Roadha Mihaaru
އާ އޮޕަރޭޝަނާއެކު އޭޭޑީކޭން އަނެއްކާ ވެސް ކުރިއެރުމެއް

ކާމިޔާބު އާ އޮޕަރޭޝަނާ އެކު އޭޑީކޭއިން އަނެއްކާ ވެސް ތާރީޚުގެ ތެރެއަށް!

25 ފެބުރުއަރީ 2020

ސިކުނޑި އަށް ލޭ ފޮނުވާ ހޮޅިތަކުގައި އުފެދޭ އެނިއުރިޒަމް ބައްދައި، އެ ބޮޑުވިޔަ ނުދިނުމުގެ ކާމިޔާބު އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލްގައި ކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ސިކުނޑި އަށް ލޭ ފޮނުވާ ހޮޅިތަކުގައި އުފެދޭ އެނިއުރިޒަމް ބައްދައި، އެ ބޮޑުވިޔަ ނުދިނުމުގެ ކާމިޔާބު އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލްގައި ކޮށްފި އެވެ.

އެނިއުރިޒަމް އަކީ ސިކުނޑި އަށް ލޭ ފޮނުވާ ބައެއް ނާރުތަކުގައި އުފެދޭ ކުޑަކުޑަ ކޮތަޅެއް ކަހަލަ އެއްޗެކެވެ. އެތަނަށް ލޭ އެޅި ބޮޑުވެ، ގިނަ ފަހަރަށް ނާރު ފަޅައިގެންދެ އެވެ. އެ ފަދަ ހާލަތްތަކުގައި މީހާގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު ކުޑަ އެވެ.

އޭޑީކޭގެ ކެތު ލެބުގައި އަލަށް ފެށި މި ހިދުމަތަކީ އެނިއުރިޒަމް ގޯސް ނުވަނީސް، ނުވަތަ ފަޅައިގެން ނުދަނީސް އޮޕަރޭޝަން ކޮށްގެން އޭގެ ތެރެއަށް ކޮއިލް ލައްވައި ފުރައިލުމެވެ. އޭރުން އޭގެ ތެރެއަށް ލޭ އެޅި ބޮޑެއް ނުވާނެ އެވެ.

މިދިޔަ ތިން ދުވަހުގެ ތެރޭގައި އެ ފަދަ ހަތް އޮޕަރޭޝަން އޭޑީކޭގައި ވަނީ ކޮށްފަ އެވެ.

ރާއްޖޭގައި ހިންގާ އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިއަދު ވިދާޅުވީ، އާއްމު ގޮތެއްގައި ކެތު ލެބެއްގައި ދޭ ހިދުމަތްތަކުގެ ގޮތުގައި ގިނަ މީހުންނަށް އެނގިފައި އޮންނަނީ އެންޖިއޮގްރަފީ ހެދުމާއި ސްޓެންޓް ލެއްވުމާއި ހިތުގެ ވެއިންތައް މަރާމާތުކުރުން ކަމަށެވެ. އެކަމަކު، އެ އަށް ވުރެ ގިނަ ހިދުމަތްތައް ވެސް އޭޑީކޭ ހޮސްޕިޓަލްގައި ދެވޭނެ ކަމަށާއި އެގޮތުން އަތާއި ފަޔާއި ކަރު ފަދަ ތަންތަނަށް ލޭ ފޮނުވައިދޭ ނާރުތަކަށް ދިމާވާ މައްސަލަތައް ވެސް ހައްލު ކުރެވޭނެ ކަމަށް އަފްއާލް ވިދާޅުވި އެވެ.

"ސިކުނޑީގެ ނާރުތަކުގައި އެނިއުރިޒަމް އުފެދިފައިވާކަން ގިނަ ފަހަރަށް މި އެނގެނީ އެ ނާރު ފަޅައިގެން ގޮސްގެން. ދެން ދެވޭނެ މާބޮޑު ފަރުވާއެއް ނޯވޭ. އޮޕަރޭޝަން ކުރި ނަމަވެސް ގިނަ ފަހަރަށް އެހާ ކާމިޔާބެއް ނުވޭ. ވަރަށް ޅަ އުމުރުގައި ވެސް މިހެން ދިމާވޭ،" އޭނާ ވިދާޅުވި އެވެ.

އަފްއާލް ވިދާޅުވި ގޮތުގައި، އެމްއާރުއައި ސްކޭން ނުވަތަ އެންޖިއޮގްރަފީ ހަދައިގެން މިހާރު އެ ފަދަ އެނިއުރިޒަމް އުފެދިފައިވާކަން އެނގޭނެ އެވެ. ހާލަތު މާ ގޯސް ނުވަނީސް އެކަމަށް ފަރުވާ ހޯދޭނެ އެވެ. އޭރުން ސިކުނޑީގެ ނާށިގަނޑު ކަފާލައިގެން އޮޕަރޭޝަން ކުރުމުގެ ބަދަލުގައި ނާރެއްގެ ތެރެއަށް ސްޓެންޓް ލައްވައިގެން އެކަން ހައްލު ކުރެވޭނެ ކަމަށް އަފްއާލް ވިދާޅުވި އެވެ.

"މީގެ ކުރިން މިކަން ކުރަން ދާން ޖެހެނީ ރާއްޖެ އިން ބޭރަށް. އެކަމަކު އިރާދަކުރެއްވިއްޔާ، މިހާރު ރާއްޖެ އިން ވެސް މި އޮޕަރޭޝަން ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތުގެ ބައިޕާސް އޮޕަރޭޝަނެއް ވެސް ކުރީ އޭޑީކޭގަ އެވެ. މީގެ ދެ އަހަރު ކުރިން އެ ހޮސްޕިޓަލުގައި ހުޅުވި ކެތުލެބުން މިހާރު އަންނަނީ ކާމިޔާބު ގިނަ ހިދުމަތްތަކެއް ތައާރަފް ކުރަމުންނެވެ.