30 އޯގަސްޓް 2016
އޭޑީކޭ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތައް އެއް ފެންވަރެއްގައި ހިފެހެއްޓުމަށް އިންޑިއާގެ ކުންފުންޏަކާ ގުޅިގެން އެކްރެޑިޓް ކުރުމަށް ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އޭޑީކޭ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތައް އެއް ފެންވަރެއްގައި ހިފެހެއްޓުމަށް އިންޑިއާގެ ކުންފުންޏަކާ ގުޅިގެން އެކްރެޑިޓް ކުރުމަށް ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި އޭޑީކޭ އެކްރެޑިޓް ކުރަން އިންޑިއާގެ "ކޮލިޓޭޓް މެޑިކެއާ"އާ އެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މިއީ ރާއްޖޭގައި ހޮސްޕިޓަލެއް އެކްރެޑިޓް ކުރަން ނިންމައި އަމަލީ ގޮތުން މަސައްކަތް ފެށި ފުރަތަމަ ފަހަރެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި މިއީ އިންޑިއާގެ ނެޝަނަލް ބޯޑް އޮފް އެކްރެޑިޓޭޝަން ހޮސްޕިޓަލް އެންޑް ހެލްތު ކެއާ ފެސިލިޓީޒް (އެންއޭބީއެޗް)ގެ އެކްރެޑިޓޭޝަން އޭޑީކޭ އަށް ހޯދުމުގެ މަސައްކަތް ފެށުމަށް ވެވުނު އެއްބަސްވުމެކެވެ.
"މިއީ އަޅުގަނޑުމެން މި ކަމުގައި އަޅާ ފުރަތަމަ ފިޔަވަޅު،" އަފްއާލް ވިދާޅުވި އެވެ.
އަފްއާލް ވިދާޅުވީ އެކްރެޑިޓޭޝަން ސިސްޓަމެއް ރާއްޖޭގައި ގާއިމުކޮށްފައި ނެތަސް، ދާދި އަވަހަށް ރާއްޖޭގެ ހޮސްޕިޓަލްތަކުން އެކްރެޑިޓޭޝަން ސިސްޓަމެއް ތައާރަފް ކުރާނެ ކަމަށެވެ. އަދި އޭޑީކޭ އިން ވަންނަ ސިސްޓަމަކީ ބައިނަލްއަގުވާމީ ސިސްޓަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެންއޭބީއެޗުން ވަނީ އިންޑިއާގެ ހޮސްޕިޓަލްތަކުގެ އިތުރުން ބައެއް އެހެން ގައުމުތަކުގެ ހޮސްޕިޓަލްތަކުގައި ވެސް އެކްރެޑިޓޭޝަން ސިސްޓަމްތައް ތައާރަފްކޮށްފަ އެވެ. އެންއޭބީއެޗުގެ ސެޓްފިކެޓް ފެންނަން ހުންނަ ހޮސްޕިޓަލްތަކަކީ ސަރުކާރުތަކުން ގަބޫލުކުރާ ހޮސްޕިޓަލްތަކެވެ.
އަފްއާލް ވިދާޅުވި ގޮތުގައި އޭޑީކޭ އެކްރެޑިޓްވުމަކީ ރާއްޖޭގޭ ސިއްހީ ނިޒާމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. އަދި ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރާ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި އެއްބަސްވުމުގެ ދަށުން އޭޑީކޭ ފިޔަވައި ރާއްޖޭގެ އެހެން ހޮސްޕިޓަލްތަކުގެ މުވައްޒަފުން ވެސް ތަމްރީނު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އަފްއާލް ވިދާޅުވި އެވެ. އަދި އޭޑީކޭ އެކްރެޑިޓް ވިޔަސް، ސަރުކާރަށާއި އެހެނިހެން މީހުންނަށް ފައިދާ ލިބޭނެ ގޮތަކަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަފްއާލް ވިދާޅުވީ އެކްރެޑިޓޭޝަން ސިސްޓަމެއް ހޯދުމަށް އަށެއްކަ މަސްދުވަސް ނަގާނެ ކަމަށެވެ. އަދި ސެޓްފިކެޓެއް ލިބުނަސް، ކޮންމެ އަހަރަކު އެއް ފަހަރު އިންޑިއާގެ އެންއޭބީއެޗުން އޭޑީކޭގެ ފެންވަރު ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހޮސްޕިޓަލުގެ އެނދުތައް ގިނަވެ ދޭ ހިދުމަތްތައް އިތުރުވާ ވަރުން އެސެސް ކުރަންޖެހޭ ކަންތައްތައް އިތުރުވާނެ. މިއީ އެންމެ ފަހަރަކުން ނިމޭނެ ކަމެއް ނޫން. ދާއިމީކޮށް ވަރަށް ބޮޑު ކޮމިޓްމަންޓެއް ދީގެން ކުރަން ޖެހޭނެ ކަމެއް،" އަފްއާލް ވިދާޅުވި އެވެ.
"މިއީ ސިއްހީ ދާއިރާއަށް އިންވެސްޓްކުރަންވީ ވަގުތު"
ކެންސަރު ދެނެގަތުމަށް ހަދާ ސްކޭން އޭޑީކޭގައި ފަށައިފި
މެޑިކަލް ފެސިލިޓީއެއް ހަދަން އޭޑީކޭއާ ހަވާލުކޮށްފި
އޭޑީކޭ އިން ކާމިޔާބުކަމާއެކު އާ އޮޕަރޭޝަނެއް ކޮށްފި
އޭޑީކޭގެ މުވައްޒަފުން އައިޖީއެމްއެޗްގައި ވެސް ޑިއުޓީކުރި
އާ އޮޕަރޭޝަނާއެކު އޭޭޑީކޭން އަނެއްކާ ވެސް ކުރިއެރުމެއް
ރާއްޖޭގައި އަލަށް ތްރީޑީ ލެޕަރޮސްކޯޕިކް ސާޖަރީ ހަދައިފި
އޭޑީކޭ ހޮސްޕިޓަލް، ޒަމާނީ ޓެކްނޮލޮޖީގެ މަތީ ހަރުފަތަށް
އޭޑީކޭގެ ކެތުލެބާއި ތިއޭޓަރު، ވަރަށް ތަފާތު
ސިއްހީ މައުލޫމާތު ދޭން ނުކުންނަންޖެހޭ: އަފްއާލް