Roadha Mihaaru
އޭޑީކޭ ހޮސްޕިޓަލް، ޒަމާނީ ޓެކްނޮލޮޖީގެ މަތީ ހަރުފަތަށް

އޭޑީކޭ ހޮސްޕިޓަލް: ޒަމާނީ ޓެކްނޮލޮޖީގެ މަތީ ހަރުފަތަށް

19 މާޗް 2018

މީގެ 31 އަހަރު ކުރިން މި ހޮސްޕިޓަލް ފެށުނީ އާދައިގެ ކްލިނިކެއްގެ ގޮތުގަ އެވެ. ކުރިން ސެންޓްރަލް ހޮސްޕިޓަލް ހުރި އިމާރާތަށް ބަދަލުވެ އޭޑީކޭ ހޮސްޕިޓަލްގެ ނަމުގައި ހުޅުވުމަށް ފަހު ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނަ އެވެ. އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު އާ ހިދުމަތްތައް ތައާރަފްކުރި އެވެ. މިހާރު މިއީ ރާއްޖޭގައި ހުރި އެންމެ ގިނަ ހިދުމަތް ލިބޭ ޕްރައިވެޓް ހޮސްޕިޓަލެވެ. އޭޑީކޭގެ 31 ވަނަ އަހަރީ ދުވަސް ފާހަގަކުރީ އަނެއްކާވެސް ބޮޑެތި ބަދަލުތަކާ އެކުގަ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މީގެ 31 އަހަރު ކުރިން މި ހޮސްޕިޓަލް ފެށުނީ އާދައިގެ ކްލިނިކެއްގެ ގޮތުގަ އެވެ. ކުރިން ސެންޓްރަލް ހޮސްޕިޓަލް ހުރި އިމާރާތަށް ބަދަލުވެ އޭޑީކޭ ހޮސްޕިޓަލްގެ ނަމުގައި ހުޅުވުމަށް ފަހު ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނަ އެވެ. އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު އާ ހިދުމަތްތައް ތައާރަފްކުރި އެވެ. މިހާރު މިއީ ރާއްޖޭގައި ހުރި އެންމެ ގިނަ ހިދުމަތް ލިބޭ ޕްރައިވެޓް ހޮސްޕިޓަލެވެ. އޭޑީކޭގެ 31 ވަނަ އަހަރީ ދުވަސް ފާހަގަކުރީ އަނެއްކާވެސް ބޮޑެތި ބަދަލުތަކާ އެކުގަ އެވެ.

އޭޑީކޭ ހިތުގެ އެންމެ ފުނަށް

ހާޓް އެޓޭކް ޖެހިގެން ރާއްޖޭގައި މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ނަމަވެސް ދާދި ފަހަކާ ޖެހެންދެން ހިތުގެ ބޮޑެތި މައްސަލަތަކަށް ދެވޭނެ މާ ބޮޑު ފަރުވާއެއް ރާއްޖެއަކު ނެތެވެ. ނަމަވެސް އޭޑީކޭ އިން މި ވަނީ ހިތުގެ ހުރިހާ ކަމަކަށް ފަރުވާދޭން ފުރިހަމައަށް ތައްޔާރުވެފަ އެވެ. އެންމެ މިޒަމާނުގެ ތިއޭޓަރަކާ އެކު ހިތުގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް ވަނީ އެކުލަވާލައިފަ އެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މައި އިމާރާތުގެ މަތީގައި އަލަށް ހެދި ބަޔަށް ވަނުމުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. އޭޑީކޭ ކޮމްޕެނީގެ އެއް ހިއްސާދާރު އަދި އެ ކުންފުނީގެ ޗެއާމަން އަހުމަދު ނާޝިދުގެ ޅިޔަނު ހަސަން އިބްރާހިމްގެ ނަމަށް ނިސްބަތްކޮށް ހެދި "ހަސަން އިބްރާހިމް ޓިއާ އޮފް އެކްސެލެންސް އިން ކާޑިއޮވެސްކިއުލާ ކެއާ" (ހައިޓެކް) އަކީ ހަގީގަތުގައި ވެސް ހައި ޓެކްނޮލޮޖީ ހިމެނޭ ތިއޭޓާ ކޮމްޕްލެކްސްއެކެވެ. އުމުރުން 57 އަހަރުގައި، ހަސަން އަވަހާރަވީ ހިތުގެ ބައްޔެއްގަ އެވެ.

"މިތަނުގައި ކުޑަކުދިންގެ ހިތުގެ އޮޕަރޭޝަންތައް ވެސް ކުރެވޭނެ. އެ ލެވަލްގައި މިތަން ހަދާފައި މިހުރީ. މިއީ ރާއްޖޭގައި މީގެ ކުރިން ކުރެވެން ނެތް ކަމެއް."

