16 ޑިސެމްބަރ 2019
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ފަހަތުން އަރައި 6-1 އިން ގްރީން ސްޓްރީޓްސް ބަލިކޮށް މާޒިޔާ އިން ލީގުގެ އެއް ވަނައިގައި ބޮޑު ލީޑެއް ނަގައިފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ފަހަތުން އަރައި 6-1 އިން ގްރީން ސްޓްރީޓްސް ބަލިކޮށް މާޒިޔާ އިން ލީގުގެ އެއް ވަނައިގައި ބޮޑު ލީޑެއް ނަގައިފި އެވެ.
މި މެޗުގެ ނަތީޖާއާ އެކު މާޒިޔާ އިން ވަނީ އެއް ވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެ ޓީމުން ވަނީ 13 މެޗުން 32 ޕޮއިންޓް ހަމަކޮށްފަ އެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 11 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. މިއަދުގެ މެޗުން މޮޅުވެގެން ދެ ވަނަ އަށް އެރެން އޮތް ގްރީން ސްޓްރީޓްސް މި ވަގުތު ތިން ވަނައިގައި އޮތީ 12 މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ.
މާޒިޔާ ދެން ކުޅެން އޮތް މެޗު ކަމަށްވާ ވިކްޓްރީއާ ދެކޮޅަށް ކުޅޭ މެޗުގެ ތިން ޕޮއިންޓް މާޒިޔާ އަށް ވަނީ ކަށަވަރުވެފަ އެވެ. އެއީ މާލީ އެކި މައްސަލަތަކާ ހެދި ވިކްޓްރީ ސަސްޕެންޑްކޮށްފައިވާތީ އެވެ. މިއަދުގެ މެޗަށް ފަހު މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނީ ލީގުގެ ކުރީގައި ބޮޑު ލީޑެއްގައި އޮތް ނަމަވެސް ދެން ހުރި މެޗުތަކަށް ވެސް ނުކުންނާނީ މޮޅުވުމުގެ އަޒުމުގައި ކަމަށެވެ.
"މި މެޗުގެ ބައެއް ވަގުތުތަކުގައި އަހަންނަށް އެންމެ ބޭނުންވި ވަރުގެ ކުޅުމެއް ނުފެނުނު ކަމުގައި ވިޔަސް 6-1 އަކީ އަހަރެން އުއްމީދުކުރި ނަތީޖާ އަށް ވުރެ ވެސް ބޮޑު މޮޅެއް. އެހެންވީމަ ހިތްހަމަޖެހޭ. ދެން އަހަރެމެން ކުޅެން އޮތް މެޗު މިއޮތީ ހަދިޔާއެއްގެ ގޮތަށް ލިބިފައި. ލީގުގެ ކުރީގައި ބޮޑު ލީޑެއްގައި އޮތަސް އަހަރެން ބޭނުންވަނީ ދެން މި ބުރުގައި ބާކީ ކުޅެން އޮތް ދެ މެޗުން ވެސް މޮޅުވެ ބޮޑު ލީޑެއް ނަގަން،" ސެކުލޮސްކީ ބުންޏެވެ.
މެޗު ފަށައިގެން މާޒިޔާ އިން ގްރީން ސްޓްރީޓްސް ހާފްގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތްކޮށް ފުރަތަމަ ހަމަލާ އުފެއްދީ މެޗުގެ 10 ވަނަ މިނިޓްގަ އެވެ. މާޒިޔާގެ ނާއިޒު ހަސަން (ދާދު) އޭރިއާ ބޭރުން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އޭގެ ފަހުން މުހައްމަދު އިރުފާން (އިރޭ) އާއި ސެއިން ވިންސެންޓުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ޖެހި ބޯޅަތައް ގްރީން ސްޓްރީޓްސްގެ ކީޕަރު އޮލެކްސަންޑަ ޕޮސްލާވްސްކީ ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ 15 މިނިޓަށް ފަހު ގްރީން ސްޓްރީޓްސް އިން މެޗުގެ ތެރެއަށް އައިސް ފުރުސަތުތައް ތަނަވަސްކުރަން މަސައްކަތްކުރަން ފެށި އެވެ. އޭގެ ނަތީޖާ އަކަށްވީ މެޗުގެ 20 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އިން ލީޑުނެގުމެވެ. ގްރީން ސްޓްރީޓްސްގެ މި ގޯލު ޖެހީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އަރިމަތިން ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ދަގަނޑޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ތިރިތިރިން ގޮހެވެ. އެ ބޯޅަ ހުއްޓުވަން މާޒިޔާގެ ގޯލުގައި ހުރި އަފްގާނިސްތާނުގެ ގޯލްކީޕަރު އޮވޭސް އަޒީޒީ އަށް ވެސް މާ ބޮޑު ކަމެއް ނުކުރެވުނެވެ.
