02 ފެބުރުއަރީ 2020
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ގްރީން ސްޓްރީޓްސް އަތުން 5-1 އިން ހޯދި ބޮޑު މޮޅާ އެކު ޓީސީ ސްޕޯޓްސް ކްލަބުން ތިން ވަނައިގައި ލީގު ނިންމާލައިފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ގްރީން ސްޓްރީޓްސް އަތުން 5-1 އިން ހޯދި ބޮޑު މޮޅާ އެކު ޓީސީ ސްޕޯޓްސް ކްލަބުން ތިން ވަނައިގައި ލީގު ނިންމާލައިފި އެވެ.
ޓީސީން 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން މިއީ އެ ޓީމަށް ގަދަ ދެ ޓީމުގެ ތެރެއިން ފުރުސަތު ގެއްލުނު ފުރަތަމަ ފަހަރެވެ. ޓީސީން ވަނީ 2018 ވަނަ އަހަރުގެ ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. މި ސީޒަނުގައި ވެސް ނިސްބަތުން ވަރުގަދަ ޓީމަކާ އެކު ނުކުތް ނަމަވެސް މާލީ ގޮންޖެހުންތައް ބޮޑުވުމުގެ ސަބަބުން ޓީސީ އަށް މައްސަލަ ދިމާވި އެވެ. އެހެންވެ ޕްރެކްޓިސް ވެސް މެދުކަނޑާލަން ޖެހުނެވެ.
މިދިޔަ ޑިސެމްބަރު މަހު ޓީސީގެ ކޯޗުކަމާ ހަވާލުވެ، މުހައްމަދު ޝާޒްލީ (ޝާޒް) އަމާޒުހިފާފައިވަނީ ލީގުގެ ދެ ވަނަ އަށެވެ. ޓީސީން ލީގު ނިންމާލަން ޖެހުނީ 21 މެޗުން 41 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 20 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު، ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މާޒިޔާ އެއް ވަަނައިގައި އޮތީ 20 މެޗުން 51 ޕޮއިންޓާ އެކު އެވެ. ލީގުގެ ފަހު މެޗުގައި މާޒިޔާ އާއި އީގަލްސް ކުޅޭނީ އަންނަ މަހު ދެ ވަނަ ދުވަހު އެވެ.
ޝާޒް ބުނީ ޓީސީގެ އަސްލު ފެންވަރުގައި ކުޅެވެން ފެށީ ތިން ވަނަ ބުރުން ފެށިގެން ކަމަށާއި އެ ހިސާބުން ބަލާއިރު ލީގުގައި އެ ޓީމުގެ ނަތީޖާތައް ފަހަތަށް ޖައްސާލެވޭ ވަރުގެ ޓީމެއް ނެތް ކަމަށެވެ.
"ޓީސީ އަކީ ވަރުގަދަ ފުޓްބޯޅަ ޓީމެއް. މި ޓީމާ ހަވާލުވިއިރު އޮތް ހާލަތު ބަދަލުކުރެވޭނެ ކަމުގެ ޔަގީންކަން އޮތީމަ ހަވާލުވީ. ޓީސީގެ ގޮތުގައި ވާދަކުރެވުނީ ތިން ވަނަ ބުރުގައި. މި ބުރުގައި ޓީސީ ބަލިނުވެ 13 ޕޮއިންޓް ހަމަކޮށްފި. މިއަށް ވުރެ އިތުރަށް އެހެން ޓީމަކަށް ނުހޯދޭނެ. ދެ ވަނަ އަށް އަމާޒުކުރި ޓާގެޓް ހާސިލްނުވީ އީގަލްސް ވެސް މެޗުތަކުން މޮޅުވަމުންދިޔައީމާ،" ކުރިން ވިކްޓްރީ އާއި ބީޖީ އަށް ކޯޗުކޮށްދިން ޝާޒް ބުންޏެވެ.
