Roadha Mihaaru
ލެބް ޓެކްނީޝަނުން: ބުރަަޔަސް ވިސްނުން "ޕޮޒިޓިވް"

ލެބް ޓެކްނީޝަނުން: ބުރަަޔަސް ވިސްނުން "ޕޮޒިޓިވް"

22 އެޕްރީލް 2020

ފުލުުހުންގެ ފޮރެންސިކް ލެބޯޓްރީގައި، ޑީއެންއޭ ތަހުލީލްތައް ކުރަން ހުސެއިން ރަޝީދު، ހޭދަކުރި 11 އަހަރުގައި ވެސް މިހާ އުނދަގޫ، ހިތްދަތި ތަޖުރިބާއެއް ނުކުރެ އެވެ. ކޮވިޑް-19ގެ ޓެސްޓްތަކުގައި އައިޖީއެމްއެޗުގެ ލެބޯޓްރީ ޓެކްނީޝަނުންނާ އެކު މަސައްކަތް ކުރަމުން އަންނަ ހުސެއިން، ފުރަތަމަކޮޅު ކުޑަކޮށް ޖެހިލުންވި އެވެ. އާއްމުކޮށް ކުރަމުން އައި ޓެސްޓްތަކަށް ވުރެން ނުރައްކާ ބޮޑުވުމުންނެވެ. ކިރިޔާ ވެސް ގޯހެއް ހެދިއްޖެ ނަމަ، އަމިއްލަ އަށް އަދި އެހެން މީހަކަށް ވެސް ގެއްލުމެއް ވެދާނެތީ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފުލުުހުންގެ ފޮރެންސިކް ލެބޯޓްރީގައި، ޑީއެންއޭ ތަހުލީލްތައް ކުރަން ހުސެއިން ރަޝީދު، ހޭދަކުރި 11 އަހަރުގައި ވެސް މިހާ އުނދަގޫ، ހިތްދަތި ތަޖުރިބާއެއް ނުކުރެ އެވެ. ކޮވިޑް-19ގެ ޓެސްޓްތަކުގައި އައިޖީއެމްއެޗުގެ ލެބޯޓްރީ ޓެކްނީޝަނުންނާ އެކު މަސައްކަތް ކުރަމުން އަންނަ ހުސެއިން، ފުރަތަމަކޮޅު ކުޑަކޮށް ޖެހިލުންވި އެވެ. އާއްމުކޮށް ކުރަމުން އައި ޓެސްޓްތަކަށް ވުރެން ނުރައްކާ ބޮޑުވުމުންނެވެ. ކިރިޔާ ވެސް ގޯހެއް ހެދިއްޖެ ނަމަ، އަމިއްލަ އަށް އަދި އެހެން މީހަކަށް ވެސް ގެއްލުމެއް ވެދާނެތީ އެވެ.

"މާރާމާރީ ފަދަ ބޮޑެތި ކުށްތަކުގައި ވެސް އެވިޑެންސް ނަގަން އެހާ ބޮޑު ޖެހިލުމެއް ނުވޭ. އެކަމަކު މި މަސައްކަތުގައި ކުޑަކޮށް ފުރަތަމަ ޖެހިލުންވީ ރިސްކު އޮވެފައި، އެކުގައި އުޅޭ މީހުން ވެސް ބިރުން އުޅުނީމަ. އެކަމަކު އެ ވިސްނުން މިހާރު ބަދަލުވެއްޖެ. މިތަނުގެ އެންމެން [ހުރިހާ ޓެކްނީޝަނުން] ވެސް ބަލަނީ އަވަހަށް ޓެސްޓްތައް ނިންމައި ނަތީޖާތައް އެޗްޕީއޭއާ ހަވާލުކުރެވޭތޯ،" އައިޖީއެމްއެޗުގެ ލެބޯޓްރީގައި ހުރެ ހުސެއިން "މިހާރު" އަށް ކިޔައިދިނެވެ.

"މިއީ ފަސޭހަ ކަމެއް ނޫން، މި ޓީމާ އެކު އުނދަގޫ، ދުވަސްތަކެއް މިދަނީ."

