08 ފެބުރުއަރީ 2020
ފަހަކަށް އައިސް އެފްއޭއެމް އާއި އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އެންމެ ބޮޑަށް ފާޑުކީ ދެ މީހުން ކަމަށްވާ މަޝްހޫރު ކޯޗު އަލީ ސުޒޭނާއި ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު ގައުމީ ފުޓްބޯޅަ ޓީމުގެ މަގާމްތަކަކާ ހަވާލުވެއްޖެ އެވެ.
ފަހަކަށް އައިސް އެފްއޭއެމް އާއި އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އެންމެ ބޮޑަށް ފާޑުކީ ދެ މީހުން ކަމަށްވާ މަޝްހޫރު ކޯޗު އަލީ ސުޒޭނާއި ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު ގައުމީ ފުޓްބޯޅަ ޓީމުގެ މަގާމްތަކަކާ ހަވާލުވެއްޖެ އެވެ.
ސުޒޭން ހަވާލުވީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަމާ އެވެ. ގައުމީ ޓީމަށް 17 އަހަރު ކުޅުނު އިމްރާން ހަވާލުވީ ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރޭނަރުގެ އެސިސްޓަންޓުގެ މަގާމާ އެވެ.
ސުޒޭނާއި އިމްރާން، އެފްއޭއެމްގެ މިހާރުގެ ލީޑާޝިޕުން ހުށަހެޅި ގައުމީ ޓީމުގެ މަގާމްތަކެއް ގަބޫލުކުރުމުން ގިނަ ބަޔަކަށް ވަރަށް ބޮޑު ހައިރާން ކަމެއް ލިބޭނެ އެވެ. ސުޒޭން ވަނީ ފަހަކަށް އައިސް ނޫސްވެރިންނާ ބައްދަލުވާ ކޮންމެ ފަހަރަކު އެފްއޭއެމްގެ އުސޫލުތަކަށް ފާޑުކިޔައިފަ އެވެ. އެފްއޭއެމުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޕްރީ މެޗު ނޫސްވެރިންގެ ބައްދަލުވުންތައް "ކެންސަލް" ކުރި އެއް ސަބަބަކީ ވެސް ލަފާކުރެވޭ ގޮތުގައި އެ ބައްދަލުވުންތަކުގައި ސުޒޭން ފޮނުވާލާ ބަހުގެ ހަމަލާތައް ހުއްޓުވުމެވެ.
އިމްރާން ވެސް ވަނީ ނިއު ރޭޑިއަންޓުން އޭނާ އަށް ދޭން ޖެހޭ ފައިސާތަކެއް އެފްއޭއެމުން ގަސްދުގައި ހިފެހެއްޓި ކަމަށް ބުނެ ފާޑުކިޔައިފަ އެވެ. އިމްރާން ތުހުމަތުކުރި ގޮތުގައި އެ ފައިސާ ނުދީ އެފްއޭއެމުން ހިފެހެއްޓީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާ ބައްސާމަށް ފާޑުކިޔާތީވެ އެވެ. ސުޒޭނާއި އިމްރާން އެފްއޭއެމްގެ ޓީމާ މި ގުޅުނީ އެފްއޭއެމްގެ އިންތިހާބު ބޯމަތިވެފައި އޮއްވަ އެވެ. ސުޒޭން އެންމެ ފަހުން މަސައްކަތްކުރި ކްލަބް ގްރީންސްޓްރީޓްސް އިން ވަނީ އެފްއޭއެމް އިންތިހާބުގައި ބައްސާމަށް ތާއީދުކުރާނެކަން އިއުލާންކޮށްފަ އެވެ. ސުޒޭން އެ ކްލަބުން ވަކިވީ އޭގެ ފަހުންނެވެ.
ސުޒޭން ވަނީ ގައުމީ ޓީމުގެ ކޯޗުކަން އެންމެ ފަހުން ކުރި ކްރޮއޭޝިއާގެ ކޯޗު ޕީޓަ ސެގާޓް އާއި އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓްގެ ނިންމުންތަކަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ހާއްސަކޮށް ސެގާޓަށެވެ. ސުޒޭންގެ ހިތްހަމަނުޖެހުން ސެގާޓަށް އަމާޒުވީ ރަނގަޅު ފޯމެއްގައި ހުރި އަލީ އަޝްފާގު (ދަގަނޑޭ) ގައުމީ ޓީމުން ބާކީކޮށްފައި ބެހެއްޓުމުންނެވެ. އަދި ގައުމީ ޓީމާ މެދު މީހުން ފޫހިކުރުވާ ގޮތަށް ސެގާޓްގެ އަމަލުތަށް ހުންނަ ކަމަށް ސުޒޭން އޭރު ބުނެފައިވެ އެވެ.
