Roadha Mihaaru

މާލީ ހާލަތު އެހާ ގޯސްވީ ކުރީގެ ސަރުކާރުގެ ހަތަރު އަހަރުގެ ގެއްލުމާ ހެދި: އެމްއެމްޕީއާރްސީ

އެމްއެމްޕީއާރުސީގެ މާލީ ގެއްލުމުގެ ހާލަތުގެ މައިގަނޑު ސަބަބަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަހު ހަތަރު އަހަރުގެ ތެރޭގައި އަމަލުކުރި ގޮތް ކަމަށާއި އެކަމަކު މި ސަރުކާރު ވެރިކަމާ ހަވާލުވެ، އިސްލާހީ ފިޔަވަޅުތައް އަޅައި ހަރަދުތައް 10 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

"މާލީ ހާލަތު ގޯސްވީ ކުރީ ސަރުކާރުގެ ހަތަރު އަހަރުން"
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

03 ޖުލައި 2025

އެމްއެމްޕީއާރުސީގެ މާލީ ގެއްލުމުގެ ހާލަތުގެ މައިގަނޑު ސަބަބަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަހު ހަތަރު އަހަރުގެ ތެރޭގައި އަމަލުކުރި ގޮތް ކަމަށާއި އެކަމަކު މި ސަރުކާރު ވެރިކަމާ ހަވާލުވެ، އިސްލާހީ ފިޔަވަޅުތައް އަޅައި ހަރަދުތައް 10 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އެމްއެމްޕީއާރުސީން ނެރުނު ނޫސްބަޔާނެއްގައި އެހެން ބުނީ، ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ރިޕޯޓެއްގައި އެ ކުންފުނީގެ މާލީ ހާލަތާއި ގެއްލުމާ ގުޅޭ ގޮތުން ގިނަ ކަންތައްތަކެއް ފާހަގަކޮށް ރިޕޯޓެއް ނެރުމާ ގުޅިގެންނެވެ.

ރާއްޖޭގެ ޓޫރިޒަމް މާކެޓު ކުރުމަށް 2010 ގައި އުފެއްދި ކުންފުނިން ބުނީ، ހަތަރު އަހަރު ވެސް ގެއްލުންވެފައިވާއިރު، ޖުމްލަ ގެއްލުމުގެ އަދަދު 200 މިލިއަން ރުފިޔާ އަށް ވުރެ އިތުރު ކަމަށެވެ.

އެމްއެމްޕީއާރުސީން ބުނީ، ޓޫރިޒަމް ދާއިރާގައި ރާއްޖެ މާކެޓްކުރާ ކުންފުނީގެ ހައިސިއްޔަތުން، އެ ކަންބޮޑުވުންތައް ސީރިއަސްކޮށް ބަލައިގަނެ، ހާމަކަން ބޮޑު ގޮތެއްގައި ޖަވާބުދާރީވަމުން ގެންދާނެ ކަމަށެވެ.

އެ ކުންފުނިން ބުނީ، މަޖިލީހުގެ ރިޕޯޓު ބިނާވެފައިވަނީ މިދިޔަ ހަ އަހަރުގެ މާލީ ހިސާބުތަކުގެ މައްޗަށް ކަމަށާއި މިދިޔަ އަހަރުގެ ތެރޭގައި އެ ކޯޕަރޭޝަންގެ ހިންގުން އިސްލާހު ކުރުމާ އެކު، ހަރުދަނާކޮށް މިހާރަށް ވުރެ ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ މަސައްކަތުގެ ނަތީޖާއަކީ އެމްއެމްޕީއާރުސީން ބުނިގޮތުގައި، މިހާރު ހިނގަމުންދާ ހަރަދުތައް 10 ޕަސެންޓު ކުޑަކުރުމެވެ.

"އެގޮތުން މި ކޯޕަރޭޝަނުން ގްލޯބަލް ޕަބްލިކް ރިލޭޝަންސް ޕާޓްނަޝިޕްތަކުގެ ފުރިހަމަ އެސެސްމެންޓެއް ހަދައ،ި ޕާފޯމަންސް ރިވިއުގެ މައްޗަށް ބިނާކޮށް ޕީއާރް އެޖެންސީތަކުގެ އަދަދު 21 އިން 6 އަށް ކުޑަކުރެވިފައި ވެ އެވެ. ހަމައެކަނި މި މަސައްކަތުގެ ސަބަބުން ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވިފައިވެ އެވެ،" އެ ކުންފުނީގެ ބަޔާނުގައި ވެ އެވެ.