ގްރީން ސްޓްރީޓްސް އިން ލީޑުނެގިތާ ފަސް މިނިޓް ފަހުން މާޒިޔާ އިން ވަނީ އެއްވަރުކޮށްފަ އެވެ. ގްރީން ސްޓްރީޓްސްގެ މެދުތެރެއިން ހެދުނު ގޯހެއްގައި ފައިދާނަގައި ކޯނޭ އަށް ލިބުނު ބޯޅަ އޭނާ ވަނީ ތިރިތިރިން ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ.
މެޗުގައި ގްރީން ސްޓްރީޓްސް އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދޭން މުހައްމަދު އުމެއިރު ފޮނުވާލި ހިލޭޖެހުން ކީޕަރު އަޒީޒީ ވަނީ މަތަކޮށްފަ އެވެ. މާޒިޔާ އަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގައިދިނީ ކޯނޭ އެވެ. މެޗުގެ 38 ވަނަ މިނިޓްގައި މުޖުތާޒް މުހައްމަދު (މުޖޭ) ހުސްކޮށްލާފައި ދިން ބޯޅަ ކޯނޭ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ހަތަރު މިނިޓް ތެރޭ ގްރީން ސްޓްރީޓްސް އަށް ނަތީޖާ ހަމަހަމަކުރަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. ލިބުނު ޕެނަލްޓީ އަކުން ދަގަނޑޭ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ގްރީން ސްޓްރީޓްސް އަށް މި ފުރުސަތު ގެއްލުނުއިރު، މާޒިޔާ އިން ކުޅުން ރަނގަޅުކޮށް ގިނަ ލަނޑުތަކެއް ޖެހި އެވެ.
މާޒިޔާގެ ތިން ވަނަ ލަނޑު ޖެހީ މެޗުގެ 60 ވަނަ މިނިޓްގައި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ދާދު ހުސްކޮށްލާފައި ހަމްޕު އަށް ދިން ބޯޅަ އޭނާ ވަނީ ތިރިތިރިން ގޯލުގެ ދުރުކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އޭގެ ތިން މިނިޓް ފަހުން އަސަދުﷲ އަބްދުﷲ މާޒިޔާގެ ހަތަރު ވަނަ ގޯލު ޖެހީ ހަމްޕު ހުސްކޮށްލާފައި ދިން ބޯޅައަކުންނެވެ. އަދި އޭގެ މިނިޓެއް ފަހުން ކޯނޭ ވަނީ މާޒިޔާ އަށް ފަސް ވަނަ ލަނޑެއް ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
ބަދަލު ކުޅުންތެރިންގެ ގޮތުގައި ގްރީން ސްޓްރީޓްސް އިން ވަނީ އާދަމް އިމްރާން އާއި މުހައްމަދު ރިސްވާން (ފުކޭ) އަދި އަބްދުﷲ ޔާމީން (ޔާން) ކުޅެން އަރުވައިފަ އެވެ. އެ ކުޅުންތެރިންނާ އެކު ގްރީން ސްޓްރީޓްސް އިން ކުރިއަށް ޖެހިގެން ލަނޑެއް ޖަހަން މަސައްކަތްކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ. މާޒިޔާގެ ހަ ވަނަ ލަނޑު މެޗުގެ 85 ވަނަ މިނިޓްގައި ޖެހީ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. މިއީ އަނިޔާ އަށް ފަހު އެނބުރި އައިސް އިއްބެ މާޒިޔާ އަށް ކުޅުނު ފުރަތަމަ މެޗެވެ.
ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ އެއްވެސް ވަރަކަށް މިދިޔަ ފަންސާހަކަށް ދުވަހުގައި ޕްރެކްޓިހެއް ނުކުރެވުމުން އޭގެ އަސަރު މެޗުން ފެނުނު ކަމަށެވެ. އަދި މެޗުގެ ފަހު ކޮޅަށް ދިޔައިރު އެ ވަރުގެ ބޮޑު ތަފާތެއް ފެނިގެންދިޔަ އެންމެ ބޮޑު ސަބަބަކީ މާޒިޔާގެ ފިޓްނަސް ގްރީން ސްޓްރީޓްސް އަށް ވުރެ ރަނގަޅުވުން ކަމަށް އޭނާ ބުންޏެވެ.
"މާޒިޔާގެ ގިނަ ކުޅުންތެރިން ގައުމީ ޓީމުގައި ރަނގަޅަށް ޕްރެކްޓިސް ކުރި. މި ކޮޅުގައި ތިބި ކުޅުންތެރިން ގަވާއިދުން ކޯޗާ އެކު ޕްރެކްޓިސް ކުރި. އެކަމަކު ގްރީން މި ކުޅުނީ އެއްވެސް ވަރަކަށް ބޭނުންވި ވަރަށް ޕްރެކްޓިހެއް ނުކުރެވި. ފަހު ކޮޅަށް ދިޔައިރު ތަފާތަކަށް މި ފެނުނީ މާޒިޔާގެ ފިޓްނަސް ރަނގަޅުވުން،" ސުޒޭން ބުންޏެވެ.
"ވަކި ޓާގެޓެއް ކަނޑައަޅައިގެން ދިއުމަށް ވުރެން ގްރީން އަށް އޮތީ މެޗަކަށް ފަހު މެޗެއް ކުރިއަށްދިއުން. އެއީ މި ވަގުތަށް އޮތްގޮތަކީ."
ލީގުގައި މިރޭ ކުޅޭ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާނީ ނިލަންދޫއާ އެވެ. މިއީ ޓީސީގެ ކޯޗުކަމާއި މުހައްމަދު ޝާޒްލީ (ޝާޒް) ހަވާލުވި ފަހުން އެ ޓީމު ކުޅޭނެ ފުރަތަމަ މެޗެވެ.
މޮޅުވީ މާޒިޔާ، އެކަމަކު ކޯޗު ހިތްހަމަނުޖެހިފައި
ގްރީން ބަލިކޮށް މާޒިޔާގެ ވަރުގަދަ ފެށުން ކުރިއަށް
ބޮޑު މޮޅަކާ އެކު ޓީސީން ލީގު ނިންމާލައިފި
ލީގުގެ ފަހު ބުރު ފަށާއިރު މާޒިޔާ ބޮޑު ލީޑެއްގައި
އެންމެ ފަހުން ނިންމީ ހަ ޓީމާ އެކު ފަހު ބުރު ކުޅެން
ނިލަންދޫ އިން ގްރީން ސްޓްރީޓްސް ބަލިކޮށްފި
ކަލަންޑަރު ބަދަލުކޮށްގެން ވީ ފައިދާއެއް ނެތް: ސުޒޭން
ދަ ގްރާންޑޭއާ އެއްވަރުވެ ގްރީނަށް އުނދަގޫތަކެއް
ބްރޭކްތަކުގެ މައްސަލައިގައި ސުޒޭން ހިތްހަމަނުޖެހިފައި!
ފޯކައިދުން ގްރީން ސްޓްރީޓްސް ވެސް ހިފަަހައްޓައިފި