Roadha Mihaaru
ނިލަންދޫ އިން ގްރީން ސްޓްރީޓްސް ބަލިކޮށްފި

ނިލަންދޫ އިން ގްރީން ސްޓްރީޓްސް ބަލިކޮށްފި

25 ޑިސެމްބަރ 2019

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ފ. ނިލަންދޫ އިން 4-2 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ފ. ނިލަންދޫ އިން 4-2 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފި އެވެ.

މި މޮޅާ އެކު ނިލަންދޫ އިން ވަނީ ލީގުގެ ހަތް ވަނަ އަށް ޖެހިލައިފަ އެވެ. ނިލަންދޫން ލީގުގައި ހޯދި ހަތަރު ވަނަ މޮޅާ އެކު އެ ޓީމުން ވަނީ 14 މެޗުން 13 ޕޮއިންޓް ހަމަކޮށްފަ އެވެ. ކުރިން ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ވަނީ އަށް ވަނަ އަށް ވެއްޓިފަ އެވެ. ޔޫވީ އަށް 13 މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. ޔުނައިޓެޑް ވިކްޓްރީ މިރޭ ކުޅޭ މެޗުގައި ކްލަބް އީގަލްސްއާ ބައްދަލުކުރާނެ އެވެ.

މި މެޗުން ބަލިވުމުން ގްރީން ސްޓްރީޓްސް އަށް ވަނީ ލީގުގެ ދެ ވަނައިގައި ލީޑެއް ނަގަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. ގްރީން މި ވަގުތު ދެ ވަނައިގައި އޮތީ 14 މެޗުން ލިބުނު 23 ޕޮއިންޓާ އެކު އެވެ. މިރޭ ޔުނައިޓެޑް ވިކްޓްރީ އަތުން އީގަލްސް މޮޅުވެއްޖެނަމަ އެ ޓީމަށް ދެ ވަނަ ލިބޭނެ އެވެ. އީގަލްސް މި ވަގުތު ހަތަރު ވަނައިގައި އޮތީ 12 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ މި މެޗުގައި ނިލަންދޫ އަށް ލިބުނީ ހައްގު މޮޅެއް ކަމަށާއި ރަނގަޅަށް ކުޅުނީ ވެސް އެ ޓީމުން ކަމަށެވެ.

"ގްރީން ސްޓްރީޓްސްގައި ނެތް. މޯރަލީ އެ މީހުންގެ ފަރާތުން އެއްވެސް އެއްޗެއް ނުފެނުނު. ސަބަބުތަކެއް ވެސް އެބަހުރި. އެ ސަބަބުތައް މި އައީ ވެސް. ގްރީން ސްޓްރީޓްސް ނިލަންދޫ އަތުން މޮޅުވާކަށެއް ނުޖެހޭ އެ މީހުން ރަނގަޅަށް ކުޅުނިއްޔާ އެ މީހުން މޮޅުވާންޖެހޭނީ. އެ ގޮތަށް ބަލާއިރު މިއީ ނިލަންދޫ އިން މަސައްކަތް ކޮށްގެން ހޯދި މޮޅެއް،" ސުޒޭން ބުންޏެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ކޯޗު ސުޒޭން ބުނީ 13 އަހަރު ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާއިރު މިހާރު މި ކަންތައްތައް ދާ ގޮތުން ކަންތައްތަކާ މެދު ވިސްނަން ޖެހޭ ކަމަށެވެ.

"މިދާ އަމާޒުގައި ކިހިނެއްތޯ ހަދާނީ ވިސްނާލުން ރަނގަޅު ކަންނޭނގެ. އެކަމަކު އާ އަހަރެއް ފެށިގެން އަންނައިރު ފުޓްބޯޅަ އަށް ބަދަލުތަކެއް އަންނާނެކަމުގެ އުއްމީދުގައި ހުރުން ވެސް އެބައޮތް. ހަމައެކަނި ކްލަބްތަކުން އެފަޓެއް ލައިގެން ވާން އޮތީ. އެއީ މާލީ ގޮތުން ވެސް އެހެން ގޮތަކުން ވެސް އެހެން ދިމާލަކުން މީގެ އުޅޭތަނެއް ނުފެނޭ. ހަމަަގައިމު ވެސް 2019 ވަނަ އަހަރު ގްރީން ސްޓްރީޓްސް މި ނިންމާލީ ވަރަށް އުނދަގޫކޮށް،" ސުޒޭން ބުންޏެވެ.

ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފައިވާ ގްރީން ސްޓްރީޓްސްގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ނުލައި ކުޅުނުއިރު މެޗުގެ ދެ ވަނަ މިނިޓްގައި ލީޑުނަގަން ރަނުގެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. މުހައްމަދު އުމެއިރު ފޮނުވާލި ޕެނަލްޓީ ކީޕަރު އިސްމާއިލް ޝަފީއު (ޗެކް) ވަނީ މަތަކޮށްފަ އެވެ. މިއީ އޭރިއާ ތެރެއިން ނިލަންދޫ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ނިލަންދޫގެ ފުރަތަމަ ހަމަލާ މެޗުގެ ހަ ވަނަ މިނިޓްގައި ޓޮޝީކީ އޮކަމޯޓޯ ފޮނުވާލުމުން ބިދޭސީ ކީޕަރު އޮކްސްލެންޑާ ޕޮސްލާވްސްކީ ވަނީ މަތަކޮށްފަ އެވެ. ނިލަންދޫ އަށް ލީޑުނަަގައިދިނީ މެޗުގެ 18 ވަނަ މިނިޓްގައި ޓޮޝީކީ އެވެ. އޭރިއާ ތެރެއިން ޓޮޝީކީ އަށް ލިބުނު ބޯޅަ މެއިން ކޮންޓްރޯލް ކުރުމަށް ފަހު އޭނާ ވަނީ ކީޕަރު ޕޮސްލާވްސްކީ އަތްމަތިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ނިލަންދޫގެ ޓޮޝީކީ (ވ) ގްރީން ސްޓްރީޓްސްގެ ކީޕަރު ޕޮސްލާވްސްކީ ކައިރިން ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިލަންދޫގެ ޓޮޝީކީ (ވ) ގްރީން ސްޓްރީޓްސްގެ ކީޕަރު ޕޮސްލާވްސްކީ ކައިރިން ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނަތީޖާ ހަމަހަމަ ކުރަން ގްރީން ސްޓްރީޓްސް އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 31 ވަނަ މިނިޓްގަ އެވެ. އުމެއިރު ހުސްކޮށްލާފައި ދިން ބޯޅަ އަހުމަދު ރަޝީދު (އައްމަޑޭ) ވަނީ ފަސޭހަކަމާ އެކު ގޯލަށް ފޮނުވާލައިފަ އެވެ. ގްރީން ސްޓްރީޓްސް އިން އެއްވަރުކުރިތާ ތިން މިނިޓް ފަހުން ނިލަންދޫ އިން ވަނީ އަލުން ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ އޭރިއާ ބޭރުން ފޮނުވާލި ބޯޅައަކުން ގާނާގެ ފޯވާޑް ލޫކަސް އެވެ. އެ ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މެޗުގެ 37 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކުރަން ގްރީން ސްޓްރީޓްސްގެ މިސްރު ޑިފެންޑަރު އެލްސައީދު މަހްމޫދު ބޮލުން ޖެހި ބޯޅަ ކީޕަރު ޗެކް ވަނީ މަތަކޮށްފަ އެވެ. ގްރީން ސްޓްރީޓްސްގެ ފަހަތުން ގިނަ މައްސަލަތަކެއް ފެނުނުއިރު، ނިލަންދޫން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. މި ލަނޑު ޖެހީ ވެސް ލޫކަސް އެވެ. ޓޮޝީކީ ޖެހި ބޯޅަ ކީޕަރު ޕޮސްލާވްސްކީ އަތުގައި ޖެހިފައި ނުކުތް ވަގުތު ލޫކަސް ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފަށް ގްރީން ސްޓްރީޓްސް އިން ނުކުތީ ބަދަލަކާ އެކު އެވެ. އާދަމް އިމްރާން (އިންނަ)ގެ ބަދަލުގައި މުހައްމަދު ރިސްވާން (ފުކޭ) ވަނީ ކުޅެން އަރުވައިފަ އެވެ. ބަދަލާ އެކު ގްރީން ސްޓްރީޓްސް އިން ކުޅުން ރަނގަޅުކޮށް މެޗުގެ 51 ވަނަ މިނިޓްގައި ދެ ވަަނަ ލަނޑެއް ޖެހި އެވެ. މި ގޯލު ޖެހީ ލިބުނު ހިލޭ ޖެހުމަކުން މުހައްމަދު އާރިފް (ބަކާ) އެވެ. އޭނާ ޖެހި ބޯޅަ ގޯލަށް ވަނީ ކުޅުންތެރިޔެއްގެ ގައިގައި ޖެހިފަ އެވެ.

އޭގެ ފަހުން ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން (ޔާން) ޖެހި ދެ ބޯޅައެއް ކީޕަރު ޗެކް ވަނީ ހުއްޓުވައިފަ އެވެ. ނަތީޖާ ހަމަހަމަކުރުމަށް ގްރީން ސްޓްރީޓްސް އިން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް ނިލަންދޫން ވަނީ އިތުރު ލަނޑެއް ޖަހައިފަ އެވެ. މެޗުގެ 77 ވަނަ މިނިޓްގައި މި ލަނޑު ޖެހީ ވެސް ޓޮޝީކީ އެވެ. ލޫކަސް ހުސްކޮށްލާފައި ދިން ބޯޅަ ޓޮޝީކީ ވަނީ ހަމަޖެހިފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ގްރީން ސްޓްރީޓްސް އިން ފަހުން ލަނޑު ޖަހަން ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ވެސް ނިލަންދޫ ގޯލުގައި މޮޅު ކުޅުމެއް ދެއްކި ޗެކް އެވެ. އޭނާ ވަނީ ފުކޭ ޖެހި ދެ ހަމަލާއެއް ހުއްޓުވައިފަ އެވެ.

ނިލަންދޫގެ މެނޭޖަރު އިބްރާހިމް އަހުމަދު ބުނީ ވަރަށް އުނދަގޫ ހާލަތެއްގައި އޮވެ މި ލިބުނީ ވަރަށް ރަނގަޅު މޮޅެއް ކަމަށާއި މިއީ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ)ގެ އިރުޝާދާ އެކު ޓީމުން ކުރި ބުރަ މަސައްކަތް ކަމަށެވެ. އަދި ބަދަލު ކުޅުންތެރިންގެ ގޮތުގައި ބެންޗުގައި ތިބީ ވެސް ދެ ކުޅުންތެރިން ކަމަށާއި އެ ފަދަ ހާލެއްގައި އޮވެގެން މޮޅުވެވޭނީ ކުޅުންތެރިން ވަރަށް މަސައްކަތްކޮށްގެންކަން އޭނާ ފާހަގަކުރި އެވެ.