ސުޒޭން މަސައްކަތްކުރާނީ ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ ދަށުންނެވެ. އަދި ސުޒޭނާ އެކު އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ޗެލްސީގެ ކުރީގެ ކޯޗު ގޫސް ހިޑިންކްގެ ކޮއްކޮ ރެނޭ ހިޑިންކް ވެސް މަސައްކަތްކުރާނެ އެވެ. އިމްރާން މަސައްކަތްކުރާނީ ގޯލްކީޕަރު ޓްރެއިނަރު މުހައްމަދު އަސްލަމުގެ ދަށުންނެވެ. މިއީ ދާދި ފަހުން ފުޓްބޯޅަ ކުޅުން ހުއްޓާލި އިމްރާން އެއްވެސް ސިފައެއްގައި ރަސްމީކޮށް ކޯޗިން އަށް ނުކުންނަ ފުރަތަމަ ފަހަރެވެ.
ސުޒޭން ވަނީ 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ވެސް ގައުމީ ޓީމުގެ އެސިސްޓަންޓަކަށް މަސައްކަތްކޮށްފަ އެވެ. އޭރު އިމްރާނަކީ އެ ޓީމުގެ ގޯލްކީޕަރެވެ. ސުޒޭނަކީ އިމްރާނުގެ ކެރިއަރުގެ ރަން ދުވަސްވަރު، ވިކްޓްރީގައި އޭނާގެ ކޯޗެވެ. ސުޒޭން ވަނީ 2007 ވަނަ އަހަރު 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަންކޮށްފަ އެވެ. އަދި އިލްހާމް އަހުމަދު އެފްއޭއެމްގެ ރައީސްކަންކުރި އިރު ގައުމީ ޓީމުގެ ޑިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރި އެވެ. އެ ދުވަސްވަރު އޭނާ ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމުގެ މެނޭޖަރުގެ ޒިންމާ ވެސް ނެގި އެވެ.
އެފްއޭއެމްގެ މަގާމު ދޫކޮށް ސުޒޭން އަލުން ކޯޗިން އަށް ވަނީ 2014 ވަނަ އަހަރު މާޒިޔާގެ ކޯޗުގެ ގޮތުގަ އެވެ. އެ ޓީމާ އެކު ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމަށް ފަހު ދެން ވެސް ފެނުނީ ކްލަބްތަކުންނެވެ. އެ ގޮތުން އޭނާ ވަނީ ވިކްޓްރީ އާއި ގދ. ތިނަދޫ ޓީމަށް ދިވެހި ޕްރިމިއާ ލީގުގައި ކޯޗުކޮށްދީފަ އެވެ. އެންމެ ފަހުން މަސައްކަތްކުރި ގްރީން ސްޓްރީޓްސްއާ ހަވާލުވީ 2018 ވަނަ އަހަރު އެވެ.
ކޫޕްމަންއާ އެކު އެފްއޭއެމުން އަމާޒުހިފާފައިވަނީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އިތުރުން މި އަހަރު ބަންގްލަދޭޝްގައި ބާއްވާ ސާފް ސުޒުކީ ކަޕް ދިފާއު ކުރުމެވެ.
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
މޮރިއޭރޯއަށް ދެން އިތުރު ފުރުސަތެއް ނެތް
ސުޒޭނާއި ކުރީގެ އެސިސްޓެންޓް ކޯޗުގެ ބަހުގެ ހަމަލާތަކެއް
ނާކާމިޔާބީ ދެނެގަންނަން ޓެކްނިކަލް ރިވިއުއެއް ބޭނުން
ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމުގެ ކޯޗަކަށް ސުޒޭން
ސުޒޭން ބުނަނީ ލަދުގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށް
އެފްއޭއެމުން، ފާޑުކިޔާ އަނގަތަކެއް ބަންދުކޮށްލީބާ؟
ހާއްސަ މެޗުން އިއްމަ ގައުމީ ޓީމަށް އަލްވަދާއު ކިޔައިފި
ރާއްޖެ، ކުރީގެ ކޯޗު ގެލާގެ ތަޖިކިސްތާނާ ދެކޮޅަށް
މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް ތާރީހީ ވަގުތެއް: ސުޒޭން