Roadha Mihaaru
ކެންސަރު ދެނެގަތުމަށް ހަދާ ސްކޭން އޭޑީކޭގައި ފަށައިފި

ކެންސަރު ދެނެގަތުމަށް ހަދާ ޕެޓް ސްކޭން އޭޑީކޭއިިން ތައާރަފުކޮށްފި

25 ޖުލައި 2023

ކެންސަރު ދެނެގަތުމަށް ހަދާ ޕެޓް ސްކޭންގެ ހިދުމަތް އޭޑީކޭ ހޮސްޕިޓަލުން ތައާރަފްކޮށް، މިއަދު އެ ހިދުމަތް ދޭން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކެންސަރު ދެނެގަތުމަށް ހަދާ ޕެޓް ސްކޭންގެ ހިދުމަތް އޭޑީކޭ ހޮސްޕިޓަލުން ތައާރަފްކޮށް، މިއަދު އެ ހިދުމަތް ދޭން ފަށައިފި އެވެ.

ޕެޓް ސްކޭންގެ މައިގަނޑު އެއް ބޭނުމަކީ ކެންސަރު ސްކްރީނިން އަށް ވިޔަސް ހިތާއި ސިކުނޑީގެ ބައެއް ބަލިތައް ދެނެގަތުމެވެ.

އޭޑީކޭ ހޮސްޕިޓަލްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ، އެ ހިދުމަތް ބޭނުންވާ މީހުންނަށް އެ ހޮސްޕިޓަލުން ހިދުމަތް ލިބެން ހުންނާނެ ކަމަށެވެ.

އެ ހިދުމަތަށް މި ވަގުތު ނަގަން ނިންމާފައި ވަނީ 7،500ރ. އާއި 8،500ރ. އާ ދެމެދުގެ އަގެކެވެ. ނަމަވެސް އާސަންދަ އާއި އެންސްޕާ މެދުވެރިވެގެން އެ އަގު ކުޑަ ކުރެވޭނެ ގޮތެއް ހޯދުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައްފާލް ވާހަކަ ދައްކަވަނީ: އޭޑީކޭގައި ވަނީ ރައްކާތެރިކަމާ އެކު އެ ތަކެތި ގެންގުޅޭނެ ނިޒާމު ގާއިމްކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އައްފާލް ވާހަކަ ދައްކަވަނީ: އޭޑީކޭގައި ވަނީ ރައްކާތެރިކަމާ އެކު އެ ތަކެތި ގެންގުޅޭނެ ނިޒާމު ގާއިމްކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އަފްއާލް ވިދާޅުވީ ގިނަ ގޮންޖެހުންތަކަކާ އެކު ވެސް، ޕެޓް ސްކޭންގެ ހިދުމަތް ފެށުމުން ރާއްޖެ އިން ބޭރަށް މީހުން ދާން ޖެހޭ ދިއުން ނިމުމަކަށް އަންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"މިކަން ކުރަމުން އައިއިރު ވަރަށް ގިނަ ތަފާތު ގޮންޖެހުންތައް ދިމާވި. ހާއްސަ ގޮތެއްގައި ރާއްޖޭގައި އަޅުގަނޑުމެން އާ ގައިޑްލައިންތައް ހަދަން ޖެހުނު. ހާއްސަ ގޮތެއްގައި ނިއުކްލިއާ އިންޖެކްޝަނެއް އެތެރެކުރަން ޖެހޭތީ. އެ ބޭސް އުލާކަން ޖެހޭ ގޮތްތަކާއި އެކި ކަހަލަ އާ ކަންކަމަށް،" އަފްއާލް ވިދާޅުވި އެވެ.

އެ ހިދުމަތް ދޭން ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު އެތެރެކުރަނީ އިންޑިއާ އިންނެވެ.

"މިކަން ހަމައެކަނި ރާއްޖޭގައި ހަމަޖެހުމަކުން ވެސް ނުފުދޭ. އަޅުގަނޑުމެން އެބަ ޖެހޭ ރާއްޖެއިން ބޭރުން އިމްޕޯޓުކުރާ ފަރާތްތަކުން ވެސް އެކިއެކި ހުއްދަތައް ނަގަން. އެގޮތުން އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަން ކޮށްފައި ވަނީ އިންޑިއާގައި އެކަން ކުރާ ގޮތަށް،" އަފްއާލް ވިދާޅުވި އެވެ.