ޓީސީ މިއަދުގެ މެޗަށް ނުކުތްއިރު އެ ޓީމުގެ ފަހަތަށް ކުޅޭ އަކުރަމް އަބްދުލް ގަނީ (އަކޫ) ހުރީ ކާޑު ހަަމަވުމުގެ ސަބަބުން ސަސްޕެންޑްވެފަ އެވެ. އަދި އެ ޓީމުން ވަނީ މި މެޗުގައި ޒުވާން ކީޕަރު އާދަމް އިމްއާން އަށް ފުރުސަތު ދީފަ އެވެ.
ގްރީން ސްޓްރީޓްސް އިން މެޗު ފަށައިގެން ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް މާ ރަނގަޅު ފުރުސަތެއް ތަނަވަސްނުކުރެވެ އެވެ. ޓީސީން ލީޑުނެގީ މެޗުގެ 17 ވަނަ މިނިޓްގައި އިޝާން އިބްރާހިމް (ސައްޓު) ޖެހި ގޯލުންނެވެ. އޭރިއާ ތެރެއިން އަލީ އަޝްފާގު (ދަގަނޑޭ) ހުސްކޮށްލާފައި ސައްޓު އަށް ޖައްސާލި ބޯޅަ އޭނާ ވަނީ ގޯލުގެ ތިރީ ކަަނަށް އަމާޒުކޮށްލައިފަ އެވެ. ލީޑުފުޅާކުރަން ޓީސީގެ އިސްމާއިލް އީސަ (މެސީ) ތިރިތިރިން ޖެހި ބޯޅަ ހަސަން އަލީފް އިބްރާހިމް ވަނީ ހުއްޓުވައިފަ އެވެ.
ގްރީން ސްޓްރީޓްސްގެ ކީޕަރު އަލީފް (ވ) ކައިރިން ބޯޅަ ހިފައިގެންދާން ދަގަނޑޭ މަސައްކަތްކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ޓީސީގެ ދެ ވަނަ ލަނޑު މެޗުގެ 27 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޕެނަލްޓީ އަކުން ދަގަނޑޭ އެވެ. މިއީ ގްރީން ސްޓްރީޓްސްގެ އާދިލް އަބްދުލް ރަހުމާން އޭރިއާ ތެރެއިން ދަގަނޑޭ އަށް ކުރި ފައުލަކަށް ރެފްރީން ދިން ޕެނަލްޓީ އެކެވެ. ގްރީން ސްޓްރީޓްސް އިން ފުރަތަމަ ހާފުގައި ލަނޑު ޖަހަން ކުރި މަސައްކަތް ކާމިޔާބުނުވީ ޓީސީގެ ގޯލުގައި ހުރި އިމްއާންގެ ހުށިޔާރުކަމުންނެވެ. ގްރީން ސްޓްރީޓްސްގެ މިސްރު ޑިފެންޑަރު އެލްސައީދު އާއި އެ ޓީމުގެ ކެޕްޓަން މުހައްމަދު އުމެއިރު ޖެހި ގިނަ ހަމަލާތައް އިމްއާން ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓީސީގެ ތިން ވަނަ ލަނޑު ޖެހީ ސެއިން ވިންސެންޓްގެ ފޯވާޑް ކެސިއަސް މެލްކަމް ސްޓެވާޓް އެވެ. އޭރިއާ ތެރެއިން މެލްކަމް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ދެ ވަނަ ހާފް ފަށައިގެން ޓީސީން ގްރީން ސްޓްރީޓްސް ހާފުގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅުނެވެ. ޓީސީގެ ހަތަރު ވަނަ ލަނޑު ޖެހީ މެޗުގެ 78 ވަނަ މިނިޓްގައި އީސަ އެވެ. ދަގަނޑޭ ހުސްކޮށްލާފައި ދިން ބޯޅަ އީސަ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ގްރީން ސްޓްރީޓްސްގެ ހަމައެކަނި ގޯލު މެޗުގެ 85 ވަނަ މިނިޓްގައި ޖެހީ މުހައްމަދު އާރިފް (ބަކާ) އެވެ. މިއީ ޓީސީގެ މަހުމޫދު ސައީދު އޭރިއާ ތެރެއިން ގްރީން ސްޓްރީޓްސްގެ އަލީ ޝަމާލް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ޓީސީގެ ފަހު ގޯލަކީ ގްރީން ސްޓްރީޓްސްގެ ކީޕަރު އަލީފް ޕަންޗުކޮށްލަން ޖެއްސި ބޯޅައެއް ދަގަނޑޭ ގައިގައި ޖެހިފައި އަމާޒުވީ ގޯލަށެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ދަގަނޑޭ ހެޓްރިކް ހަދަން ލިބުނު ބޯޅައިގައި ފޮނުވާލުން ލަސްކުރުމުން ކީޕަރު އަލީފް އެ ބޯޅަ ހޯދީ އެވެ.