އެމްއެމްޕީއާރްސީން ބުނިގޮތުގައި، ކުރިން އެ ކޯޕަރޭޝަނުގެ ބަޖެޓުގެ ގާތްގަނޑަކަށް 80 ޕަސެންޓް ބޭނުންކުރަމުން އައީ ޓްރޭޑް ޝޯތަކާއި އެގްޒިބިޝަންތަކަށެވެ. އެކަމަކު މިހާރު އެކަމަށް ކުރާ ހަރަދުގެ 34 ޕަސެންޓު ކުޑަކޮށްފައިވާ ކަމަށް ބުންޏެވެ. އެއާ އެކު އެވްރެޖުކޮށް ދެ މިލިއަން ރުފިޔާ ސަލާމަތް ކުރެވުނު ކަމަށް ބުންޏެވެ.

އެމްއެމްޕީއާރްސީ އިން ބުނިގޮތުގައި، ކާމިޔާބު ކެމްޕެއިންތަކެއް މި އަހަރުގެ ތެރޭގައި ހިންގިއިރު އިންޑިއާ މާކެޓަށް ހަތަރު ޕަސެންޓުގެ ކުރިއެރުމެއް ލިބުނެވެ. އިންޑިއާއަކީ އެމްއެމްޕީއާރްސީން އެންމެ ބޮޑު އިސްކަމެއް ދީގެން ރާއްޖެ ޕްރޮމޯޓު ކުރުމުގެ ހަރަކާތްތައް ހިންގުމުންދާ އެއް މާކެޓެވެ. ސިޔާސީ ގޮތުން ދެގައުމުގެ ދެމެދުގައި ހިނގައިދިޔަ ނުތަވަސް ކަމާ ގުޅިގެން މިދިޔަ އަހަރު އިންޑިއާ މާކެޓު ވަނީ 39 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ.

"މިކޯޕަރޭޝަނުން މިހާރު ތައްޔާރުވަމުން މިދަނީ ލިވަޕޫލް އެފްސީއާ އެކު ތާރީހީ ބައިނަލްއަގުވާމީ ކެމްޕޭނެއް ފެށުމަށެވެ. މިއާއެކު އެކި ބާވަތުގެ ބޮޑެތި ވީޑިއޯ އެކްޓިވޭޝަންތަކާއި ބްރޭންޑް ކޮލަބޮރޭޝަންތައް ވެސް ކުރިއަށް ގެންދިޔުމަށް ރާވާފައިވެ އެވެ،" ބަޔާނުގައި ވެ އެވެ.

"ގްލޯބަލް އެމްބެސެޑަ ޕްރޮގްރާމް ވެސް ފުޅާކުރުމުގެ ގޮތުން މިހާރު 4 އެމްބެސެޑަރުން އައްޔަންކުރެވިފައިވާ އިރު ޖެނެރޭޝަން ޒީގެ ދަތުރުފަތުރުގެ ޓްރެންޑް ކަނޑައަޅާ ފަރާތްތަކާއި ބައިނަލްއަގުވާމީ ޕްރޮޑަކްޝަން ހައުސްތަކާ އެކު އިތުރަށް ގުޅުން ބަދަހިކުރުމުގެ މަސައްކަތް ކުރަމުން ގެންދެވެ އެވެ."

އެމްއެމްޕީއާރްސީއަށް މިދިޔަ އަހަރު ވަނީ 28 މިލިއަން ރުފިޔާ ގެއްލުން ވެފަ އެވެ. އެ ކުންފުނީގެ ޖުމްލަ އެކުމިއުލޭޓެޑް ގެއްލުން 213 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބެލެވެ އެވެ. އެމްއެމްޕީއާރުސީން 2020 ވަނަ އަހަރު ކޮވިޑާ ގުޅިގެން ކުރިމަތިވަތި ހާލަތުން އަރައިގަތުމަށް އެމްޕީއެލް މެދުވެރިކޮށް 4.6 ޕަސެންޓް އިންޓްރެސްޓް ރޭޓުގައި 86 މިލިއަން ރުފިޔާގެ ލޯނެއް ނެގި ނަމަވެސް އެއްބަސްވި ގޮތަށް ފައިސާ ނުދައްކަ އެވެ. ފަނަރަ އަހަރުން ދައްކާ ގޮތަށް ނެގި އެ ލޯނަށް 2022 ވަނަ އަހަރުގެ ދެ ވަނަ ކުއާޓާއިން ފެށިގެން ފައިސާ ދައްކާފައެއް ނުވެ އެވެ.