Roadha Mihaaru
ދެ މިލިއަން އަލުވި ހިލޭ ބަހާލަނީ

ޑިމާންޑެއް ނެތުމުން ދެ މިލިއަން އަލުވި ހިލޭ ބަހާލަނީ

18 އެޕްރީލް 2020

ފާއިތުވި ހައެއްކަ މަހު ހެއްދި ދެ މިލިއަން އަލުވީގެ ޑިމާންޑް ކޮރޯނާވައިރަހާ ހެދި ވެއްޓި، ގަންނާނެ ބަޔަކު ނުވުމުން ހިލޭ ބަހާލަން އެމެރިކާގެ ދަނޑުޔވެރިކަންކުރާ ކުންފުންޏަކުން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފާއިތުވި ހައެއްކަ މަހު ހެއްދި ދެ މިލިއަން އަލުވީގެ ޑިމާންޑް ކޮރޯނާވައިރަހާ ހެދި ވެއްޓި، ގަންނާނެ ބަޔަކު ނުވުމުން ހިލޭ ބަހާލަން އެމެރިކާގެ ދަނޑުޔވެރިކަންކުރާ ކުންފުންޏަކުން ނިންމައިފި އެވެ.

އިޑާހޯގެ އޯކްލީގައި ހިންގާ ކްރޭނީ ފާމްސް އިން ބުނީ އެތަނުން ހައްދާ އަލުވި އާންމުކޮށް ގަނޑުކޮށް ސަޕްލައިކުރަނީ ތަރުކާރީ ވިއްކާ ފިހާރަތަކާއި ރެސްޓޯރަންޓްތަކަށް ކަމަށެވެ. އެކަމަކު ކޮރޯނާވައިރަހާ ހެދި އެފަދަ ގިނަ ތަންތަން މިހާރު ބަންދުކޮށްފައި ހުރުމާ އެކު، އަލުވީގެ ޑިމާންޑް އެއްވެސް ވަރަކަށް ނެތް ކަމަށް ބުންޏެވެ.

ކްރޭނީ ފާމްސްގެ ސީއީއޯ ރަޔަން ކްރޭނީ ބުނީ އެ މީހުންގެ ސްޓޮކްގައި މިހާރު ހުރި ދެ މިލިއަން އަލުވި ހަލާކުވުމުގެ ކުރިން އާންމުންނަށް އެއްކޮށް ބަހަން ނިންމާފައިވާ ކަމަށެވެ.

"އެންމެ ފުރަތަމަ އަންނަ ބަޔަކަށް ލިބޭ ގޮތަށް އިންތިޒާމު ހަމަޖެހިފައި ހުންނާނީ. އަލުވި ބޭނުންވާ މީހުން އެއްވެސް އަގަކާ ނުލައި އަލުވި ގެންދަންވީ." އޭނާ ބުންޏެވެ.

ކްރޭނީ ފާމްސް އިން ބުނިގޮތުގައި އެތަނުގެ އާމްދަނީގެ 50 ޕަސަންޓަކީ އަލުވި ވިއްކައިގެން ލިބޭ ފައިދާ އެވެ. ނަމަވެސް އަލުވީގެ ޑިމާންޑް ބޮޑިތަނުން ވެއްޓުމާ އެކު މި އަހަރު ދެން އަލުވި ހައްދާ މިންވަރު ވަރަށް ބޮޑަށް ދަށްކުރާނެ ކަމަށް ބުންޏެވެ.

ރަޔަން ބުނީ އެ މީހުންގެ ދަނޑުތަކުގައި އަލުވީގެ އިތުރުން ވެސް އެހެން ބާވަތްތަކެއް ހައްދާ ކަމަށެވެ. އޭގެ ތެރޭގައި އުއްދަނޑި އާއި ގޮދަނާއި ޒުވާރި އާއި މަސްޓަޑް ސީޑްސް ހިމެނެ އެވެ. މީގެ އިތުރުން ގެރިބަކަތި ހުއިހެއްޕުގެ މަސައްކަތް ވެސް ކުރެ އެވެ.

"އެކަމަކު ކޮރޯނާވައިރަހާ އެކު އެންމެ ޑިމާންޑް ވެއްޓުނީ އަލުއްވާއި ގެރިބަކަރީގެ." ރަޔަން ބުންޏެވެ.

އޭނާ ބުނީ އަލުވި ހިލޭ ބަހަން ނިންމި ވާހަކަ މިދިޔަ އަންގާރަ ދުވަހު ފޭސްބުކްގައި ހިއްސާކުރުމުން ވަރަށް ބޮޑު ތަރުހީބެއް އާންމުންގެ ފަރާތުން ލިބެމުން އަންނަ ކަމަށެވެ.

"ބޭނުންވާ ބަޔަކު އައިސް އެ ބަޔަކު ބޭނުން ވަރަކަށް އަލުވި ގެންދަން އަހަރެމެން މިއޮތީ ފުރުސަތު ހުޅުވާލާފައު." ރަޔަން ބުންޏެވެ.