Roadha Mihaaru
ނަފްސާނީ މައްސަލަތައް ދެގުނަ އަށް އިތުރުވެއްޖެ

ނަފްސާނީ މައްސަލަތައް ދެގުނަ އަށް އިތުރުވެއްޖެ

28 އެޕްރީލް 2020

ރާއްޖެ އަށް ވެސް ކޮވިޑް-19 ފެތުރި އެންމެން ހާސްވެފައިވާ މިވަގުތު އާންމުންގެ ތެރޭގައި ނަފްސާނީ މައްސަލަތައް އިތުރުވެފައިވާ ކަމަށް ނަފްސާނީ ބަލިތަކާ ބެހޭ ޑރ. އާރިފް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ރާއްޖެ އަށް ވެސް ކޮވިޑް-19 ފެތުރި އެންމެން ހާސްވެފައިވާ މިވަގުތު އާންމުންގެ ތެރޭގައި ނަފްސާނީ މައްސަލަތައް އިތުރުވެފައިވާ ކަމަށް ނަފްސާނީ ބަލިތަކާ ބެހޭ ޑރ. އާރިފް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑީއާ ބްރީފިންގައި އައިޖީއެމްއެޗުގެ ޑރ. އާރިފް ވިދާޅުވީ، މިދިޔަ މަހު އެކަނި ވެސް ނަފްސާނީ މައްސަލަތަކާ ގުޅިގެން 715 މީހަކަށް އެ ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށާއި އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ދެ ގުނަ އިތުރު އަދަދެއްް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި އަދަދުތައް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. އާރިފް ވިދާޅުވި ގޮތުގައި ނަފްސާނީ މައްސަލަތަކުގެ ވާހަކަ ދެއްކުމަކީ އަބަދު ވެސް ވަރަށް ބޮޑަށް މީހުން ޖެހިލުންވާ ކަމެކެވެ. ދިރާސާތަކާ ހަވާލާ ދެއްވައި އޭނާ ވިދާޅުވީ، އެގޮތަށް ޖެހިލުން ވަނީ ޚާއްސަކޮށް ފިރިހެނުން ކަމަށެވެ.

ނަމަވެސް ޑރ. އާރިފް ވިދާޅުވީ، އިންސާނުން ކަމަށް ވުމުން މިފަދަ ކަންކަމާ ކުރިމަތިލާން ޖެހޭނެ ކަމީ އެންމެން ވެސް ގަބޫލުކުރަން ޖެހޭނެ ކަމެކެވެ. އަދި އެހީއަކަށް އެދުމަކީ ޑޮކްޓަރަށް ދެއްކުން އެކަނި ނޫން ކަމަށާއި އެކަމާ ގުޅިގެން ބަޔަކާ ވާހަކަ ދެއްކުމަކީ ވެސް އެހީއެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، މިކަމުގައި ލަދުގަނެ ފަސް ނުޖެހި ކުރިމަލިތުލުމަށް ޑރ. އާރިފް އިލްތިމާސް ކުރެއްވި އެވެ.

ބޭސް ލިބުމުގެ ދަތިތައް ބޮޑު

މިއަދުގެ މެންދުރުގެ މީޑިއާ ބްރީފިންގައި، އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވާ ނަފްސާނީ ބަލިތަކުގެ އެންމެ ސީނިއާ ޑޮކްޓަރުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެ ބައްޔަށް ފަރުވާ ހޯދާ މީހުން އިތުރުވާ ވަރަކަށް ބޭހުގެ ޑިމާންޑް ބޮޑުވާ މައްސަލަ އެވެ.

އެގޮތުން، ނިދި ނުލިބޭތީ އާއި ހާސްވުން ފަދަ ކަންކަމަށް ބޭނުން ކުރާ އެއް ބޭހަކީ އެންޓި އެންޒައިޓީ ބޭސް ކަމަށް ވާއިރު، މަސައްކަތް ކުރަނީ އެ ބޭސް ބޭނުން ކުރަން ނުޖެހި މީހާ އަށް ފަރުވާ ދެވޭތޯ ކަމަށް ވިދާޅުވި އެވެ. އެކަމަކު، ޑރ. އާރިފް ވިދާޅުވި ގޮތުގައި، ހާސްކަން ބޮޑު މިވަގުތު އެ ބޭސް ބޭނުންކުރަން އެތައް ބަޔަކަށް މަޖުބޫރެވެ.

ޑރ. އާރިފް ވިދާޅުވީ ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ބޭނުންކުރާ ބޭހުގެ ދަތިކަން އަބަދުވެސް ވަރަށް ބޮޑު ކަމަށެވެ. ވަކިން ހާއްސަކޮށް މިވަގުތު އެ މައްސަލަ ބޮޑު ކަމަށް ވިދާޅުވި އެވެ. އެހެންވީމާ މިހާރުން ފެށިގެން މިފަދަ ބޭސްތަކުގެ ސަޕްލައި ހުސްވިޔަ ނުދީ ދެމެހެއްޓުމަށް ހެލްތު މިނިސްޓްރީ އާއި އެސްޓީއޯ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން ދިމާވެފައިވާ ނަފްސާނީ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން މޯލްޑިވްސް ރެޑް ކްރެސެންޓުން ވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކަރަންޓީން އާއި އައިސޮލޭޝަންގައި ތިބޭ މީހުންނަށް ގުޅައި ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ އިތުރަށް ވައިބާ މެދުވެރިކޮށް އާންމުންނަށް އެހީވުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.