Roadha Mihaaru
އެފްއޭއެމުން، ފާޑުކިޔާ އަނގަތަކެއް ބަންދުކޮށްލީބާ؟

އެފްއޭއެމުން، ފާޑުކިޔާ އަނގަތަކެއް ބަންދުކޮށްލީބާ؟

08 ފެބުރުއަރީ 2020

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ކީއްކުރަން، ހެޑްކޯޗު ކަމަށް ގެންނަން ވެސް އަލީ ސުޒޭނަކީ ވަރަށް ގާބިލް މީހެކެވެ. ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރޭނަރުގެ އެސިސްޓަންޓުކަން ކީއްކުރަން، ޓްރޭނަރުގެ މަގާމަށް ގެންނަން ބެލިޔަސް އިމްރާން މުހައްމަދަކީ ވެސް އެހާމެ ގާބިލް މީހެކެވެ. އެކަމާ އުފައްދާނެ ސުވާލެއް ނެތެވެ. ސުޒޭނާއި އިމްރާނުގެ ފުޓްބޯޅައިގެ ތަޖުރިބާ އާއި އިލްމު ގައުމީ ޓީމަށް ވަރަށް މުހިއްމެވެ. އެކަމާ ޝައްކު އުފައްދާނެ މީހަކު ވެސް ނުހުންނާނެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ކީއްކުރަން، ހެޑްކޯޗު ކަމަށް ގެންނަން ވެސް އަލީ ސުޒޭނަކީ ވަރަށް ގާބިލް މީހެކެވެ. ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރޭނަރުގެ އެސިސްޓަންޓުކަން ކީއްކުރަން، ޓްރޭނަރުގެ މަގާމަށް ގެންނަން ބެލިޔަސް އިމްރާން މުހައްމަދަކީ ވެސް އެހާމެ ގާބިލް މީހެކެވެ. އެކަމާ އުފައްދާނެ ސުވާލެއް ނެތެވެ. ސުޒޭނާއި އިމްރާނުގެ ފުޓްބޯޅައިގެ ތަޖުރިބާ އާއި އިލްމު ގައުމީ ޓީމަށް ވަރަށް މުހިއްމެވެ. އެކަމާ ޝައްކު އުފައްދާނެ މީހަކު ވެސް ނުހުންނާނެ އެވެ.

އެކަމަކު އެފްއޭއެމަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އައި ސުޒޭނާއި އިމްރާނަށް ކުއްލި ގޮތަކަށް، އިންތިހާބު ބޯމަތީގައި އޮއްވާ އެފްއޭއެމުން ގައުމީ ޓީމުގެ ކޯޗިން ސްޓާފުންގެ ތެރެއިން ޖާގަ ދިނުމުން ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. މީގެ ފަހަތުގައި އޮތީ ކޮން ސަބަބެއް ބާވަ އެވެ؟ ބޭނުމަކީ އިންތިހާބުގެ ކުރިން، ފާޑުކިޔާ އަނގަތަކެއް ބަންދުކޮށްލުންބާވަ އެވެ؟ ނުވަތަ މިއީ ޓެކްނިކަލީ ގެނައި ބަދަލުތަކެއްބާވަ އެވެ؟

ސުޒޭނަކީ، ސުވާލެއް ވެސް ނެތް ގޮތެއްގައި ފަހަކަށް އައިސް އެފްއޭއެމަށް އެންމެ ބޮޑަށް ފާޑުކީ އެކެކެވެ. ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ސުޒޭން ކޯޗުކޮށްދިން ކްލަބް ގްރީންސްޓްރީޓްސް ކުޅޭ މެޗުތަކުގެ ކުރިންނާއި ފަހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސުޒޭން އެފްއޭއެމަށް ފާޑުނުކިޔާ ފަހަރެއް މަދުވާނެ އެވެ. އެފްއޭއެމުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޕްރީ މެޗު އަދި ޕޯސްޓް މެޗު ނޫސްވެރިންގެ ބައްދަލުވުންތައް ކުއްލި ގޮތަކަށް ކެންސަލްކުރި ސަބަބަކީ ވެސް ވަރަށް ބޮޑަށް ބެލެވޭ ގޮތުގައި ކޯޗުން ހާއްސަކޮށް ސުޒޭން ކިޔާ ފާޑުކިޔުންތައް ހުއްޓުވުމެވެ.