ހުސެއިން އައިޖީއެމްއެޗުގެ ލެބޯޓްރީގައި

ހުސެއިން އައިޖީއެމްއެޗުގެ ލެބޯޓްރީގައި

އާއްމުންގެ ތެރޭގައި ބަލި ފެތުރި، ޓެސްޓްކުރަން ޖެހޭ ސާމްޕަލްތަކުގެ އަދަދު، ކޮންމެ ދުވަހަކު އެތައް ގުނައެއް މިހާރު ވަނީ އިތުރުވެފަ އެވެ. އައިޖީއެމްއެޗުގެ 16 ޓެކްނީޝަނުންނާ އެކު ދެން ހިމެނެނީ ދެ ފުލުހުންނާއި ސޮސައިޓީ ފޮ ހެލްތު އެޑިއުކޭޝަން (ޝީ)ގެ ޓެކްނީޝަނެކެވެ. އެ މީހުން މަސައްކަތް ކުރަނީ 24 ގަޑިއިރު ތިން ޝިފްޓެއްގަ އެވެ. ޓެސްޓްކުރަން ޖެހޭ އަދަދު އިތުރުވަމުން ދާއިރު އެ އަދަދަށް މީހުން ނެތުމުން މިހާރު ތިބި މީހުންނަށް ބުރަ ބޮޑުވެފައި ގޮންޖެހުން ވެސް ބޮޑެވެ.

މިވަގުތަށް ހުސެއިން އާއި އިތުރު ފުލުހަކު އައިޖީއެމްއެޗަށް އެހީވާއިރު، ތައްޔާރީ ހާލަތުގައި ވެސް ފޮރެންސިކް ޓީމެއް އެބަ އޮތެވެ.

ކޮރޯނާވައިރަހަށް ޕޮޒިޓިވް މީހަކު ރާއްޖެ އިން ފެނުމުން ކޮންޓެކްޓް ޓްރޭސިން ހަދައި ފުރަތަމަ ގިނަވެގެން ޓެސްޓްކުރަން ޖެހުނީ ދުވާލަކު 40 ސާމްޕަލެވެ. އެ އަދަދު މަޑުމަޑުން އިތުރުވީ 80-100 އަށެވެ. މާލެ އަށް ފެތުރިއްޖެ ކަން، މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެނގި ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނަ އިރު މިހާރު ދުވާލަކަށް ގާތްގަނޑަކަށް 140 ވުރެން ގިނަ ސާމްޕަލް ޓެސްޓް ކުރަން ޖެހިފައި ވެސް އެބަ ހުއްޓެވެ.

އައިޖީއެމްއެޗުގައި، ޓެސްޓްކުރަން ސާމްޕަލް ތައްޔާރުކޮށްފައި.

އައިޖީއެމްއެޗުގައި، ޓެސްޓްކުރަން ސާމްޕަލް ތައްޔާރުކޮށްފައި.

ޓެސްޓްކުރަން ޖެހޭ އަދަދު އަދިވެސް އިތުރުވާނެ އެވެ. އެޗްޕީއޭ އިން އާއްމުކުރާ ބަލި ޖެހޭ މީހުންގެ އަދަދުތަކުން އެކަން ފެންނަން އެބަ އޮތެވެ.

އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ކޮވިޑް-19 އަށް ޚާއްސަ ޕީސީއާރު ޓެސްޓަކީ އައިޖީއެމްއެޗުގެ ލެބޯޓްރީގައި ވެސް ކޮންމެ ޓެކްނީޝަނަކަށް ހެދޭ ޓެސްޓަކަށް ނުވުމެވެ. އެ ޓެސްޓްތައް ހަދަން ވަކި ބަޔަކަށް ވަނީ ޚާއްސަ ތަމްރީންތަކެއް ވެސް ދީފަ އެވެ.

ކޮވިޑް ޓެސްޓަށް ސާމްޕަލް ނަގަނީ ކަފަބުރެއް، ކަރުތެރެއަށް ނުވަތަ ނޭފަތަށް ވައްދައިގެންނެވެ. ރަށްރަށުގައި، ސާމްޕަލް ނެގުނަސް މި ޓެސްޓެއް ނުހެދެ އެވެ. ނަރުހުންނާއި ޑޮކްޓަރުން ހިމެނޭ، އެ ސަރަހަދެއްގެ ރެޕިޑް ރެސްޕޯންސް ޓީމުން ނަގާ ސާމްޕަލް ޓެސްޓްކުރަނީ މާލެ ގެނެސް އައިޖީއެމްއެޗުގަ އެވެ.

ލެބޯޓްރީގައި ގިނަ ސާމްޕަތަކެއް މިހާރު ވެސް ހުރިއިރު، ކޮންމެ ސާމްޕަލަކަށް ވަނީ ޔުނީކް އައިޑެންޓިފިކޭޝަން ނަމްބަރެއް ދީ ރަޖިސްޓްރީކޮށްފަ އެވެ. އޭގެ ފަހުން އާރުއެންއޭ އެކްސްޓްރެކްޓް ކުރަނީ އެވެ.

