއް ކަމަކީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ކަންތައްތައް ބޮއްސުންލައިގެން ދިއުމާއި ދައުލަތުން ކުދިން ބަލަހައްޓަން އަތޮޅުތަކުގައި ގާއިމުކުރި ސެންޓަރުތަކުގެ ކަންތައްތައް ވެސް ގޯހުން ގޯހަށް ދިއުމެވެ. އެ ސެންޓަރުތަކުގައި އެކަށީގެންވާ މުވައްޒަފުން ނެތިގެން، އެއް މަރުކަޒުން އަނެއް މަރުކަޒަށް ކުދިން ބަދަލުކުރަން ޖެހުމުގެ މައްސަލަ ވެސް ހައްލު ނުވަނީ ހިޔާލު ތަފާތުވުންތަކާ ހެދި ކަމަށް މައުލޫމާތު ދެއްވި ބޭފުޅުން ވިދާޅުވި އެވެ.

"އެ ކަންތައްތަކުގައި އެހެން އެއްވެސް ބޭފުޅެއްގެ ލަފާ މިނިސްޓަރު ގަބޫލެއް ނުކުރައްވާ. އެކަމަކު އަޅުގަނޑުމެންނަކީ ވެސް ހަމަ ރައީސް އައްޔަން ކުރައްވާފައި ތިބި ސިޔާސީ އިސް މަގާމުތަކުގައި ތިބި މީހުން،" މިހާރު އާ ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

ކަރަންޓީނު ފުރިހަމަކޮށްފައި ނުކުތް ފަހުން ރައީސް އޮފީހުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުނު. އެހެންވީމާ އޮފީހުގައި ހޭދަކުރެވުނު ވަގުތު މަދުވެފައި އޮވެދާނެ. އެހެން ނަމަވެސް އަޅުގަނޑު މަގާމުގެ ޒިންމާ ފުރިހަމައަށް އެބަ އަދާކުރަން،" ---އައިޝާ

އޭނާ ވިދާޅުވި ގޮތުގައި ހިޔާލު ތަފާތުވުން ބޮޑުވި އަނެއް މައްސަލަ އަކީ ގުރައިދޫގައި ހުންނަ، ހާއްސަ އެހީ އަށް ބޭނުންވާ މަރުކަޒުގައި ޑޮކްޓަރުންނާއި ސިއްހީ އެހެން ހިދުމަތްތެރިން ނެތިގެން، އެކަން ހައްލުކުރަން ކުރި މަޝްވަރާތަކެވެ. އެކަމުގައި މިނިސްޓަރު ޒިންމާ ނުއުފުއްލަވާ ކަމަށް މެނޭޖްމަންޓްގެ އެހެން ބޭފުޅުން ތުހުމަތު ކުރައްވަ އެވެ.

އެކަމަކު އެއީ ހެލްތު މިނިސްޓްރީގެ މެންޑޭޓް އޮތް ކަމަކަށް ވާތީ އެ މިނިސްޓްރީން މިހާރު ވަނީ މައްސަލަ ހައްލުކޮށް، ގުރައިދޫ މަރުކަަޒަށް ބޭނުންވާ ހިދުމަތްތެރިން ފޮނުވައިދީފަ އެވެ.

އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ އަނިޔާ އާއި ގެވެށި އަނިޔާ ލިބޭ ކަމަށް ހުށަހަޅާފައިވާ ގިނަ ޝަކުވާތަކެއް ނުބެލި، އެ ކަންތައްތަކަށް ޖަވާބު ނުދެވި ލަސްވުމަކީ ވެސް ހިޔާލު ތަފާތުވުންތައް ބޮޑުވި ސަބަބެއް ކަމަށް ވެސް މައުލޫމާތު ދެއްވި ބޭފުޅުން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހިޔާލު ތަފާތުވުންތައް ކޮންމެ އޮފީހެއްގައި ވެސް އުފެދިދާނެ ކަމަށާއި ނަމަވެސް އޭނާގެ ޒިންމާ ފުރިހަަމައަށް އަދާކުރައްވާ ކަމަށެވެ. މިނިސްޓްރީގެ އެހެން ބޭފުޅުންނާ މަޝްވަރާ ނުކުރެއްވޭ ފަދަ ބޮޑެތި މައްސަލަތަކެއް ނެތް ކަމަށް ތަކުރާރުކޮށް އައިޝާ ވިދާޅުވި އެވެ.