Roadha Mihaaru

މާލީ ބުރަ ބޮޑުވެ އެމްއެމްޕީއާރްސީގެ ކުރިމަގާ މެދު ޝައްކު!

ރާއްޖެ އިޝްތިހާރު ކުރުމުގެ އެންމެ ބޮޑު މަސައްކަތެއް ކުރަމުން އަންނަ ކުންފުނި، އެމްއެމްޕީއާރްސީގެ ހިސާބުތަކުން ފެންނަނީ ކަންބޮޑުވުމެކެވެ. ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ހިސާބުތަކުން މި ކަންބޮޑުވުން އިތުރަށް ސާފުވެ އެވެ.

މާލީ ބުރަބޮޑުވެ އެމްއެމްޕީއާރްސީގެ ކުރިމަގާ މެދު ޝައްކު
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

03 ޖުލައި 2025

ރާއްޖެ އިޝްތިހާރު ކުރުމުގެ އެންމެ ބޮޑު މަސައްކަތެއް ކުރަމުން އަންނަ ކުންފުނި، އެމްއެމްޕީއާރްސީގެ ހިސާބުތަކުން ފެންނަނީ ކަންބޮޑުވުމެކެވެ. ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ހިސާބުތަކުން މި ކަންބޮޑުވުން އިތުރަށް ސާފުވެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ ކުންފުނި މިދިޔަ ހަތަރު އަހަރު ވެސް ހިންގާފައިވަނީ ބޮޑު ގެއްލުމެއްގަ އެވެ. ގެއްލުން ބޮޑުވަމުން ގޮސް ސަލާމަތް ނުވާ ހިސާބަށް ދިއުމުން ހަރަދުތައް ކުޑަކުރަން މުހިއްމު ގިނަ ފިޔަވަޅުތަކެއް، މިދިޔަ ދެ އަހަރުގެ ތެރޭގައި އަޅާފައިވާކަން އެމްއެމްޕީއާރުސީން އެސްއޯއީ ކޮމިޓީއާ ހިއްސާކުރި މައުލޫމާތުތަކުން އެނގެ އެވެ. އެކަމަކު، ސަރުކާރުގެ އެހީއާ ނުލައި ކުރިއަށް ދޭވެ ވަރެއް އެ ފިޔަވަޅުތަކުން ވެސް އަދި ނުވެ އެވެ.

ހިސާބުތަކުން ފެންނަނީ އެ ކުންފުނި މި ހާލަތަށް ދިޔަ އަސްލު ސަބަބު ފެށެނީ ކޮވިޑްގެ ބަލިމަޑުކަމާ ހިސާބުން ކަމެވެ. އެމްއެމްޕީއާރުސީ އަށް 2019 ވަނަ އަހަރު 133 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަން އިރު ކޮވިޑަށް ފަހު އޭގެ އަނެއް އަހަރު އާމްދަނީ 3.9 މިލިއަން ރުފިޔާއަށް ވެއްޓުނެވެ. އެ ހާލަތުން އަދިވެސް އުޅެނީ އަރައިނުގަނެވިގެންނެވެ. މިދިޔަ އަހަރު އާމްދަނީ ހުރީ 22 މިލިއަން ރުފިޔާގަ އެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އޮފީހުގެ މަސައްކަތުގައި. -- ފޮޓޯ: ނިޝާން އަލީ / މިހާރު

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އޮފީހުގެ މަސައްކަތުގައި. -- ފޮޓޯ: ނިޝާން އަލީ / މިހާރު

އެމްއެމްޕީއާރްސީ ވުޖޫދުވީ 2010 ވަނަ އަހަރު އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުފެއްދި އެ ކުންފުނީގެ މަގްސަދަކަށްވީ، ރާއްޖެ ބްރޭންޑެއްގެ ގޮތުގައި ޕްރޮމޯޓު ކުރުމެވެ. އެކަމަކު އެ ކުންފުނި ވެގެން ދިޔައީ، ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ހިޔާނާތް ހިންގުމުގައި މައިގަނޑު ވަސީލަތަށެވެ. ކުންފުނީގައި ޖެހުނު އެ ލައްގަނޑަށް ފަހު ވެސް މިދިޔަ ހަތް އަހަރު ވެސް ރާއްޖެ އިޝްތިހާރުކޮށް ޕްރޮމޯޓު ކުރުމަށް ގިނަ މަސައްކަތްތަކެއް އެ ކުންފުނި ކުރި އެވެ.

