Roadha Mihaaru
"މިއީ ސިއްހީ ދާއިރާއަށް އިންވެސްޓްކުރަންވީ ވަގުތު"

ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންވެސްޓްކުރަން މިއަށްވުރެ ރަނގަޅު ވަގުތެއް ނެތް: އަފްއާލް

25 އޮކްޓޯބަރ 2023

ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންވެސްޓުކުރަން މިއަށްވުރެ ރަނގަޅު ފުރުސަތެއް ނެތް ކަމަށް، އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންވެސްޓުކުރަން މިއަށްވުރެ ރަނގަޅު ފުރުސަތެއް ނެތް ކަމަށް، އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިއަދު ވިދާޅުވެއްޖެ އެވެ.

އެ ހޮސްޕިޓަލްގެ ފަސް ވަނަ "ބްރެއިން އެންޑް ސްޕައިން" ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އަފްއާލް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ތަފާތު އެކި ދާއިރާތަކުން ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރާފައިވާ ކަމަށެވެ.

ރާއްޖޭގައި ކުރި އެންމެ ފުރަތަމަ ނިއުރޯ ސާޖަރީއަށް އަންނަ އަހަރު 10 އަހަރު ފުރޭއިރު، އަންހެނުންގެ ބަލިތަކާއި އެހެނިހެން ދާއިރާތަކުން ވެސް ރާއްޖޭގައި ކުރިއެރުންތައް ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އަފްއާލް ވިދާޅުވީ މިހާރު ކުރަންޖެހޭ ކަމަކީ އެ ބަދަލުތައް ގެނައުމުގެ ސްޕީޑް އަވަސްކުރުން ކަމަށާއި އެކަން ކުރެވޭނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންވެސްޓްކޮށްގެން ކަމަށެވެ.

"ރާއްޖޭގެ ސިއްހީ ނިޒާމަށް އިންވެސްޓްކުރަން އެބަޖެހޭ. އަހަރެމެންގެ އަމިއްލަ ސިއްހީ ނިޒާމަށް އަޅާލަން އެބަޖެހޭ.... މިއީ ވަރަށް ރަނގަޅު މުނާސަބަތު ވަގުތެއް މިކަމާ ގުޅޭގޮތުން ފުންކޮށް ވިސްނުމަށް،" ވިލާ ނޯޓިކާ ރިސޯޓްގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވި އެވެ.

އޭޑީކޭގެ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭޑީކޭގެ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަފްއާލް ވިދާޅުވީ އެކަމާ މެދު ވިސްނަން ރަނގަޅު ވަގުތެއް ކަމަށް ވިދާޅުވީ ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށްދާތީ ކަމަށެވެ. ފެންވަރު ރަނގަޅު ޓެކްނޮލޮޖީގެ އެހީގައި، ދިވެހީންގެ ފުރާނަ އަވަހަށް ސަލާމަތްކުރަން މަސައްކަތް ކުރަންޖެހޭ ކަމަށާއި ރާއްޖޭގެ ދުވެލި ހިންގުމަށް އެ މީހުންނަށް މަސައްކަތް ކުރެވޭނީ އޭރުން ކަމަށް ވެސް ވިދާޅުވި އެވެ.

އަފްއާލް ވިދާޅުވި ގޮތުގައި ފަސް ވަނަ ފަހަރަށް ބާއްވާ މި ކޮންފަރެންސުން ގިނަ ކަންތައްތަކެއް ދަސްވަމުން އަންނަ ކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި މި ފަރުވާތައް ދޭ ގޮތްތަކާ އެކު، ޓެކްނޮލޮޖީ ގޮތުން އެ ތަންތަން ކުރިއަރަމުން އަންނަ ގޮތް ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަސޭހައިން ކަންކަން ދަސްކުރާ ބަޔަކަށް ވުމުކީ ނަސީބެއް ކަމަށާއި އެހެން މީހުން ތަހައްމަލުކޮށްފައިވާ ދަތި އުނދަގޫ ހާލަތަށް ނުގޮސް، ތަންފީޒުކުރުމަކީ ރަނގަޅު ކަމެއް ކަމަށެވެ.

"އެހެންވެ، [ސިއްހީ ދާއިރާ] ރިފޯމް ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް،" އަފްއާލް ވިދާޅުވި އެވެ.

އޭޑީކޭގެ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް ނަޝިދު އަދި އޭޑީކޭ ކުންފުނީގެ ޗެއާމަން ނާޝިދު (ވ) ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭޑީކޭގެ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް ނަޝިދު އަދި އޭޑީކޭ ކުންފުނީގެ ޗެއާމަން ނާޝިދު (ވ) ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެކެވެ. އެ މަނިކުފާނު އަވަހާރަކޮށްލަން މެއި 6، 2021 ގައި ދިން ހަމަލާއަށް ފަހު ނަޝީދަށް އެންމެ ފުރަތަމަ ފަރުވާ ދެއްވީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.

އެ ހޮސްޕިޓަލުން ދިން ފަރުވާއަށް ނަޝީދު މީގެ ކުރިން ވެސް ވަނީ ތައުރީފްކުރައްވައިފަ އެވެ.

އަފްއާލް ވިދާޅުވީ އެފަދަ ހާލަތެއްގައި އެ މަނިކުފާނަށް އޭޑީކޭއިން ފަރުވާ ދިނުމުން އިތުރު ބައެއްގެ އިތުބާރު ލިބުނު ކަމަށެވެ.

"މި ނިޒާމު އިސްލާހުކުރެވޭނެ ގޮތާއި އަޅުގަނޑުމެންގެ ނިޒާމަށް ފައިނޭންސް ކުރާ ގޮތްތައް ބަލަންޖެހޭ. އެ ޓެކްސް ފައިސާއިން އެހެން ދާއިރާތައް ކުރިއަރައިގެން ގޮސްފައިވޭ. އެހެންވެ، އަޅުގަނޑުމެން ދައްކާ ޓެކްސްގެ ފައިދާ އަނބުރާ ހޯދައި ސިއްހީ ދާއިރާ ތަރައްގީކުރަންޖެހޭ." އަފްއާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ވީ މުއްދަތުގެ ތެރޭގައި ހަމައެކަނި ސިއްހީ ނިޒާމެއް ނޫން ކަމަށާއި އެހެން ދާއިރާތައް ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަރާފައިވާ ކަމަށެވެ. އެކަމަކު، މި 50 އަހަރުގެ ތެރޭގައި ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރަން ހަރަދުކުރިނަމަ، މި ދާއިރާ އޮންނަނީ އެހެން ނިޒާމުތަކަށް ވުރެ 50 އަހަރު ކުރީގައި ކަމަށް އަފްއާލް ވިދާޅުވި އެވެ.