އެކަން އެފްއޭއެމުން ހުއްޓާލުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޒޭން ބުނީ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު މިހާރު އޮތީ ވަރަށް ގޯސް ފައްތަރަކަށް ވެއްޓި، އައިސީޔޫގައި ކަމަށެވެ.

"މި ވަގުތު ދިވެހިރާއްޖޭގެ ފުޓްބޯޅަ މި އޮތީ އައިސީޔޫގައި. އޮތްއިރުގައި ގްރީން ސްޓްރީޓްސްގެ ހާލަތެއް ބަލާކަށް އެއްވެސް ބަޔަކު ބޭނުމެއް ނުވާނެ. ރަށަކަށް ބޮން އަޅައި އެ ރަށް ފުނޑުފުނޑުވީމަ އެ ރަށުގައި އުޅޭ އަހައްމަދު ކިޔާ ކުއްޖެއްގެ ހާލެއް ނޫން ބަލާނީ. ޖުމްލަކޮށް އެ ރަށަށް ލިބުނު ގެއްލުމާއި ބޮޑެތި ކަންތައްތައް ބަލާނީ. އެ ގޮތަށް ބަލާއިރު އެ ވަރުގެ ގެއްލުމެއް ފުޓްބޯޅަ އަށް ލިބޭއިރު ގްރީން ސްޓްރީޓްސް ވެސް އޮންނާނީ ހާލުގައި،" ނޫސްވެރިންގެ ބައްދަލުވުމުގައި ގްރީންސްޓްރީޓްސްގެ ވާހަކަ އެހުމުން ސުޒޭން ބުންޏެވެ.

ސުޒޭން ވަނީ އެފްއޭއެމުން ހަދާފައިވާ ފުޓްބޯޅަ ކަލަންޑަރާ މެދު ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭނާ ބުނީ ފުޓްބޯޅަ ސީޒަން ޖޫން މަހު ފަށަން އެންމެ ފުރަތަމަ މަޝްވަރާކުރުމުން ވެސް އޭނާ އެކަމަށް ދެކޮޅު ހެދީ މިއަދު މި އޮތް ހާލަތު މެދުވެރިވާނެކަން އެނގޭތީ ކަމަށެވެ. އެކަމަކު އޭރު ދެއްކި ވާހަކަތައް އަހާނެ މީހަކު ނެތި އޭނާ "ކުޑަކޮށްލާފައި" ބެހެއްޓި މީހުން މިހާރު ނުފެންނަ ކަމަށް ސުޒޭން ބުންޏެވެ.

އިމްރާނަކީ ވެސް ސުޒޭން ފަދައިން އެފްއޭއެމަށް ހާއްސަކޮށް ބައްސާމަށް ފާޑުކިޔެވެ. އެގޮތުން އެފްއޭއެމުން ހިފަހައްޓާފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ފައިސާ، އެ ކްލަބުން މުސާރަ ނުދީ ތިބި ކުޅުންތެރިންނަށް އެފްއޭއެމުން ދިން އިރު އެކަމުގައި އޭނާ އިސްތިސްނާކުރި މައްސަލައިގައި އިމްރާން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އިމްރާން ބުނެފައިވާ ގޮތުގައި، އަޑުއިވޭ ވާހަކަތަކަށް ބަލާއިރު އެ ފައިސާ އޭނާ އަށް ނުދީ ހިފަހައްޓަނީ ސޯޝަލް މީޑިއާގައި އެ އެސޯސިއޭޝަނަށް ފާޑުކިޔާތީ ކަމަށެވެ.