އެމްއެމްޕީއާރުސީގެ މައިގަނޑު މަގްސަދަކީ ދައުލަތަށް އާމްދަނީ އިތުރުކުރުން ނޫން ކަމަށް ވިޔަސް ކުންފުންޏެއްގެ ގޮތުގައި ހިންގާ ނަމަ ހަރަދުތައް ހަމަޖައްސާލެވޭ ވަރަށް ކުންފުންޏަށް އާމްދަނީއެއް ވަންނަން ޖެހެ އެވެ. އެކަމަށްޓަކައި އެކި ނަންނަމުގައި ރިސޯޓުތަކާއި ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން އެމްއެމްޕީއާރުސީ އަށް އަންނަނީ ފީތައް ނަގަމުންނެވެ.

ގެއްލުން ބޮޑުވީ ނުބައްދަލު ހަރަދުތަކާ ހެދި

އެމްއެމްޕީއާރްސީގެ މާލީ ހިސާބުތަކުން އެނގޭ ގޮތުން ކޮވިޑަށް ފަހު ކޮންމެ އަހަރަކު ވެސް އެ ކުންފުނި ހިންގަމުން ދިޔައީ ދައުލަތުން މާލީ ބޮޑު އެހީއެއް ދީގެންނެވެ. މިދިޔަ ފަސް އަހަރު އެމްއެމްޕީއާރްސީއަށް ދައުލަތުގެ ބަޖެޓުން ބައި ބިލިއަނެއްހާ ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެއީ އަހަރަކަށް އެވްރެޖުކޮށް 117 މިލިއަން ރުފިޔާ އެވެ.

ކޮވިޑަށް ފަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ، 2023 ވަނަ އަހަރު އެވެ. އެ އަހަރު އެމްއެމްޕީއާރުސީ އަށް 23 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނެވެ. މިދިޔަ އަހަރު ވެސް އެ ކުންފުނީގެ އާމްދަނީ ހުރީ ގާތްގަނޑަކަށް އެ އަދަދުގައި ހިފެހެއްޓިފަ އެވެ. އެކަމަކު އަދިވެސް ކުންފުންޏަށް ފައިދާއެއް ޖެއްސޭވަރެއް ނުވެ އެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އިވެންޓެއްގައި ވާހަކަދައްކަވަނީ. -- ފޮޓޯ: މިހާރު

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އިވެންޓެއްގައި ވާހަކަދައްކަވަނީ. -- ފޮޓޯ: މިހާރު

ހަރަދުގެ ހިސާބުތަކަށް ބަލާއިރު ކޮވިޑަށް ފަހު އެމްއެމްޕީއާރުސީ އަށް ކޮންމެ އަހަރަކު ވެސް ލިބޭ އާމްދަނީއާ ނުބައްދަލު ހަރަދުތަކެއް ކުރަން ޖެހެ އެވެ. އެއީ ކުންފުނި ގެއްލުމުގައި ހިންގަން ޖެހޭ އެންމެ ބޮޑު ސަބަބެވެ. އެެހެން ދިމާވީ، ކޮވިޑާ ގުޅިގެން ކުންފުނީގެ އާމްދަނީ އެހާ ބޮޑަށް ދަށްވި ނަމަވެސް ކުންފުނި، ޑައުންސައިޒު ކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާތީ އެވެ. މިދިޔަ އަހަރު އެކަނި ވެސް ކުންފުނީގެ ހިންގުމަށާއި ދަރަނި އަދާކުރުމަށް ދިޔަ ހަރަދުތައް ހިމެނޭހެން 144 މިލިއަން ރުފިޔާ ހޭދަކުރި އެވެ. އެއީ ލިބޭ އާމްދަނީއަށް ވުރެ ގާތްގަނޑަކަށް ހަތް ގުނަ އިތުރު އަދަދެކެވެ.

