Roadha Mihaaru
ފިންލެންޑުގެ އެންމެބޮޑު ފެއާގައި ރާއްޖޭން ބައިވެރިވެއްޖެ

ފިންލެންޑުގައި ބާއްވާ އެންމެ ބޮޑު ފެއާގައި ރާއްޖޭން ބައިވެރިވެއްޖެ

17 ޖެނުއަރީ 2020

ފިންލެންޑުގައި މިއަހަރު ބާއްވާ އެންމެ ބޮޑު ޓްރެވަލް އެންޑް ޓްރޭޑް ފެއާ "މަޓްކާ" ގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ފިންލެންޑުގައި މިއަހަރު ބާއްވާ އެންމެ ބޮޑު ޓްރެވަލް އެންޑް ޓްރޭޑް ފެއާ "މަޓްކާ" ގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.

ފިންލެންޑުގެ ވެރިރަށް ހެލިންސްކީގައި ކުރިއަށްދާ މި ފެއާ އޮންނާނީ މި މަހުގެ 16-19 އަށެވެ. މި ފެއާގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްްއެމްޕީއާރުސީ) ގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ހަތް ކުންފުންޏަކުން ބައިވެރިވެ އެވެ.

އެމްއެމްޕީއާރުސީން ބުނީ މި ފެއާގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންނާއި އުތުރު ޔޫރަޕުގެ ގައުމުތަކުގެ މި ދާއިރާގެ އިސް ބޭފުޅުންނަށް ބައްދަލު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި އެ ސަރަހައްދުގެ މީޑިއާތަކުގައި ރާއްޖެއާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.

މި އަހަރުގެ މަޓްކާ ފެއާގައި 90 ގައުމަކުން 935 އެގްޒަބިޓަރުން ބައިވެރިވެ އެވެ. މި ފެއާގައި އެގްޒެބިޓަރުން ދެމުން އަންނަ ހިދުމަތްތަކާ ގުޅޭގޮތުން މައުލޫމާތު ވެސް ދޭނެ އެވެ.

މަޓްކާ ފެއާގައި ރާއްޖޭގެ ސްޓެންޑުން މީހަކު މައުލޫމާތު ހޯދަނީ-- ފޮޓޯ: އެމްއެމްޕީއާރުސީ

މަޓްކާ ފެއާގައި ރާއްޖޭގެ ސްޓެންޑުން މީހަކު މައުލޫމާތު ހޯދަނީ-- ފޮޓޯ: އެމްއެމްޕީއާރުސީ

މި ފެއާގައި ރާއްޖޭން ވަނީ ރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވައިދޭ 60 އަކަފޫޓުގެ ސްޓެންޑެއް ބަހައްޓާފަ އެވެ. މި ސްޓޭންޑަށް ޒިޔާރަތް ކުރާ މީހުންނަށް ހާއްސަ ސޯޝަލް މީޑިއާ މުބާރާތެއް ވެސް ވަނީ ހުޅުވާލާފަ އެވެ. މި މުބާރާތުގައި ހޮވޭ މީހަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީން ވަނީ މި ސްޓޭންޑުގައި ރާއްޖޭގެ އުފެއްދުންތަކުގެ ރަހަ ބަލާލުމަށް ކުދި ގުޅަ އާއި ބޮނޑި ފަދަ ތަކެތި ބަހައްޓަހައިފަ އެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވާއިރު އުތުރު ޔޫރަޕުގެ ގައުމުތަކުން 57،370 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. އެހެންކަމުން މި އަހަރު ވެސް އެ މާކެޓަކީ ރާއްޖެއަށް ވަރަށްމުހިންމު މާކެޓެއް ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.