މި ސީޒަނަށް ވަރުގަދަ ސްކޮޑަކާ އެކު ނުކުތް ގްރީން ސްޓްރީޓްސް އަށް ވެސް ވަކި ހިސާބަކުން މާލީ މައްސަލަތައް ދިމާވެ ޓީމުގެ މުހިއްމު ކުޅުންތެރިންތައް ދޫކޮށްލަން ޖެހުނެވެ. އެހެންވެ ލީގުގެ ފަހު ބުރުގައި ގްރީން ސްޓްރީޓްސް އޮތީ ވަރަށް ގިނަ ޒުވާން ކުޅުންތެރިންނާ އެކު ބަދަލުވެފަ އެވެ. ގްރީން ސްޓްރީޓްސް އިން ލީގު ނިންމާލީ 21 މެޗުން 29 ޕޮއިންޓާ އެކު ހަތަރެއްގަ އެވެ.
ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ ދިމާވި ކަންތައްތަކާއި ތިން ވަނަ ބުރުގައި ޓީމު ބަދަލުވި ގޮތާއި މި ހުރިހާ ކަމަކަަށް ބަލާއިރު ހަތަރު ވަނައިގައި ނިންމާލެވުމަކީ ގޯސް ނަތީޖާއެއްގެ ގޮތުގައި ނުދެކޭނެ ކަމަށެވެ. އަދި ފަހު ބުރުގެ ނަތީޖާތަށް ގޯސްކޮށް ދިޔަ ނަމަވެސް ހާލަތަށް ބަލާއިރު މިއީ ކާމިޔާބެއްގެ ގޮތުގައި ދެކޭ ކަމަށް އޭނާ ބުންޏެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ނުކުންނާނީ ފޯކައިދޫއާ ދެކޮޅަށެވެ.
ޗޯޓްގެ ހެޓްރިކުން ގްރީން އިން ޓީސީ ބަލިކޮށްފި
ޓީސީ އަށް ވުރެ ގްރީން ސްޓްރީޓްސް ވަރުގަދަ: ޝާޒް
ލީގުގެ ފަހު ބުރު ފަށާއިރު މާޒިޔާ ބޮޑު ލީޑެއްގައި
އެންމެ ފަހުން ނިންމީ ހަ ޓީމާ އެކު ފަހު ބުރު ކުޅެން
ގްރީން ސްޓްރީޓްސް ބަލިކޮށް ޓީސީ ތިން ވަނަ އަށް
ނިލަންދޫ އިން ގްރީން ސްޓްރީޓްސް ބަލިކޮށްފި
ކަލަންޑަރު ބަދަލުކޮށްގެން ވީ ފައިދާއެއް ނެތް: ސުޒޭން
މާޒިޔާ އަށް އެއް ވަަނައިގައި ބޮޑު ލީޑެއް
ދަ ގްރާންޑޭއާ އެއްވަރުވެ ގްރީނަށް އުނދަގޫތަކެއް
ބްރޭކްތަކުގެ މައްސަލައިގައި ސުޒޭން ހިތްހަމަނުޖެހިފައި!