އެކަމަކު މިދިޔަ ހަތަރު އަހަރުގެ ހިސާބުތަކަށް ބަލާ އިރު ކުންފުނީގެ ހަރަދުތައް ވަނީ މިހާރު ދެ ގުނަ ކުޑަކޮށްފަ އެވެ. އެމްއެމްޕީއާރުސީން އެސްއޯއީ ކޮމިޓީއަށް ފޮނުވާފައިވާ ލިޔުމުގައިވާ ގޮތުން ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި މެމްބާޝިޕް ފީ ބޮޑުކޮށް އެޑް ވިއްކާ ވަރު ވެސް ބޮޑުކޮށްފައިވާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ އާމްދަނީ އާއި ހަރަދުތައް -- ފޮޓޯ: މިހާރު

އެމްއެމްޕީއާރްސީގެ އާމްދަނީ އާއި ހަރަދުތައް -- ފޮޓޯ: މިހާރު

"މެމްބަޝިޕް ފީ ބޮޑުކޮށް އަދި އެޑް ވިއްކަން ފެށުމުން ކުންފުނީގެ އާމްދަނީ 10-20 ޕަސެންޓަށް އިތުރުވެފައިވާ ކަމަށާއި ފެއާ އާއި ރޯޑްޝީގެ ޕާޓިސިޕޭޝަން ފީ ބޮޑުކޮށްގެން މިއަހަރުގެ ތެރޭގައި ޖުމްލަ އާމްދަނީ 49 ޕަސެންޓަށް އިތުރުވާނެ ކަމަށް އަންދާޒާ ކޮށްފައިވާ ކަމަށް" އެސްއޯއީ ކޮމިޓީން އެކުލަވާލި ލިޔުމުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ކުންފުނިން ބޭނުން ކުރަމުން ދިޔަ ގުދަނެއް ދޫކޮށްލުމުން ކުއްޔަށް ކުރާ ހޭދަ މަހަކަށް 40،000ރ. އަށް ކުޑަކޮށްފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. އެ ކުންފުނިން ބުނިގޮތުގައި، ޕްރޮމޯޝަނަލް މެޓީރިއަލް ޕްރިންޓް ކުރާ ވަރު ކުޑަކޮށް، ޝިޕިން އަށް ކުރާ ހޭދަވެސް 1.5 މިލިއަން ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށެވެ. އަދި ފެއާތަކަށް ކުރާ ހޭދަތައް ވެސް ވަރަށް ބޮޑަށް މިހާރު ކުޑަކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އެމްއެމްޕީއާރްސީއަށް އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ލޯނު ނުދައްކާތާ ތިން އަހަރު

ކޮވިޑާ ގުޅިގެން ކުރިމަތިވި އުނދަގޫތަކުން އަރައިގަތުމަށް އޭރުގެ ސަރުކާރުން ހޯދި ހައްލަކީ އެމްއެމްޕީއާރްސީގެ ހަރަދުތައް ހަމަޖެއްސުމަށް އެމްޕީއެލް މެދުވެރިކޮށް ލޯނެއް ނެގުމެވެ. އެމްޕީއެލް މެދުވެރިކޮށް 85 މިލިއަން ރުފިޔާގެ ލޯނު ނެގީ 4.6 ޕަސެންޓުގެ އިންޓްރެސްޓް ރޭޓުގަ އެވެ. ލޯނު ނެގީ 15 އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ.

