Roadha Mihaaru
ޓެސްޓްތަކުގެ ނަތީޖާ އޮޅެނީ "ކްރޮސް ކޮންޓެމިނޭޓްވާތީ"

ޓެސްޓުގެ ނަތީޖާ އޮޅެނީ "ކްރޮސް ކޮންޓެމިނޭޓް" ވާތީ: ޑރ.އަފްޒަލް

12 މެއި 2020

ކޮވިޑް-19 ގެ ބައެއް ޓެސްޓްތަކުން "ފޯލްސް ރިޒަލްޓް" ލިބެނީ ސާމްޕަލްތައް ޕްރޮސެސްކުރާއިރު (އެއް ސާމްޕަލްގެ އަސަރު އަނެއް ސާމްޕަލަށް ކޮށް) ކްރޮސް ކޮންޓެމިނޭޓްވާތީ ކަމަށް އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްްރާހީމް އަފްޒަލް މިރޭ ވިދާޅުވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19 ގެ ބައެއް ޓެސްޓްތަކުން "ފޯލްސް ރިޒަލްޓް" ލިބެނީ ސާމްޕަލްތައް ޕްރޮސެސްކުރާއިރު (އެއް ސާމްޕަލްގެ އަސަރު އަނެއް ސާމްޕަލަށް ކޮށް) ކްރޮސް ކޮންޓެމިނޭޓްވާތީ ކަމަށް އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްްރާހީމް އަފްޒަލް މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ކުރި ތިން ޓެސްޓެއްގެ ފުރަތަމަ ނަތީޖާ ޕޮޒިޓިވް ވުމަށް ފަހު ދެ ވަނަ ޓެސްޓް ނެގެޓިވްވެ އަދި ތިން ވަނަ ޓެސްޓެއް ހަދައި ނަތީޖާ އިތުރަށް ކަށަވަރުކުރަން ޖެހުނުކަން މިހާތަނަށް ހާމަވެފައިވާ މައުލޫމާތުން އެނގެ އެވެ. އެހެން ގައުމުތަކުގައި ވެސް ދިމާވާ މި މައްސަލައާ ގުޅިގެން ޓެސްޓްތަކުގެ ޔަގީންކަމާ މެދު ބައެއް މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އަފްޒަލް ވިދާޅުވީ މިގޮތަށް ފޯލްސް ޕޮޒިޓިވް ވުން ހުރިހާ ގައުމެއްގައި ވެސް ދިމާވާ ކަމަށާއި ކޮވިޑް-19 ނޫން އެހެން ބަލިތަކަށް ކުރާ ޓެސްޓުތަކުން ވެސް މިގޮތަށް ނުބައި ނަތީޖާ ނުކުންނަ ފަހަރު އަންނަ ކަމަށެވެ. އަދި މިއީ ދިމާނުވާނެކަން ކަށަވަރުކުރެވޭ ކަމެއް ނޫން ކަމަށާއި އެކަމަކު މިއީ މަދު ފަހަރެއްގައި ނޫނީ ދިމާވާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

މިކަން ދިމާވާ ގޮތް އޮޅުންފިލުއްވައިދެއްވަމުން ޑރ.އަފްޒަލް ވިދާޅުވީ ސާމްޕަލްތައް ނަގަނީ ބެޗްތަކެއްގެ ގޮތުގައި ކަމަށާއި އާންމުކޮށް ކްރޮސް ކޮންޓަމިނޭޝަން ވަނީ ސާމްޕަލްތައް ޕްރޮސެސްކުރުމުގެ މަރުހަލާގައި ކަމަށެވެ. މިހެން ދިމާވާތީލެބޯޓްރީގައި މަސައްކަތްކުރާ ބޭފުޅުން ވެސް އެކަމަށް އިތުރު ސަމާލުކަމެއް ދޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ލެބޯޓްރީން ވެސް އެވާހަކަ ހޯދާލިން، އޭގެ އެންމެ ޕޮސިބަލް ސިނާރިއޯއަކަށް މި އިންނަނީ ސާމްޕަލް ޕްރޮސެސްވެގެންދާ ކޮންމެސް އެއް ލެވަލްއެއްގައި އެ ކްރޮސް ކޮންޓެމިނޭޓްވުން، އެކަމަކު މީގެ ކޭސް ފެނުމަކީ ލޭބޯޓްރީން ވެސް އިތުރަށް ސަމާލުކަން ދޭނެ ކަމެއް، އެކަމު އެނގެންޖެހޭ ކަމެއް ހިއުމަން އެރާ އަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް ހިނގާނެ ކަމެއްކަން،" ޑރ.އަފްޒަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ ނަތީޖާތައް ލިބޭ އިރު އެ އަދަދު ވަކި ލެވަލްއަކަށް ވުރެ މަތި ވެއްޖެ ނަމަ އެ ލެބޯޓްރީއެއްގެ ފެންވަރު ބަލާނެ ކަމަށެވެ. ނަމަވެސް އެފަދަ ދެތިން ޓެސްޓެއް ފެނުމަކުން ލެބޯޓަރީގެ ފެންވަރާ މެދު ސުވާލެއް އުފެދޭ ހިސާބަށް ނުދާ ކަމަށާއި ރާއްޖޭގައި ޓެސްޓުތައް ހަދަމުން އަންނަ އައިޖީއެމްއެޗްގެ ލެބޯޓްރީއަކީ ފެންވަރު ރަނގަޅު ލެބޯޓްރީއެއް ކަމަށް ވިދާޅުވި އެވެ.

މަނަދޫއިން މާލެ ގެނައި އަންހެނަކާއި އައިޖީއެމްއެޗްގެ ނަރުހެއްގެ އިތުރަށް ތަކަންދޫން ފުރަތަމަ ޕޮޒިޓިވްވި ކުޑަ ކުއްޖަކާއި އައްޑޫން ގެނައި ގެނައި ބަލި މީހެއްގެ ޓެސްޓް ފުރަތަމަ ޕޮޒިޓިވް ވުމަށް ފަހު ދެން ނެގެޓިވް ވެފައިވެ އެވެ.