26 އޯގަސްޓް 2020
ކޮވިޑް-19 ގެ ކޭސްތައް އެންމެ ގިނަ ސަރަހައްދަކީ މާފަންނު ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު (ޓެގް) އިން ރޭ ބުނެފި އެވެ.
ކޮވިޑް-19 ގެ ކޭސްތައް އެންމެ ގިނަ ސަރަހައްދަކީ މާފަންނު ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު (ޓެގް) އިން ރޭ ބުނެފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި މީޑިއާ ބްރީފިންގައި ޓެގްގެ މެމްބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ މި މަސް ނިމުމަކާ ކައިރިވެފައިވާއިރު މާލޭގައި މީހުން ދިރިއުޅޭ ހުރިހާ ތަނަކުން ކޮވިޑްގެ ބަލި ފެނިފައިވާ ކަމަށެވެ. އެކަމަކު މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ އަށް ބަލާއިރު، މިދިޔަ މަހުގެ އެކަކުން ފެށިގެން މިހާތަނަށް އެންމެ ގިނަ ކޭސް ފެނިފައިވަނީ މާފަންނުން ކަމަށް ވިދާޅުވި އެވެ.
"އޮގަސްޓް މަސް ނިމުނުއިރު މާލޭގައި ގާތްގަނޑަކަށް މީހުން ދިރިއުޅޭ ހުރިހާ ހިސާބެއްގައި ކޮވިޑް-19 މި ބަލި ފެނިފައި މިއޮތީ. އާއްމުކޮށް މީހުން ދިރިއުޅޭ ސަރަހައްދަކަށް ފެތުރިފައި އެ ވަނީ. ހާއްސަކޮށް ފާހަގަކޮށްލެވޭ ގޮތުގައި މާފަންނުގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު އަދި އެހެން ސަރަހައްދުތަކަށް ވުރެ ވެސް އިތުރުކަމަށް، މަތިކަމަށް ފާހަގަކުރެވޭ،" ޝަހީދު ވިދާޅުވި އެވެ.
މާލޭގެ އެހެން ސަރަހައްދުތަކަށް ވުރެ، މާފަންނުގައި ދިރިއުޅޭ މީހުންނަށް ތޮއްޖެހުމާއި ގެދޮރުގެ މައްސަލަތައް ބޮޑެވެ. އެ ސަރަހައްދުގައި ބެލި އެހާ ބޮޑަށް ފެތުރުމުގެ މައިގަނޑު ސަބަބަކީ އެއީ ކަމަށް ވުން އެކަށީގެންވެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ މެޕުން ދައްކަނީ މިދިޔަ މަހުގެ އެކަކުން ފެށިގެން މިހާތަނަށް ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ސަރަހައްދުތައް އެކަންޏެވެ. އެއިން ދައްކާގޮތުން ބްލޮކެއް ގޮތަށް ގްރާފުން މައްޗަށް އަރަނީ، އެއް ގޭބިސީއަކުން މީހުން ޕޮޒިޓިވްވަމުންދާ ވަރަކުންނެވެ. މިދިޔަ މަހަށްވުރެ މި މަހު ބަލި ފެތުރެމުންދާ ސްޕީޑު މައްޗެވެ.
ކޮވިޑުން ރައްކާތެރިވުމަށް އޭޕްރީލް 15 ގައި މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށްފަހު އެ ފިޔަވަޅުތަކަށް ލުއިތައް ދޭން ފެށީ ޖޫން 15 ގަ އެވެ. އެކަމަކު ޖުލައި 1 ގައި ބޮޑެތި ލުއިތައް ދޭން ފެށި ފަހުން ކޮވިޑު ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ރޭގެ ބްރީފިންގައި ޓެގްގެ މެމްބަރު ޑރ. ޝަހީދު ވާހަކަ ދައްކަވަނީ -- ފޮޓޯ/އެޗްއީއޯސީ
ހުޅުމާލެއަށް ބަލާއިރު، މިދިޔަ މަހުގެ އެއް ވަނަ ދުވަހު އެ ތަނުން ކޮވިޑްގެ ކޭސް ފެނުނީ ތިން ދިމާލަކުންނެވެ. ހުޅުމާލޭގައި ވެސް ފުދޭވަރަކަށް ކޮވިޑް ފެތުރިފައި އޮތް ކަމުގައި ވިއަސް މާލެއަށް ވުރެ ބަލި ފެތުރިފައިވާލެއް ދަށެވެ.