އެކަމަކު 2022 ވަނަ އަހަރުގެ ދެ ވަނަ ކުއާޓާއިން ފެށިގެން އެ ލޯނުގެ އެއްވެސް ޕޭމަންޓެއް ނުދައްކަ އެވެ. އެމްއެމްޕީއާރްސީން ބުނީ، ލޯނު ފައިސާ ނުދެއްކެނީ ފިނޭންސް މިނިސްޓްރީން އެ ފައިސާ ހަމަޖައްސާ ނުދޭތީ ކަމަށެވެ. އަދި ކުންފުންޏަށް އަމިއްލައަށް އެ ހަރަދުތައް ހަމަޖެއްސޭނެ މާލީ ތަނަވަސްކަން ނެތް ކަމަށް ވެސް އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެމްއެމްޕީއާރުސީގެ "އެކުމިއުލޭޓް ލޮސް" އެހާ ބޮޑުވާން ދިމާވި އެއް ސަބަބަކީ ކުންފުނީގެ ދަރަނި އަދާނުކުރާތީ، އިންޓްރެސްޓް ރޭޓަށް އަރާ ހަރަދު ބޮޑުވުމެވެ. މިދިޔަ އަހަރުގެ ނިޔަލަށް ކުންފުނީގެ ގެއްލުން 212 މިލިއަން ރުފިޔާއަށް ވަނީ އަރައިފަ އެވެ. އެ އަދަދު 2021 ގައި ހުރީ 124 މިލިއަން ރުފިޔާގަ އެވެ.

އެމްއެމްޕީއާރްސީއަށް ލިބުނު ގެއްލުމުގެ ތަފްސީލު -- ގްރެފިކްސް: މިހާރު

އެމްއެމްޕީއާރްސީއަށް ލިބުނު ގެއްލުމުގެ ތަފްސީލު -- ގްރެފިކްސް: މިހާރު

އެމްއެމްޕީއާރްސީން ބުނީ، ޕްރޮމޯޝަންގެ މައިގަނޑު ޕްރޮގްރާމްތައް ހިންގުމަށާއި ލޯނު ދެއްކުމަށް ސަރުކާރަށް ބަރޯސާވާންޖެހޭ ކަމަށެވެ. އަދި އަމިއްލަ ފުދުންތެރިކަން ހުރި ކުންފުންޏަކަށް ހެދުމަށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ހޯދަންޖެހިފައިވާ ކަމަށް އެ ކުންފުނިން ވެސް ގަބޫލުކުރެ އެވެ.

މިހާރު ވެސް ބައެއް ހަރަދުތައް ނުކުރެވި، ބޭރުގެ ބައެއް ޕީއާރް ފާމުތަކަށް އެގްރީމެންޓާ އެއްގޮތަށް ފައިސާ ނުދެއްކި ލަސްވެފައިވާތީ، އެމްއެމްޕީއާރްސީގެ އަގު ބޭރު ދުނިޔޭގެ ޕީއާރް ކުންފުނިތަކުގެ މެދުގައި ވެސް އޮތީ ވެއްޓި، ބްލެކް ލިސްޓަށް އަރައިފަ އެވެ.

ރާއްޖެ ޕްރޮމޯޓުކުރަން އެމްއެމްޕީއާރްސީ ބޭނުންވޭތަ؟

އެމްއެމްޕީއާރްސީގެ މަގްސަދާއި މެންޑޭޓަށް ބަލާއިރު އެ ހުރިހާ ކަމެއް ގުޅެނީ ހަރަދުތަކާ އެވެ. ރާއްޖެ ޕްރޮމޯޓުކުރުމަށް ކުރަންޖެހޭ ހަރަދުތައް ކުރުމަށް ވަކި ކުންފުންޏެއް އޮތުން މުހިއްމު ނޫން ކަމަށް ރާއްޖޭގެ މަޝްހޫރު އޮޑިޓަރެއް، ނަން ހާމަނުކުރުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

ކުންފުންޏެއްގެ ގޮތުގައި ހިންގާ ނަމަ، ލިބޭ އާމްދަނީއާ ކުރާ ހަރަދުތައް ހަމަޖެއްސެންވާނެ. އެހެންނޫނީ، ސަރުކާރުން ބަޖެޓެއް ކަނޑައަޅާފައި ފޮރިން މިނިސްޓްރީ ނުވަތަ ޓޫރިޒަމް މިނިސްޓްރީގެ ބްރާންޗެއްގެ ގޮތުގައި ވެސް ހިންގޭނެތާ

އޭނާ ވިދާޅުވީ، އެ ކުންފުނި މިހާރު އެ ހިނގާ ގޮތުން ދައުލަތަށް އިތުރަށް ބުރަ ބޮޑުވާނެ ކަމަށެވެ. އެހެންވެ އެއީ ވަރަށް ވެސް ބޮޑު އިސްރާފެއް ކަމަށް ވިދާޅުވި އެވެ.