މި ކޮމްޕްލެކްސްގައި ހިމެނޭ އެންމެ މުހިންމު އެއް ބަޔަކީ ހިތުގެ ނާރުތައް ބެދުމުން ފަރުވާ ދޭން ބޭނުންކުރާ ކެތު ލެބެވެ. މި ކެތުލެބް ހަދާފައި ވަނީ މިހާރު ދުނިޔޭގައި ލިބެން ހުރި އެންމެ ފަހު ހުރިހާ ޓެކްނޮލޮޖީއަކާ އެކު އެވެ.

"މިހާރު ޖަރުމަނުގައި ހިދުމަތް ދޭން ބޭނުންކުރާ ކެތުލެބެއް ސަޓިފައިކުރާ ކަމަށް ވާ ނަމަ އަޅުގަނޑުމެންނަށް ވެސް ލިބޭނެ. އެ ލެވެލްގައި މިތަން ހަދާފައި މިހުރީ،" އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވި އެވެ.

"މިސާލަކަށް ޔޫއެސް [އެމެރިކާ] އަށް ދިޔަ ނަމަވެސް، ޖަރުމަނަށް އަދި ފްރާންސަށް ދިޔަ ނަމަވެސް ވަކި މިއަށް ވުރެ ހައިއެންޑް [ޓެކްނޮލޮޖީއެއް ނުހުންނާނެ]. ސާވިސްތަކުގެ ތަފާތެއް ހުރެދާނެ. އެކަމަކު އިންފްރާސްޓްރަކްޗާއަށް ބަލާއިރު މިއަށް ވުރެ ވަކި ހައިއެންޑް ލެބެއް ނުލިބޭނެ."

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަފްއާލް "މިހާރު"ގެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ --ފޮޓޯ: ނިޝާން އަލީ /މިހާރު

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަފްއާލް "މިހާރު"ގެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ --ފޮޓޯ: ނިޝާން އަލީ /މިހާރު

އެ ކެތުލެބަށް ކިޔަނީ "އެނިމޯން ލެބް" އެވެ. އެ ނަން ކިއުމުގެ ބޭނުމަކީ ބަލި މީހާގެ ސައިކޮލޮޖީއަށާއި އެތަނުގައި މަސައްކަތްކުރާ މީހުންނަށް ވެސް ތަފާތެއް އިހުސާސްކޮށް ދިނުމަށެވެ. އެހެންވެ ކޮމްޕްލެކްސްގެ ހުރިހާ ތަނެއް ހުންނަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާ ވެސް ގުޅުވައިގެން ތީމްކޮށްފަ އެވެ. އެއިން ކޮންމެ ތަނެއްގައި އެ ތީމަކާ ގުޅޭ މަންޒަރެއް ފާރުގައި ހަރުކޮށްފައި ހުރެ އެވެ.

އެ ކޮމްޕްލެކްސްގެ އެންމެ މުހިންމު އެއް ތިއޭޓަރަކީ "އަންޑަވޯޓާ" އެވެ. ކަނޑު އަޑީގައި ކަހަނބެއް ފަތާފައި ދާ މަންޒަރު ފެންނަ މި ތިއޭޓަރު ހަދާފައި ވަނީ ހިތުގެ ބަލީގެ ހުރިހާ އޮޕަރޭޝަންތަކާއި ނާރުގެ ހުރިހާ އޮޕަރޭޝަނެއް ކުރެވޭ ގޮތަށެވެ. އެތަނުގައި ހިތުގެ އޮޕަރޭޝަން ކުރާއިރު ހިތާއި ފުއްޕާމޭ ހުއްޓުވާލައިގެން ބޭއްވޭނެ ހާއްސަ މެޝިނެއް ވެސް ހުރެ އެވެ. އަދި ހޭނައްތަން ބޭނުންކުރާ މެޝިނަކީ "ޑްރެގާ" ކިޔާ ބްރޭންޑްގެ އެންމެ ފަހުގެ އުފެއްދުމެވެ.

"މިތަނުގައި ކުޑަކުދިންގެ ހިތުގެ އޮޕަރޭޝަންތައް ވެސް ކުރެވޭނެ. އެ ލެވަލްގައި މިތަން ހަދާފައި މިހުރީ. މިއީ ރާއްޖޭގައި މީގެ ކުރިން ކުރެވެން ނެތް ކަމެއް،" އަފްއާލް ވިދާޅުވި އެވެ.

އޭގެ އިތުރުން އެތަނުގައި ކުރާ ހުރިހާ މަސައްކަތެއް ވަގުތުން ބަލާލެވޭނެ ގޮތަށް ވަނީ ކެމެރާ ހަރުކޮށްފަ އެވެ.

