23 އޯގަސްޓް 2020
މާލެ ތެރޭގައި ކޮވިޑް-19 ބާރަށް ފެތުރި ބަލީގައި އެޑްމިޓްކުރާ އަދަދު އިތުރުވެ އެނދުތައް ފުރުމުގެ ބިރު ހީވެއްޖެ އެވެ.
މާލެ ތެރޭގައި ކޮވިޑް-19 ބާރަށް ފެތުރި ބަލީގައި އެޑްމިޓްކުރާ އަދަދު އިތުރުވެ އެނދުތައް ފުރުމުގެ ބިރު ހީވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހިސާބުތަކުން ދައްކާ ގޮތުގައި، ކޮންމެ ދުވަހަކު ޕޮޒިޓިވްވާ އަދަދު 100 އިން މަތީގައި އުޅޭއިރު، ބަލީގައި މިހާރު ވެސް 169 މީހަކު އެޑްމިޓްކޮށްފައި އެބަތިއްބެވެ. ހާލު ބޮޑުވެ ފަސް މީހަކަށް ވެންޓިލޭޓަރުގައި އަދި 10 މީހަކަށް އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.
މި ހިސާބުތަކުން ހާލަތު ސިފަކޮށްދެއްވަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގައި ކޮވިޑަށް ޚާއްސަކޮށްފައިވާ ހޮސްޕިޓަލްތަކުގެ 62 ޕަސެންޓް އެނދުތައް ފުރިއްޖެ ކަމަށެވެ. ބަލީގެ ލަފާކުރުންތަކުގައި ވެސް ވަނީ މި މަހު ބަލި ޖެހޭ އަދަދު ގިނަވުމާ އެކު އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު އިތުރުވާނެ ކަމަށެވެ.
62 percent of COVID hospital beds in Male' area are now occupied.
— Nazla Rafeeg (@nazla_r) August 23, 2020
In order to protect our loved ones who are at high risk, we need to work together and act now. pic.twitter.com/nVpL2nXCju
ޑރ. ނަޒްލާގެ ޓުވީޓް
ނަޒްލާ އާއްމުކުރެއްވި ހިސާބުތަކުން ދައްކާ ގޮތުގައި މެއި މަހުގެ ފަހުކޮޅުން ފެށިގެން ޖުލައި މަހުގެ ފަހުކޮޅާ ހަމައަށް އެނދުތަކުގެ އޮކިއުޕެންސީ ހުރީ 30 ޕަސެންޓުގަ އެވެ. އެކަމަކު އޮގަސްޓް މަހު ދެ ގުނަވެ، 60 ޕަސެންޓް އެނދުތައް ފުރުނީ މި މަހުގެ ތެރޭގައި ކަން އެ ހިސާބުތަކުން ދައްކަ އެވެ.
މިއީ، އެލާޓް ލެވެލް 2 ކަން ވެސް އޭނާ އާއްމުންގެ ސަމާލުކަމަށް ގެނަ އެވެ. އެލާޓް ލެވެލް 2 ގެ ގޮތުގައި ބަލަނީ 60-79 ޕަސެންޓް އެނދުތައް ފުރުމެވެ. ނަޒްލާ އެދިވަޑައިގަތީ ބަލިން އަރައިގަތުމަށް އަޅާ ފިޔަވަޅުތަކަށް އެއްބާރުލުންދީ އެންމެން ގުޅިގެން މަސައްކަތް ކުރުމަށެވެ.
ކޮވިޑަށް ފަރުވާދޭން ޚާއްސަކޮށްފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ޖާގަ އަކީ 250 އެވެ. އޭގެ އިތުރުން ހާލު ބޮޑު މީހުންނަށް ފަރުވާދޭ ދަރުމަންތަ ހޮސްޕިޓަލުގައި 16 އެނދުގައި ފަރުވާދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ. އަދި ކޮވިޑް-19ގެ ބަލިމީހުންނަށް އަތޮޅުތަކުގައި ފަރުވާދެވޭ ގޮތް ވެސް ވަނީ ހަދައިފަ އެވެ.