"ކުންފުންޏެއްގެ ގޮތުގައި ހިންގާ ނަމަ، ލިބޭ އާމްދަނީ އާއި ކުރާ ހަރަދުތައް ހަމަޖެއްސެންވާނެ. އެހެންނޫނީ، ސަރުކާރުން ބަޖެޓެއް ކަނޑައަޅާފައި ފޮރިން މިނިސްޓްރީ ނުވަތަ ޓޫރިޒަމް މިނިސްޓްރީގެ ބްރާންޗެއްގެ ގޮތުގައި ވެސް ހިންގޭނެތާ،" އޭނާ ވިދާޅުވި އެވެ.

މިކަމަށް، ކުރީގެ އެސްޓީއޯ އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ހުސެއިން އަމްރު ވެސް ތާއިދު ކުރައްވަ އެވެ. އޭނާ ވިދާޅުވީ، ދައުލަތުގެ ޕީއާރް ކުންފުންޏެއް އޮތުން އެއީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެފަދަ ކަންކަން ކުރުމަށް ޕްރައިވެޓް ކުންފުނިތަކަށް ފުރުސަތު ދިނުން މާ ރަނގަޅު ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ސީދާ މިނިސްޓްރީން ވެސް މިކަންކަން ކުރެވޭނެ. ރޯޑްޝޯތަކާ އެއްޗެހި ވެސް ބޭއްވޭނެ. ކުންފުންޏެއް ހަދައި، އެ ކުންފުންޏަށް ބޯޑު މެންބަރުން ލައި ދަރަނި ނަގައި، އެ ދަރަންޏަށް ޒިންމާވެ އެހެން ކަންކަން ވެސް ކުރަން ޖެހޭނެ. ހަމަ ފައިދާ ވެސް ވާންޖެހޭނެތާ ކުންފުންޏެއް ވިއްޔާ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެމްއެމްޕީއާރްސީގެ މެންޑޭޓަކީ، ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ހަރަދު ކުރުން ކަމުގައިވާ އިރު އާމްދަނީއެއް ނުވަންނަ ގޮތަށް އޮންނަ މެންޑޭޓެއްގައި ކުންފުންޏެއް ހިންގުން އެއީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

މީގެ ކުރިން 2010 ވަނަ އަހަރު އެމްއެމްޕީއާރްސީ ވުޖޫދުވުމުގެ ކުރިން ވެސް ރާއްޖެ ޕްރޮމޯޓު ކުރުމުގެ މަސައްކަތްތައް ކުރީ، މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ ނަމުގައި ޓޫރިޒަމް މިނިސްޓްރީގައި ހިންގި ޑިޕާޓްމެންޓަކުންނެވެ.

އެމްއެމްޕީއާރްސީގެ މާލީ ހާލަތު އެހާ ގޯސްކޮށް އޮތުމުން އެސްއޯއީ ކޮމިޓީން ވެސް ވަނީ ކުންފުނީގެ މާލީ ހާތަރު ރަނގަޅުކުރުމަށް އިތުރު ގޮތްތައް ހޯދަން އެދިފަ އެވެ. ކުންފުނިން މިވަގުތު ހިންގާ ގޮތަށް ހިންގަމުންދާ ނަމަ، ކުރިއަށް އޮތްތަނުގައި އެ ކުންފުނީގެ ހާލަތު ވާނީ އިތުރަށް ގޯހެވެ. އަދި ދައުލަތަށް އިތުރު ބުރައަކަށްވެ، ބަޖެޓުން އެކަމުގެ ހަރަދުތަކާ ވެސް ޒިންމާވާން ޖެހޭނެ އެވެ. އެހެންވެ، އާމްދަނީ އިތުުރުވާނެ އާ ގޮތްތައް ކުންފުންޏަށް ވަރަށް އަވަހަށް ބޭނުންވެ އެވެ. އެކަމަކު މިވަގުތަށް އެކަން ކުރެވޭނެތޯ، އެއީ އަނެއް ބޮޑު ސުވާލެވެ.