ކެތު ލެބާ އެކު ހެދި އަ އޮޕަރޭޝަން ތިއޭޓަރުގެ އިތުރުން އެ ހޮސްޕިޓަލުގައި ވަނީ ހިތުގެ ބަލިތަކުގެ އޮޕަރޭޝަންތަކަށް ފަހު އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަސް އެނދުގެ ކާޑިއެކް ކެއާ ޔުނިޓް (ސީސީޔޫ) އެއް ވެސް ހަދައިފަ އެވެ. އެތަނުގައި ހުރި ފަސް އެނދުގެ ތެރެއިން ދެ އެނދުގައި ހިތާއި ފުއްޕާމޭ ހުއްޓުވައިގެން ފަރުވާ ދެވެ އެވެ. މިއީ ރާއްޖޭގައި މިހާތަނަށް ދެވެން ނެތް ފަރުވާއެކެވެ.

އޭޑީކޭގެ ކާޑިއެކް ކެއާ ޔުނިޓް: މިތަނުގައި އެއްފަހަރާ ފަސް މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާ ދެވޭނެ. ފޮޓޯ: ނިޝާން އަލީ /މިހާރު

އޭޑީކޭގެ ކާޑިއެކް ކެއާ ޔުނިޓް: މިތަނުގައި އެއްފަހަރާ ފަސް މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާ ދެވޭނެ. ފޮޓޯ: ނިޝާން އަލީ /މިހާރު

"ރާއްޖެއިން ބޭރުގައި ބައިޕާސް އޮޕަރޭޝަނަށް ދާ ހަރަދަށް ވުރެ ކުޑަ ހަރަދެއްގައި މިތަނުން އެ ފަރުވާ ލިބޭނެ. ބޭނުމަކީ އެ ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ދާ މީހުންގެ އަދަދު މަދުކުރުން،" އަފްއާލް ވިދާޅުވި އެވެ.

އޭގެ އިތުރުން ދެން ހިމެނެނީ ރާއްޖޭގެ ގޮނޑުދޮށުގެ މަންޒަރު ފެންނަ "ބީޗް" ތިއޭޓަރެވެ. އެ ތިއޭޓަރަކީ ކަށީގެ ހުރިހާ އޮޕަރޭޝަންތަކަށް ހާއްސަކޮށްފައިވާ ތިއޭޓަރެވެ. މިތަނުގައި ވަނީ ބަލި މީހާގެ އޮޕަރޭޝަން ކުރަންވީ ތަން ހާއްސަކޮށް ފާހަގަކުރެވޭނެ "ސްޕައި" ބްރޭންޑްގެ މެޝިނެއް ބަހައްޓާފައިވެ އެވެ. މުޅި ދެކުނު އޭޝިއާގައި ވެސް މިހާރު ބޭނުންކުރަނީ މި ބާވަތު ހަތަރު މެޝިނެވެ.

"މިއީ ވަރަށް ތަފާތު ޓެކްނޮލޮޖީއެއް ހިމެނޭ މެޝިނެއް. އޮޕަރޭޝަން ކުރަންވީ ޕޮއިންޓް ސީދާ ދެނެގަނެވޭނެ މި މެޝިނުން. މިއީ ވަރަށް މަދުން ބޭނުންކުރާ ޓެކްނޮލޮޖީއެއް،" އޭނާ ވިދާޅުވި އެވެ.

އޭޑީކޭގައި އަލަށް ހެދި އާއްމު އޮޕަރޭޝަން ތިއޭޓަރު. މިތަނުގައި ހުންނަ ތްރީޑީ އެންޑޮސްކޮޕީ މެޝިނުގެ އެހީގައި މީހާގެ ހަށިގަނޑުގެ އެތެރެ ފެންނާނީ އަސްލާ އެއްގޮތަށް --ފޮޓޯ: ނިޝާން އަލީ /މިހާރު

އޭޑީކޭގައި އަލަށް ހެދި އާއްމު އޮޕަރޭޝަން ތިއޭޓަރު. މިތަނުގައި ހުންނަ ތްރީޑީ އެންޑޮސްކޮޕީ މެޝިނުގެ އެހީގައި މީހާގެ ހަށިގަނޑުގެ އެތެރެ ފެންނާނީ އަސްލާ އެއްގޮތަށް --ފޮޓޯ: ނިޝާން އަލީ /މިހާރު

މީގެ އިތުރުން ދެން ހިމެނެނީ އިރު އަރައިގެން އަންނަ މަންޒަރު ފެންނަ "ސަން ރައިޒް" ތިއޭޓަރެވެ. މިއީ އާއްމު ހުރިހާ އޮޕަރޭޝަންތަކަށް ހާއްސަ ތިއޭޓަރެވެ. މިތަނުގައި ވެސް ވަރަށް ހާއްސަ މެޝިނެއް ބޭނުންކުރެ އެވެ. ތްރީޑީ އެންޑޮސްކޮޕީ މެޝިނުގެ އެހީގައި މީހާގެ ހަށިގަނޑުގެ އެތެރެ ފެންނާނީ އަސްލާ އެއްގޮތަށެވެ.