ޑރ. ނިޔާފް ވާހަކަ ދައްކަވަނީ: ބަލިމީހާއަށް ނިއުކްލިއާ ޓްރޭސާ މެޓީރިއަލް ދޭނެ މިންގަނޑު ކަނޑައަޅާނީ ސިއްހީ ކަންތައްތަކަށް ބެލުމަށް ފަހު ކަމަށް ވެސް ނިޔާފް ވިދާޅުވި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ޑރ. ނިޔާފް ވާހަކަ ދައްކަވަނީ: ބަލިމީހާއަށް ނިއުކްލިއާ ޓްރޭސާ މެޓީރިއަލް ދޭނެ މިންގަނޑު ކަނޑައަޅާނީ ސިއްހީ ކަންތައްތަކަށް ބެލުމަށް ފަހު ކަމަށް ވެސް ނިޔާފް ވިދާޅުވި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެ ހިދުމަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު އަދި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ ޕެޓް ސްކޭން ކުރާނީ ކެންސަރަށް އެކަނި ނޫން ކަމަށެވެ. ބައެއް ކަހަލަ ނާރުގެ ބަލިތަކަށާއި މެޓަބޮލިކް ބަލިތައް (ހަކުރު ބަލި ފަދަ ބަލިތައް) ބެލުމަށް ވެސް ޓެސްޓު ހެދޭނެ ކަމަށް ޑރ. ނިޔާފް ވިދާޅުވި އެވެ.

"މައިގަނޑު ގޮތެއްގައި އެންމެ ފުޅާ ދާއިރާއެއްގައި މި ޓެސްޓް ހަދަނީ ކެންސަރު ދެނެގަތުން އަދި ކެންސަރު ފެތުރިފައި ހުރި މިންވަރު ދެނެގަތުމަށާއި ފަރުވާ އަކަށް ފަހު ކެންސަރު ނައްތާލުމަށް ކުރި މަސައްކަތް ކާމިޔާބު ވެފައި ހުރިތޯ ބެލުމަށް،" ޑރ. ނިޔާފް ވިދާޅުވި އެވެ.

އޭޑީކޭ އިން ވަނީ އެކަމަށް ހާއްސަ ޑިޕާޓްމެންޓެއް ގާއިމް ކޮށްފަ އެވެ. އެތަނުގައި އެ އެކަމަށް ބޭނުންކުރާ ބޭހާއި އެހެނިހެން ތަކެތި ގެންގުޅޭނެ ނިޒާމެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ.

އޭޑީކޭގައި ބެހެއްޓި ޕެޓް ސްކޭން މެޝިން؛ މިއީ ރާއްޖޭގައި އަލަށް ދޭންފެށި ހިދުމަތެއް.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އޭޑީކޭގައި ބެހެއްޓި ޕެޓް ސްކޭން މެޝިން؛ މިއީ ރާއްޖޭގައި އަލަށް ދޭންފެށި ހިދުމަތެއް.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ޑރ. ނިޔާފް ވިދާޅުވީ ޕެޓް ސްކޭނަށް އެޕޮއިންޓްމެންޓް ހެދުމުން ކަނޑައެޅޭ ވަކި ދުވަހެއްގައި ނިޔުކްލިއާ ފިޒިޝަނަކަށް ދައްކަން ޖެހޭނެ ކަމަށެވެ. އަދި ބަލިމީހާއަށް ނިއުކްލިއާ ޓްރޭސާ މެޓީރިއަލް ދޭނެ މިންގަނޑު ކަނޑައަޅާނީ ސިއްހީ ކަންތައްތަކަށް ބެލުމަށް ފަހު ކަމަށް ވެސް ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ޕެޓް ސްކޭން ހެދުމަށް އާސަންދައިން ކޮންމެ އަހަރަކު ވެސް 1،000 އެއްހާ މީހުން ބޭރަށް ދެ އެވެ.