އެޗްއީއޯސީން އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި، ކޮވިޑް-19 އަދިވެސް ދަނީ ބާރަށް ފެތުރެމުންނެވެ. އެންމެ ހަރަކާތްތެރި އުމުރުފުރާ ކަމުގައިވާ 18-40 އަހަރާ ދެމެދު ބަލި ފެތުރޭއިރު އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އިންޑިޕެންޑެންޓް ކޭސްތައް އިތުރުވުމަކީ ބަލި ފެތުރޭ މިންވަރު ބޮޑުވެފައި ވުން ކަން ވެސް އެޗްޕީއޭގެ ހިސާބުތަކުން ދައްކަ އެވެ.
ކޮވިޑް-19 ކޮންޓްރޯލްކުރަން އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނުމާ އެކު ބަލި ޖެހޭ މީހުން ވަރަށް ބޮޑަށް އިތުރުވުމުން މިހާރު ވަނީ ބޭރުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުކޮށް އަދި މާލެ ސަރަަހައްދުގައި ރޭގަނޑު 10 އިން ފަތިހު 5 އާ ދެމެދު ބޭރުގައި އުޅުން ވެސް މަނާކޮށްފަ އެވެ. މިވަރުން ވެސް ކޭސްތައް ކޮންޓްރޯލްނުވާތީ މިރޭ 8 އިން ފެށިގެން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ވެހިކަލް ދުއްވުން އޮތީ މަނާކޮށްފަ އެވެ.
މި ނިންމުމާ މެދު ފާޑުކިޔަމުން ދިޔަ ނަމަވެސް އެޗްޕީއޭ އިން ބުނެފައި ވަނީ އެ ނިންމުމަކީ ބަލި އެންމެ ގިނައިން ފެތުރޭ ކަަމަށް ލަފާކުރެވިފައިވާ ވަގުތުތަކުގައި އާއްމުން ހަރަކާތްތެރިވެ އުޅުން މަދުކުރަން އެޅި ފިޔަވަޅެއް ކަމަށެވެ.
ރާއްޖެ އިން މިދިޔަ މާޗް 7 ގައި ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވި ފަހުން މިހާތަނަށް އެ ބަލި ވަނީ 6،660 މީހަކަށް ޖެހިފަ އެވެ. ބަލީގައި ވަނީ 26 މީހުން މަރުވެފަ އެވެ. ބަލި ޖެހުނު މީހުންގެ ތެރޭން 4،113 މީހުން ރަނގަޅުވި އިރު އެކްޓިވް ކޭސްގެ އަދަދަކީ 2،521 އެވެ.
އިއްޔެ މަރުވީ އައިޖީއެމްއެޗުން ބަލި ޖެހުނު މީހެއް
ހާލަތު ބިރުވެރި: ހޮސްޕިޓަލްތައް ފުރި ފަރުވާނުދެވިދާނެ!
"ބްލެކް ފަންގަސް" އަށް ދޭނެ ބޭހެއް ރާއްޖެއަކު ނެތް
އެންމެންގެ ފަހަތުގައި ފުލުހުންނަކަށް ނުހުރެވޭނެ: ނަޒްލާ
ބަލިމީހުން ތަފާތުކުރުމަކީ ކޮވިޑަށްވުރެ ސީރިއަސް ބައްޔެއް
ލޮކްޑައުނަކަށް ދާން ޖެހޭވަރަށް ހާލަތު ގޯސްވެއްޖެ: ޝީނާ
މަރުވިފަހުން އައިސޮލޭޝަނަށް ގުޅުމުން މައާފަށް އެދިއްޖެ
ކޮވިޑް ޖެހިގެން އައިސީޔޫގައި އަށް މީހަކަށް ފަރުވާދެނީ
ވެންޓިލޭޓަރުތައް ލަސްވަނީ ފުލް ޕޭމަންޓަށް އެދޭތީ
ބަލި ފެތުރުން ބާރުވެއްޖެ، އޮގަސްޓުގައި ދުވާލަކު 170