"ޑޮކްޓަރު އެންޑޮސްކޮޕީ ހަދާއިރު އަބަދުވެސް ބަލާނީ ސްކްރީނުން. އެ ސްކްރީނުން ބަލާނީ ތްރީޑީ އައިނު އަޅައިގެން. އޭރުން އެތަނެއް ފެންނާނީ އަސްލު އޮންނަ ގޮތަށް. މިއިން ގެނެސްދޭ އެޑްވާންޓޭޖަކީ ބޮޑަށް ޕޭޝަންޓަށް ރައްކާތެރިވުން. ސީދާ ހަދަން ޖެހޭ ޕޮއިންޓަށް ދެވޭނެ،" އެ މެޝިން ދައްކާލައްވަމުން އަފްއާލް ވިދާޅުވި އެވެ.

"މިއީ މިކަމަށް ބޭނުންކުރާ އެންމެ ފަހުގެ ޓެކްނޮލޮޖީ."

އޭގެ އިތުރުން އެ ކޮމްޕްލެކްސްގެ ކޮންމެ ތިއޭޓަރެއްގައި އޮޕަރޭޝަނެއް ކުރަމުން ދާއިރު އާއިލާގެ މީހުންނަށް ވަގުތުން އެ މަންޒަރު ބެލޭނެ ގޮތަށް ވަނީ ވަކިން ފެމެލީ ލައުންޖެއް ހަދައިފަ އެވެ.

ހުރިހާ ހިދުމަތެއް ފުރިހަމަ ތަނެއް

މުޅި އެކު 80 ވަރަކަށް މުވައްޒަފުން ހިދުމަތް ދޭ ތިއޭޓަރު ކޮމްޕްލެކްސްގައި މުވައްޒަފުންނަށް ވެސް ހިދުމަތްތައް ލިބޭނެ ހާއްސަ ބައިތަކެއް ހިމަނާފައިވެ އެވެ.

"މުޅި މިތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 60 ޕަސެންޓަކީ ދިވެހިން. އެއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" އަފްއާލް ވިދާޅުވި އެވެ.

އޭޑީކޭ ހޮސްޕިޓަލުގައި ހިތުގެ ބައިޕާސް އޮޕަރޭޝަން ކުރެވޭ ގޮތަށް ހެދި ތިއޭޓަރު: މިއީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ތިއޭޓަރެއް -ފޮޓޯ: ނިޝާން އަލީ /މިހާރު

އޭޑީކޭ ހޮސްޕިޓަލުގައި ހިތުގެ ބައިޕާސް އޮޕަރޭޝަން ކުރެވޭ ގޮތަށް ހެދި ތިއޭޓަރު: މިއީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ތިއޭޓަރެއް -ފޮޓޯ: ނިޝާން އަލީ /މިހާރު

އޭޑީކޭ މިވަނީ އަނެއްކާވެސް ތަރައްގީގެ ޒަމާނީ ބޮޑު ފިޔަވަޅެއް އަޅައިފަ އެވެ. މި ހޮސްޕިޓަލުގައި ތަފާތު 17 ކްލިނިކަލް ސްޕެޝަލިސްޓް ދާއިރާ އާއި ނުވަ ސުޕަ ސްޕެޝަލިޓީ ދާއިރާއިން ހިދުމަތް ލިބެ އެވެ. އެހެންކަމުން ޑޮކްޓަރުންގެ ފެންވަރަށް ބެއްޔަސް އޭޑީކޭ އުޅެނީ ކުރީގަ އެވެ.

"މި ރީޖަނަލް ލެވެލްގައި މިހާރު އަޅުގަނޑުމެންނަށް ހިފެހެއްޓެވޭވަރުގެ ކެޕޭސިޓީ [ގާބިލްކަން] އެބަހުރި. އަދި ކުރިއަށް އޮތް ތަނުގައި މުޅިން ތަފާތު ފަރުވާތަކެއް ދޭން ފެށުމަށް މިއަންނަނީ ތައްޔާރުވަމުން،" އަފްއާލް ވިދާޅުވި އެވެ.

"އަޅުގަނޑު މިހާރު މިދަތުރުކުރަނީ ތާޝިއަރީ ކެއާއަށް ވުރެ މަތީ ލެވެލްއަކަށް. ދެން ހުރީ ކޯޓިނަރީ ކެއާއާ ދިމާލަށް ދިއުން. އެއީ ވަރަށް ހާއްސަ ހިދުމަތްތަކެއް ދިނުން."