Roadha Mihaaru

ލިވަޕޫލްއާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ ކެމްޕެއިން ލޯންޗްކޮށްފި

އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް، ލިވަޕޫލްގެ ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ ކެމްޕޭން މިރޭ ލޯންޗްކޮށްފި އެވެ.

ލިވަޕޫލްއާއެކު ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ފަށައިފި

އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް، ލިވަޕޫލްގެ ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ ކެމްޕޭން މިރޭ ލޯންޗްކޮށްފި އެވެ.

ލިވަޕޫލް އެފްސީގެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު"ގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެއްސީ ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރުމަށް އިތުރު ފަތުރުވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން، ތިން އަހަރާއި ހަ މަސް ދުވަހަށް ކުރިއަށް ގެންދާ ކެމްޕޭނެއްގެ ދަށުންނެވެ.

ލިވަޕޫލްގެ އެންފީލްޑްގައި، މި ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތެވެ.

ޔޫރަޕްގެ އިތުރުން މުޅި ދުނިޔެއަށް ވެސް މި ކެމްޕޭންގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްވާނެ އެވެ. ލިވަޕޫލު އެފްސީ، އެވަޓަންއާ ދެކޮޅަށް މިރޭ ކުޅުނު މެޗުގައި ވެސް ވަނީ ރާއްޖޭގެ އިޝްތިހާރުކޮށްފަ އެވެ. ދަނޑުގެ ލެޑް ޕެނަލްތަކުގެ އިތުރުން ލިވަޕޫލްގެ ސޯޝަލްމީޑިއާ ޕްލެޓްފޯމުތަކުގައި ވެސް ރާއްޖެ ޕްރޮމޯޓްކުރި އެވެ.

ލިވަޕޫލްގެ ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ ކެމްޕޭން ރައީސް މުއިއްޒު މިރޭ އިފުތިތާހު ކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ލިވަޕޫލްގެ ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ ކެމްޕޭން ރައީސް މުއިއްޒު މިރޭ އިފުތިތާހު ކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

އެމްއެމްޕީއާރުސީން ބުނިގޮތުގައި، ޕްރިމިއާ ލީގުގެ ހޯމް މެޗުތަކުގައި އެލްއީޑީ ނިޝާން ފެންނާނެ އެވެ. ސްޓޭޑިއަމްގެ އެކި ސަރަހައްދުތަކުގައި ރާއްޖޭގެ ޓޫރިޒަމް ބްރޭންޑިން ޖަހައި އެލްއެފްސީގެ ރަސްމީ ޕަބްލިކޭޝަންތަކުގައި ވެސް ރާއްޖެ ޕްރޮމޯޓު ކުރާނެ އެވެ. އަދި ޔޫރަޕްގެ އެކި ހިސާބުތަކުގައި މުހިއްމު މާކެޓުތަކުގެ ޓޫރިސްޓުންނަށް އަމާޒު ކޮށްފައިވާ ބިލްބޯޑުތަކުން ރާއްޖެ ދައްކާލަން ހަމަޖެހިފައިވެ އެވެ. އެލްއެފްސީގެ ގްލޯބަލް އޯޑިއަންސްގައި 205 މިލިއަން ފޮލޯވަރުންނާއި ކޮންމެ ސީޒަނަކަށް 211 މިލިއަނަށް ވުރެ ބޮޑު ޓީވީ އޯޑިއަންސަކާއި 53 މިލިއަން ސޯޝަލް އަދި ޑިޖިޓަލް ފޮލޯވަރުން ހިމެނެ އެވެ.

މި އެއްބަސްވުމުގެ ދަށުން ލިވަޕޫލްގެ އެކި ކުޅުންތެރިންނާ އެކު ވެސް ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ އެކި ހަރަކާތްތައް ހިންގާނެ އެވެ. އަދި އިނގިރޭސިވިލާތުގެ ޓެކްސީތަކާއި ބަސްތަކުގައި ވެސް ރާއްޖޭގެ ރީތި މަންޒަރުތައް ދައްކާލަން ވަނީ ހަމަޖެހިފަ އެވެ.

ލިވަޕޫލްގެ ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ ކެމްޕޭން އިފުތިތާހު ކޮށްދެއްވުމަށް ރައީސް މުއިއްޒު ވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ލިވަޕޫލްގެ ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ ކެމްޕޭން އިފުތިތާހު ކޮށްދެއްވުމަށް ރައީސް މުއިއްޒު ވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ލިވަޕޫލްގެ އެކަޑަމީއެއް ގާއިމުކޮށް، ސްޕޯޓްސް ޓޫރިޒަމް ހަރުދަނާ ކުރުމާއި ޑެސްޓިނޭޝަން ބްރޭޑިން އިތުރުކުރުން ފަދަ ހަރަކާތްތައް ވެސް މި ކެމްޕޭންގައި ހިންގާނެ އެވެ. އެމްއެމްޕީއާރުސީން ބުނި ގޮތުގައި މި ކެމްޕޭންގެ ސަބަބުން ރާއްޖެއަށް އަލަށް 100،000 ޓޫރިސްޓުން އަންނާނެ އެވެ. އަދި 2.5 މިލިއަން ޑޮލަރު އިންވެސްޓްކުރާ މި ކެމްޕޭނުން 200 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ވެސް ލަފާ ކުރެ އެވެ.

އެމްއެމްޕީއާރުސީން ބުނެފައިވާ ގޮތުގައި މި ކެމްޕޭންގެ ސަބަބުން ޓޫރިޒަމާއި އިގްތިސާދީ ގޮތުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ އެވެ.

މި ކެމްޕޭން ފެއްޓެވުމަށް ރައީސް ކުރައްވާ ދަތުރުފުޅުގައި، ލިވަޕޫލް އެކަޑަމީގެ އިސް އޮފިޝަލުންނާ ބައްދަލު ކުރައްވާނެ އެވެ. އަދި ފަތުރުވެރިކަން އިޝްތިހާރުކުރުމަށާއި ރާއްޖެ އާއި ލިވަޕޫލް ކްލަބާ ދެމެދު އޮތް ޕާޓްނާޝިޕް އިތުރަށް ހަރުދަނާ ކުރުމަށް ޖޮއިންޓް މާކެޓިން އިނީޝިއޭޓިވްސް ހަރަކާތްތައް ހިންގުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.