"ދެ ގޮތަކަށް އާރުއެންއޭ އެކްސްޓްރެކްޓް ކުރަން، އެއީ މެނުއަލީ އަދި މެޝިންގައި އޮޓޮމޭޓެޑްކޮށް، ބޭނުމަކީ ވަގުތު ސަލާމަތްކުރުން. މި ޓީމުގެ މަގްސަދަކަށް ވެފައި މި އޮންނަނީ ވީހާވެސް އަވަހަކަށް ސާމްޕަލްތައް ޕްރޮސެސްކޮށް ވީހާވެސް އަވަހަކަށް ނަތީޖާ ފޯރުކޮށްދިނުން،" ހުސެއިން ބުންޏެވެ.

ފުރަތަމަ ހަދަނީ ޕޭން ކޮރޯނާ އަށް ސްކްރީން ޓެސްޓެކެވެ. އޭގެ ސަބަބަކީ، އަލަށް ފެތިރެން މި އުޅޭ ކޮރޯނާވައިރަސްގެ އިތުރުން އެހެން ކޮރޯނާވައިރަސްތަކެއް ވެސް ކުރިން ފެތުރިފައިވާތީ އެވެ. މިހާރުގެ ކޮރޯނާވައިރަސް އިން ޖެހޭ ބަލި ކަމަށްވާ، ކޮވިޑަށް ޕޮޒިޓިވްތޯ ނުވަތަ ނޫންތޯ ބެލުމަށް ޕީސީއާރު ޓެސްޓްކުރަނީ، ޕޭން ކޮރޯނާއަށް ހަދާ ސްކްރީން ޕޮޒިޓިވް ވުމުން، އޭގެ ފަހުންނެވެ.

އައިޖީއެމްއެޗްގައި ކޮވިޑް-19 އަށް ހަދާ ޓެސްޓްގެ ނަތީޖާ ލިބެން ހަ ގަޑިއިރާއި ހަތް ގަޑި އިރާ ދެެމެދުގެ ވަގުތެއް ހޭދަވެ އެވެ. އަދި ކޮންފޮމޭޓަރީ ޓެސްޓްގެ ނަތީޖާ ގާތްގަނޑަކަށް ތިން ގަޑިއިރުގެ ތެރޭގައި ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ކުރިން އޮތީ ބުނެފަ އެވެ. މިހާރު ނަތީޖާ ލަސްވަނީ ޓެސްޓްކުރަން ޖެހޭ ސާމްޕަލްތަކުގެ އަދަދު ގިނަކަމުންނެވެ.

ޓެސްޓް ކުރުމުގައި ޓެގު ޓީމުގެ ވިސްނުން

ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ ލަފައާ އެކު ރާއްޖޭގައި މިހާރު ޓެސްޓްކުރަމުން އަންނަނީ ބަލީގެ އަލާމާތްތައް ފެންނަ މީހުންނާއި ބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުންނެވެ. އެކަމަކު މާލެއަށް ބަލި ފެތުރެމުން ދާތީ، ފުލޫ ކްލިނިކްތަކަށް ދާ އެންމެން ޓެސްޓްކުރަން މިހާރު ވަނީ ނިންމައިފަ އެވެ. މި ޓެސްޓްތަކާ ދޭތެރޭ، އުފައްދާ ބައެއް ކަންބޮޑުވުންތަކަށް ޓެގް ޓީމުން ވަނީ ޖަވާބު ދީފަ އެވެ.

އައިޖީއެމްއެޗުގެ ޕީޑިއޮޓްރިކް އިންފެކްޝަސް ސްޕެޝަލިސްޓް ޑރ. ނަޒްލާ މުސްތޮފާ ވިދާޅުވެފައިވާ ގޮތުގައި ބައެއް ފަހަރު، ސްކްރީނިން ޓެސްޓް ޕޮޒިޓިވްވެފައި ކޮވިޑަށް ޚާއްސަކޮށް ކުރާ ޓެސްޓް ނެގެޓިވްވެދާނެ އެވެ. އެކަމަކު ސްކްރީނިން ޓެސްޓު ޕޮޒިޓިވްވެފައި އެ މީހާގެ ކިބައިން އަލާމާތްތައް ފެންނަނީ ކަމަށް ވަންޏާމު ބަލަނީ ޕްރޮބަބްލް ކޭސްއެއްގެ ގޮތުގަ އެވެ.