މި ވާހަކަތަކާ ބެހޭގޮތުން މިރޭ ސުވާލުކުރުމުން ސުޒޭން ބުނީ ފާޑުކީ ފުޓްބޯޅަ އަށް ރަނގަޅަށް ކަމަށާއި ބައްސާމާ ޒާތީގޮތުން ކީ ފާޑެއްގެ އެއްވެސް ރެކޯޑިންއެއް ނޯންނާނެ ކަމަށެވެ. އަދި އޭނާ މިހުރީ ކުރިން ހުރި ރޫހުގައި ކަމަށާއި އަދިވެސް ކަމެއް ގޯސްކޮށް ދަންޏާ އެ ވާހަކަ ދައްކާނެ ކަމަށް އޭނާ ބުންޏެވެ.

އިމްރާން ބުނީ އެފްއޭއެމުން ވެސް މީގެ ކުރިން ވެސް ކީޕާސް އެކަޑަމީއާ ގުޅެން ދައުވަތު ލިބުނު ކަމަށާއި އޭރު ނުދިޔައީ ކުޅޭތީވެ ކަމަށެވެ. މިހާރު ކުޅުން ހުއްޓާލައި އެއްކޮށް ކޯޗިން އަށް ހުސްވާން ތައްޔާރަށް ހުއްޓާ އެފްއޭއެމުން ފުރުސަތު ދިނުމުން ގަބޫލުކުރީ ކަމަށް އޭނާ ބުންޏެވެ.

ރަސްމީ މީޑިއާގެ އިތުރުން ސުޒޭނާއި އިމްރާން ވަނީ ސޯޝަލް މީޑިއާގައި ވެސް އެފްއޭއެމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ގައުމީ ޓީމުގެ މަގާމަކަށް ދިއުމަކީ އެއް ގޮތަކުން ވިސްނާއިރު، އޭގެ ޒާތުގައި އެފްއޭއެމްގެ ދަށަށް ދިއުމެއް ނޫނެވެ. އެކަމަކު ގައުމީ ޓީމުގެ ހުރިހާ ކަމެއް ބަލަހައްޓާނީ ވެސް، މަގާމްތައް ދީ، ވަކިކުރާނީ ވެސް އަދި ގައުމީ ޓީމުގެ މިސްރާބު ކަނޑައަޅާނީ ވެސް އެފްއޭއެމުންނެވެ. މާނައަކީ ސުޒޭނާއި އިމްރާން ވެސް ދެން މަސައްކަތްކުރާނީ އެފްއޭއެމުގައި، ބައްސާމުގެ ދަށުންނެވެ. އޭނާގެ ވިސްނުމާ އެއްގޮތަށް އޭނާގެ ކެޕްޓަންކަމުގެ ދަށުންނެވެ. ސުޒޭން ފާޑުކީ ކަންކަން (ކަލަންޑަރު، ފުޓްބޯޅައިގެ ފޯރި) ބަދަލުކުރުމުގެ ބާރެއް ގައުމީ އެސިސްޓަންޓް ކޯޗަކަށް ނޯންނާނެ އެވެ. އެކަމަކު ޔަގީނުން ވެސް ގައުމީ ޓީމުގެ އިސް މަގާމެއްގައި ހުރެ އޭނާ އެފްއޭއެމަށް ދެން (ކުރިން ކީ ވަރަށް) ފާޑުކިޔުމަކީ ވަރަށް ނާދިރުކަމެކެވެ. އެހެންވެ މިއީ "ކޮޅު ބަދަލުކޮށްލުމުން" ކަމަށް އެއް ބަޔަކު އަންނަނީ ސިފަކުރަމުންނެވެ. އަދި މިއީ އެފްއޭއެމުން، އެތަނަށް ފާޑުކިޔާ އަނގަތަކެއް ބަންދުކޮށްލަން ކުރި ކަމެއްތޯ އަހައި އެއް ބަޔަކު އަންނަނީ ސުވާލުކުރަމުންނެވެ.