Roadha Mihaaru
ނަފްސާނީ މައްސަލަތައް ތިން ގުނަ އިތުރުވެއްޖެ

ކޮވިޑާ އެކު ނަފްސާނީ މައްސަލަތައް ތިން ގުނަ އިތުރުވެއްޖެ

31 މެއި 2020

ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދަން އެދުނު މީހުންގެ އަދަދު ވޭތުވެދިޔަ ތިން މަހު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ތިން ގުނައަށް އިތުރުވެފައިވާ ކަމަށް އައިޖީއެމްއެޗުން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދަން އެދުނު މީހުންގެ އަދަދު ވޭތުވެދިޔަ ތިން މަހު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ތިން ގުނައަށް އިތުރުވެފައިވާ ކަމަށް އައިޖީއެމްއެޗުން މިރޭ ބުނެފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އައިޖީއެމްއެޗުގެ ސެންޓަ ފޯ މެންޓަލް ހެލްތުގެ ޕްރިންސިޕަލް ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އާފިޔާ އަލީ ވިދާޅުވީ މި އަހަރުގެ މާޗް އިން ފެށިގެން މެއި މަހުގެ ނިޔަލަށް 999 މީހުން ނަފްސާނީ ފަރުވާ ހޯދަން އެދުނު ކަމަށެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ފަރުވާ ހޯދީ 330 މީހުން ކަން އޭނާ ފާހަގަކުރެއްވި އެވެ.

މިހާ ގިނަ ބަޔަކު ފަރުވާ އަށް އެޕޮއިންޓްމެންޓަށް އެދުނީ، ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދު ލޮކްޑައުންކޮށް، ގެތަކުގައި ބަންދުވެ، ދިރިއުޅުން ހުއްޓިފައި މިހާރު އޮތް ހާލަތުގެ ސަބަބުން ދިމާވާ އުނދަގޫތަކާ ގުޅިގެން ކަމަށް ބެލެވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަރުވާ ހޯދި އަދަދު އިތުރުވިޔަސް ނަފްސާނީ މައްސަލަތައް އިތުރުވެފައިވާ މިންވަރާއި މައްސަލަތަކުގެ ބާވަތް ދެނެގަންނަން އަދި ދިރާސާއެއް ކުރެވިފައެއް ނުވެ އެވެ. ކޮވިޑާ ހެދި އެންމެ ބޮޑަށް ކުރިމަތިވާ މައްސަލައެއްގެ ގޮތުގައި އެހެން ގައުމުތަކުން ފެނިފައި ވަނީ އޭނާ ވިދާޅުވި ގޮތުގައި ޕޯސްޓް ޓްރައުމެޓިމް ޑިސްއޯޑާ އެވެ.

"އައިޖީއެމްއެޗްގެ ސެންޓަ ފޯ މެންޓަލް ހެލްތަށް ހުށަހެޅުނު މައްސލަަތަކަށް ބަލާއިރު ވެސް ނުވަތަ އެތަނުގެ ފަރުވާއަަށް އެދިގެން މިދިޔަ ތިން މަސް ތެރޭގައި ފަރުވާއަށް އެދި، އެޕޮއިންޓްމެންޓަށް އެދި އައިސްފައި ހުރި އަދަދު ތިން ގުނަ އިތުރު،" ޑރ.އާފިޔާ ވިދާޅުވި އެވެ

ކޮވިޑާ އެކު ނަފްސާނީ ގޮތުން ވެސް ޕެންޑެމިކެއް (ބޮޑުު ބަލިމަޑުކަމެއް) ކުރިމަތިވާނެ ކަމުގެ ކަންބޮޑުވުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ މާހިރުން ވެސް ފާޅުކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަމާލުކަން ދޭންވީ ކަންތައްތައް

ކޮވިޑް-19 ފެތުރޭތީ އޮތް ކަންބޮޑުވުމުގެ އިތުރުން އެ ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިޖުތިމާއީ އިގުތިސާދީ ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ޑރ. އާފިޔާ ވިދާޅުވީ ލޮކްޑަައުން ކުރުމާއި ލޮކްޑައުން ލުއިކުރުމާ މެދުގައި ވެސް ކަންބޮޑުވާ ކަންތައްތަކެއް ހުންނާނެ ކަން ބަލައިގަންނަން ޖެހޭ ކަމަށާއި އެ ފިޔަވަޅުތައް އެގޮތަށް ބަދަލުވަމުން ދަނީ ކޮވިޑާ އެކު ހާލަތަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. މި ކަންކަމުން ލިބޭ ހާސްކަން ކުޑަކުރުމަށް ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ އަމިއްލަ ބާރު ހިނގާ ކަންތައްތަކަށް ސަމާލުކަންދިނުން ކަމަށް ވިދާޅުވި އެވެ.

ބަލި ޖެހިދާނެތީ އޮންނަ ހާސްކަން ކުޑަކުރުމަށް ޓަކައި ސޯޝަލް ޑިސްޓެންސިން އާއި ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ އޭނާ ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު އެއް ކަންތަކެވެ.

"އޭގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ވަރަށް އާދައިގެ ކަންތައްތަކެއް އެބަހުރި. އޭގެ ތެރޭގައި އަޅުގަނޑުމެންގެ އިޖުތިމާއީ ގުޅުން، ގައިދުރުކޮށްގެން މި ލޮކްޑައުންގައި ތިބެގެން ވެސް، ފޯނުން ވީޑިއޯ ކޯލްގެ ޒަރިއްޔާއިން ވިޔަސް އެކަން މެއިންޓެއިން ކުރުން ހިމެނެވޭ،" އާފިޔާ ވިދާޅުވި އެވެ.

އެކަމުގައި ކުޑަކުދިންނަށް ސަމާލުކަންދީ، ފުރުސަތުތައް ފަހިކޮށްދޭން އޭނާ އިލްތިމާސް ކުރެއްވި އެވެ.

ސަމާލުކަންދޭންވީ އެހެން ކަންތަައްތަކަކީ އޭނާ ވިދާޅުވި ގޮތުގައި ވެވުނު މިންވަރަކުން ހަރަކާތްތެރިވެ އުޅުމާއި ސިއްހަތަަށް ފައިދާހުރި ކާނާ ބޭނުން ކުރުމެވެ. ގޭތެރޭގައި ބޮޑު ޖާގަ ނެތަސް އިށީނދެ ތިބުމުގައި ބަދަލުގައި ތެދުވެގެން ކޮންމެވެސް ކަމެއް ކޮށްލުމަކީ ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން މުހިއްމު މައުލޫމާތުތައް އެއްކުރުން ވަރަށް މުހިއްމު. އެކަމަކު އޭގައި ސަމާލުކަން ދޭން ޖެހޭނީ ސޯޝަލް މީޑިއާ އަދި އިންފޮމޭޝަން އޯވަލޯޑް ކުޑަކުރުމަށް ޓަކައި ހުރިހާ ވަގުތެއް އެކަމަށް ހޭދަ ނުކުރުން،" އޭނާ ވިދާވި އެވެ.

އެކަކު އަނެކަކުގެ ހާލުބަލައި ހިތްވަރުދިނުމަކީ ވެސް ކުރެވިދާނެ މުހިއްމު ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.