"މިވަގުތު އަމާޒަކީ ވީހާވެސް ގިނަ މީހުން ޓެސްޓްކުރުން. އެއީ، ވީހާވެސް ގިނަ މީހުން ޕީސީއާރު ނުވަތަ ވައިރަސް އަށް ޑިޓެކްޓް ކުރެވޭ ޓެސްޓަކީ އަލާމާތްތައް ފެނުމުގެ އެއްވެސް ނުވަތަ ދެ ދުވަސް ކުރިން ވެސް ޓެސްޓް ޕޮޒިޓިވްވެދާނެ. ވީހާވެސް ގިނައިން ޓެސްޓްކޮށްގެން އެ މީހުން އެކަހެރިކުރެވިއްޖިއްޔާ ދެން އެ ޕޮޒިޓިވް ކޮންޓެކްޓްސްގެ ފަރާތުން އެހެން މީހުންނަށް ދިއުމުގެ ފުރުސަތު ވަރަށް ކުޑަކޮށްލާނެ،" އެންއީއޯސީގައި މިދިޔަ ހޯމަދުވަހުގެ ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވި އެވެ.

އައިޖީއެމްއެޗުގެ ލެބޯޓްރީގައި ދެ ޓެކްނީޝަނަކު މަސައްކަތުގައި.

އައިޖީއެމްއެޗުގެ ލެބޯޓްރީގައި ދެ ޓެކްނީޝަނަކު މަސައްކަތުގައި.

މިގޮތަށް ޓެސްޓްކުރާއިރު، ސާމްޕަލް ކޮންޓަމިނޭޓްވުމުގެ ފުރުސަތު ވެސް އޮވެ އެވެ. އެހެންވެއްޖެ ހާލަތެއްގައި ވެސް ބަލަނީ، އޭނާ ވިދާޅުވި ގޮތުގައި، ސާމްޕަލް ނެގި މީހާ ޕޮޒިޓިވް ކޭސްއަކާ ދިމާވެފައިވޭތޯ އެވެ. ރާއްޖޭގައި އަމަލުކުރާ ގޮތަކީ، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި މީހާގެ ޓެސްޓް ނަތީޖާ ނެގެޓިވް ވިޔަސް އޭނާ 14 ދުވަހު އެކަހެރިކޮށްފައި ބެހެއްޓުމެވެ. އެއީ އޭނާގެ ކިބައިން ބަލި ފެތުރުމުގެ އެއްވެސް ފުރުސަތެއް، ނެތް ކަން ކަށަވަރުކުރާށެވެ.

ޓެސްޓްތަކުގެ ނަތީޖާ ލަސްވުމުގެ ޝަކުވާ ވެސް ބޮޑެވެ.

ޓެގުގައި އިސްކޮށް އުޅުއްވާ ޑރ. އަލީ ލަތީފް ވިދާޅުވީ ޓެސްޓްގެ ނަތީޖާ ލިބުން ތަންކޮޅެއް ލަސްވިޔަސް އެއްފަހަރާ ގިނަ ޓެސްޓްތައް ނުހަދަނީ ނަތީޖާ ކަށަވަރު ކުރުމުގެ ބޭނުމުގައި ކަމަށެވެ. މިކަން އަވަސްކުރުމަށް އިތުރު މެޝިނެއް ގެންނަން ވަނީ ނިންމައިފަ އެވެ.

"އިންޓާނަލް ކޮލިޓީ އަދި އެކްސްޓާނަލް ކޮލިޓީ އެޝުއަރެންސް ޕްރޮގްރާމެއް ވެސް އައިޖީއެމްއެޗުގެ ލެބޯޓްރީގައި ހިނގާ. އަޅުގަނޑުމެން އިތުރަށް ޓެސްޓް ހަދަން ބޭނުންވެގެން އައިޖީއެމްއެޗުގެ ބޭރުން ވެސް ހުންނާނެ މީހުން ގެނެސްފައި. އެ ބޭފުޅުންނަކީ ވެސް ޕީސީއާރުގެ ޚާއްސަ ޓްރޭނިން ހައްދަވާފައި ތިއްބެވި ބޭފުޅުން،" ޑރ. އަލީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ހަދާ ޓެސްޓްތަކަކީ ވަރަށް ބޮޑަށް ޔަގީންކަން އޮންނަ ޓެސްޓްތަކެއް."

