Roadha Mihaaru
އޭޑީކޭ އިން ކާމިޔާބުކަމާއެކު އާ އޮޕަރޭޝަނެއް ކޮށްފި

ލޭ ހޮޅިތަކަށް ދިމާވާ މައްސަލަތައް އޯޕަން ސާޖަރީއަކަށް ނުގޮސް ހައްލު ކުރާ އޮޕަރޭޝަނެއް އޭޑީކޭ އިން ކޮށްފި

16 ޖުލައި 2022

ލޭ ހޮޅިތައް ފުއްޕުމާއި ގަނޑުލުން ފަދަ މައްސަލަތައް ދިމާވުމުން އޯޕަން ސާޖަރީއަކަށް ނުގޮސް ހައްލު ކުރެވޭ އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލުން ކާމިޔާބުކަމާއެކު ފުރަތަމަ ފަހަރަށް ކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ލޭ ހޮޅިތައް ފުއްޕުމާއި ގަނޑުލުން ފަދަ މައްސަލަތައް ދިމާވުމުން އޯޕަން ސާޖަރީއަކަށް ނުގޮސް ހައްލު ކުރެވޭ އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލުން ކާމިޔާބުކަމާއެކު ފުރަތަމަ ފަހަރަށް ކޮށްފި އެވެ.

ރާއްޖޭގައި އަބަދުވެސް ލޭ ހޮޅިތަކަށް ދިމާވާ މައްސަލަ ހައްލު ކުރަނީ ފަޅާލައިގެން ބޮޑު އޮޕަރޭޝަނެއް ކޮށްގެނެވެ. ނަމަވެސް އޭޑީކޭ އިން މިދިޔަ ބުދަ ދުވަހު ފުރިހަމަ ކޮށްފައި ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފައިގެ ނާރަކަށް ހޮޅިއެއް ލައްވައިގެން ކުރާ "އެންޑޯވެސްކިއުލާ އެނިއުރިޒަމް ރިޕެއާ" އޮޕަރޭޝަނެވެ.

އެ ހޮސްޕިޓަލުގެ މެނޭޖިން ޑައިރެކްޓާ އަހުމަދު އައްފާލް "މިހާރު" އަށް މިއަދު ވިދާޅުވީ ފަޅާލައިގެން ކުރާ ސާޖަރީތަކުގައި ބަލިމީހާ އަށް އޮންނަ ރިސްކު ވީހާ ވެސް ކުޑަ ކުރުމުގެ ގޮތުން އެ ނޫން ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން ދެވޭ ހިދުމަތްތައް އޭޑީކޭ އިން ތައާރަފު ކުރަމުން އަންނަ ކަމަށެވެ.

އެންޑޯވެސްކިއުލާ އެނިއުރިޒަމް ރިޕެއާއަކީ އޭގެ އެއް ހަރުފަތް ކަމަށާއި ހިތް ނޫނަސް ހަށިގަނޑުގެ އެހެން ހިސާބުތަކުގައި ހުންނަ ބޮޑެތި ވެސަލްތަކަށް ދިމާވާ މައްސަލަތައް ވެސް ފަޅައި ނުލައި މިހާރު ހައްލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ލޭ ހޮޅި ފުފިގެން އެ ފަޅައިގެން ގޮސްފިއްޔާ ގައި ތެރެއަށް ލޭ ގޮސް ފޭޓަލް ކަންކަން ދިމާވާނެ. މި އޮޕަރޭޝަނުން އެ ގޮތަށް ހުންނަ މައްސަލަތައް ހައްލު ވެގެން ދާނެ އެހާ ބޮޑަށް ފަޅައި ނުލައި ފައިގެ ވެސަލްއެއް މެދުވެރިކޮށް،" އަފްއާލް ވިދާޅުވި އެވެ.

އެ އޮޕަރޭޝަންކުރީ އޭޑީކޭގެ ކާޑިއޯ ވެސްކިއުލާ އެންޑް ތޮރެކިކް ސާޖަރީ ޓީމުންނެވެ.

އޭޑީކޭގެ ކެތުލެބުން މިހާރު ވެސް އެންޖިއޮގްރަފީ އާއި ބެލޫނިން އާއި ސްޓެންޓިން ހަދަ އެވެ.