މި ދެ ސަރަހައްދަށްވުރެ ވިލިމާލެއިން ފެނިފައިވާ ކޮވިޑްގެ ކޭސްތައް ވަރަށް މަދެވެ. އެކަމަކު މިދިޔަ މަހަށްވުރެ މި މަހު ފެނުނު އަލަށް ބަލި ޖެހުނު މީހުން ގިނަ އެވެ. އޭގެ ސަބަބެއް ކަމަށް، ޝަހީދު ފާހަގަކުރެއްވީ ވިލިމާލޭގެ އާބާދީ މަދުވެފައި ދިރިއުޅޭ ތަނުގެ ޖާގަ ތަނަވަސްވުމެވެ. ނަމަވެސް ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދަށް ބޯލެނބުން މުހިއްމުކަން ފާހަގަކުރެއްވި އެވެ.
މިހާރު ވެސް ބަލި އެންމެ ބޮޑަށް ފެތުރިފައިވާ މާލެ އާއި ހުޅުމާލޭގައި އުޅޭ މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ ހަފުތާގެ ޓްރެންޑްސްތަކަށް ބަލާއިރު، މީގެ ކުރީ ހަފުތާއަށް ބަލާއިރު ބަލީގައި މީހުން މަރުވި އަދަދު ގިނަ އެވެ. މިދިޔަ ތިން ހަފުތާ ތެރޭގައި ވެސް ކޮވިޑުގައި ފަރުވާދޭން ހާއްސަކޮށްފައިވާ އެނދުގެ ކެޕޭސިޓީގެ 60 ޕަސެންޓް ފުލްވެފައި ވެ އެވެ. ޝަހީދު ވިދާޅުވީ ބަލި ޖެހޭ މީހުންގެ އަދަދު ހަފުތާއިން މައްޗަށް ގޮސްފައިވާ ކަމަށެވެ.
ފްލޫ ކްލިނިކުން ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ވެސް ދަނީ މައްޗަށެވެ. އެ ކްލިނިކަށް ދައްކައިގެން ޕޮޒިޓިވްވި މީހުންގެ އަދަދު މިދިޔަ ހަފުތާގައި ހުރީ 18 ޕަސެންޓުގަ އެވެ.
ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 7،047 އަށް އަރާފައިވާއިރު އެ ބަލީގައި 28 މީހަކު މަރުވެފައި ވެ އެވެ.
މަންކީޕޮކްސްއަށް ޓެސްޓުކުރަން އައިޖީއެމްއެޗް ތައްޔާރުކުރަނީ
"ބްލެކް ފަންގަސް" އަށް ދޭނެ ބޭހެއް ރާއްޖެއަކު ނެތް
ލޮކްޑައުނަކަށް ދާން ޖެހޭވަރަށް ހާލަތު ގޯސްވެއްޖެ: ޝީނާ
ކޮވިޑުގައި އެޑްމިޓްކުރާ މީހުން ގިނަވެ އެނދުތައް ފުރެނީ
ބަލި ފެތުރުން ބާރުވެއްޖެ، އޮގަސްޓުގައި ދުވާލަކު 170
އައިޖީއެމްއެޗުގެ 16 ނަރުހަކު އައިސޮލޭޝަނަށް
ހާލަތު ބިރުވެރި: ހޮސްޕިޓަލްތައް ފުރި ފަރުވާނުދެވިދާނެ!
ނުތަކާ ވަރަށް ފަރުވާދޭން ޖެހިދާނެތީ ބިރުއެބައޮތް: މޫސަ
ރާއްޖެއަކީ އޭނާގެ ނަސީބު: އިޓަލީ މީހާގެ ލޮލުން ކަރުނަ
ފަސް ސަރަހައްދެއްގައި ކޮވިޑަށް ޓެސްޓުކުރެވޭނެ ގޮތްހަދަނީ