Roadha Mihaaru
މެޑިކަލް ފެސިލިޓީއެއް ހަދަން އޭޑީކޭއާ ހަވާލުކޮށްފި

ހުޅުމާލޭގައި މެޑިކަލް ފެސިލިޓީއެއް ހަދަން އޭޑީކޭއާ ހަވާލުކޮށްފި

25 އޮކްޓޯބަރ 2022

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މެޑިކަލް ފެސިލިޓީއެއް ހެދުމަށް އޭޑީކޭ ހޮސްޕިޓަލާ ހަވާލުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މެޑިކަލް ފެސިލިޓީއެއް ހެދުމަށް އޭޑީކޭ ހޮސްޕިޓަލާ ހަވާލުކޮށްފި އެވެ.

އޭޑީކޭ ހޮސްޕިޓަލުން މިއަދު ކުރި ޓްވީޓެއްގައި ވަނީ ހުޅުމާލޭގައި މެޑިކަލް ފެސިލިޓީއެއް ހެދުމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފާއި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ބުނެފަ އެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި މިއީ މެޑިކަލް ދެ ފެސިލިޓީ ހެދުމަށް ޝައުގުވެރިވާ ބަޔަކު ހޯދަން އެޗްޑީސީން މިއަހަރުގެ ކުރީކޮޅު ހުޅުވާލުމުން އެ ހޮސްޕިޓަލުން އެކަމުގެ ޝައުގުވެރިކަން ފާޅުކުރުމުން ލިބުނު ފުރުސަތެކެވެ.

އެކަމަކު އެ އެއްބަސްވުމުގެ ތަފްސީލެއް ނުދެ އެވެ.

ކުރިން އެޗްޑީސީން ކުރި އިއުލާނަށް ބަލާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ މެޑިކަލް ފެސިލިޓީއާ އެކު ތިން ކްލިނިކް ހަދަން އިއުލާންކުރި އެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި މެޑިކަލް ފެސިލިޓީ ހަދާނީ 71،127.92 އަކަފޫޓްގެ ފްލޮޓު (K9-N) އަދި 67،522.01 އަކަ ފޫޓުގެ ޕްލޮޓު (N5-50) ގަ އެވެ. އޭގެ ތެރެއިން N5-50 ޕްލޮޓުގައި މެޑިކަލް ފެސިލިޓީ އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކުރީ މިދިޔަ ޖެނުއަރީ މަހުގަ އެވެ.

އެތަން އޭޑީކޭއާ ހަވާލުކޮށްފައި ވަނީ ކިހާ މުއްދަތެއްގެ ތެރޭގައި ނިންމައި، ހިދުމަތްދޭންޖެހޭ ގޮތަށް ކަމާއި އެތަން ދީފައިވަނީ ކިހާ ވަރަކަށް ކަމެއް ސާފެއް ނުވެ އެވެ.