ރާއްޖޭގައި ކޮވިޑް ޓެސްޓްކުރާ ގޮތާއި ނަތީޖާއާ ގުޅޭ ގޮތުން، އައިޖީއެމްއެޗުގައި އިސްކޮށް އުޅުއްވާ ލެބޯޓްރީ ޓެކްނޮލޮޖިސްޓް އާމިނަތު ނަޒްފާގެ އިންޓަވިއު:

އައިޖީއެމްއެޗްގެ ލެބް ޓެކްނޮލޮޖިސްޓް އާމިނަތު ނަޒްފާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމެއްގައި ވާހަަކަ ދައްކަވަނީ. އޭނާ ވިދާޅުވީ ރާއްޖޭގައި ކޮވިޑަށް ޓެސްޓްކުރަން ބޭނުންކުރާ މެތަޑް ރަނގަޅުކަމަށް.

އައިޖީއެމްއެޗްގެ ލެބް ޓެކްނޮލޮޖިސްޓް އާމިނަތު ނަޒްފާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމެއްގައި ވާހަަކަ ދައްކަވަނީ. އޭނާ ވިދާޅުވީ ރާއްޖޭގައި ކޮވިޑަށް ޓެސްޓްކުރަން ބޭނުންކުރާ މެތަޑް ރަނގަޅުކަމަށް.

ރާއްޖޭގައި ކޮމިއުނިޓީ ޓްރާންސްމިޝަނެއް ފެށިފައިވާ ކަން އެނގުނީ، ފްލޫ ކްލިނިކްތަކަށް ދައްކާ މީހުންގެ ޓެސްޓްތަކެއް ހަދަމުން ދަނިކޮށެވެ. ޓެގުން ލަފާކުރަނީ، ރާއްޖޭގައި އާއްމުންގެ ތެރޭގައި ބަލި ފެތުރެން ފަށާފައި ވަނީ، މީގެ ދެތިން ހަފުތާ ދުވަސް ކުރިން ކަމެވެ.

އެޗްޕީއޭ އިން މިހާރު އިސްކަންދެނީ، ޓެސްޓްކުރާ މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ފުރަތަމަ އެކަން އެންގުމަށެވެ. ނެގެޓިވްވެއްޖެ ނަމަ، އެކަން އެންގުން ލަސްވެ އެވެ. އެއީ ވެސް ރަނގަޅު ކުރަން ޖެހިފައިވާ ކަމެއް ކަމަށް އެޗްޕީއޭގެ ޑރ. ނަޒްލާ ރަފީގް ވިދާޅުވި އެވެ.

ބުރަޔަސް ދެކެނީ ގައުމީ ކަމެއްގެ ގޮތުގައި

ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތުގައި، ބޮޑު ދައުރެއް އަދާކުރާ ލެބޯޓްރީ ޓެކްނީޝަނުން 24 ގަޑިއިރު ކުރާ މަސައްކަތާ ދޭތެރޭގައި، އެ މީހުން ވިސްނަނީ "ވަރަށް ޕޮޒިޓިވް" ކޮށެވެ. ކިތަންމެ ބުރަޔަސް އެކަން ނަގަނީ ގައުމީ ކަމެއްގެ ގޮތުގަ އެވެ.

ހުސެއިން، އައިޖީއެމްއެޗުގެ ޓީމާ އެކު މަސއްކަތް ކުރާތާ ގާތްގަނޑަކަށް ތިން މަސް ވަނީ އެވެ.

"މިވަގުތު ދިމާވެފައި މިއޮތް ހާލަތުގައި، ފުލުހަކަށް ވެ ހުރެ އައިޖީއެމްއެޗުގެ ޓީމާ އެކު މަސައްކަތް ކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް، އަޅުގަނޑުމެން މި މަސައްކަތް ނަގަނީ ރައްޔިތުންނަށްޓަކައި ކޮށްދޭ ކަމެއްގެ ގޮތުގައި،" ހުސެއިން ބުންޏެވެ.

އޭނާ އަށް މިހާރު ހާސްކަމެއް ނެތެވެ؛ އުނދަގުލުގައި ވެސް އައިޖީއެމްއެޗުގެ ޓީމާ އެކު ހުސްވެ އެ ހުރީ ގައުމީ ޚިދުމަތެއްގަ އެވެ. މިކަމުން އަރައިގަނެވޭނީ، އެންމެން އެއް ވިސްނުމެއްގައި، މަސައްކަތްކޮށްގެން ކަމަށް ވާތީ އެކަމުގައި ލެބް ޓެކްނީޝަނުންނަކީ ކުރީ ސަފުގައި ތިބި ޚިދުމަތްތެރިންނެވެ.