09 އޯގަސްޓް 2019
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ށ. ފޯކައިދޫން ގްރީން ސްޓްރީޓްސްއާ ލަނޑެއް ނުޖެހި އެއްވަރުކޮށްފި އެވެ. ފޯކައިދު ވަނީ މި ފަހަރުގެ ސީޒަނަށް އެންމެ ވަރުގަދަ އަށް ނުކުތް މާޒިޔާއާ ވެސް އެއްވަރުކޮށްފަ އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ށ. ފޯކައިދޫން ގްރީން ސްޓްރީޓްސްއާ ލަނޑެއް ނުޖެހި އެއްވަރުކޮށްފި އެވެ. ފޯކައިދު ވަނީ މި ފަހަރުގެ ސީޒަނަށް އެންމެ ވަރުގަދަ އަށް ނުކުތް މާޒިޔާއާ ވެސް އެއްވަރުކޮށްފަ އެވެ.
މި މެޗުން ލިބުނު ޕޮއިންޓާ އެކު ގްރީން ސްޓްރީޓްސް ލީގުގެ ހަތަރަކަށް އެރި ނަމަވެސް މިރޭ ފ. ނިލަންދޫ އަތުން ޓީސީ ސްޕޯޓްސް ކްލަބް މޮޅުވެއްޖެނަމަ ގްރީން ސްޓްރީޓްސް އަލުން ފަސް ވަަނަ އަށް ވެއްޓޭނެ އެވެ. މި ވަގުތު ހަތަރެއްގައި އޮތް ގްރީން ސްޓްރީޓްސް އާއި ފަސް ވަނައިގައި އޮތް ޓީސީ އަށް ލިބިފައިވަނީ ހަ މެޗުން ނުވަ ޕޮއިންޓެވެ. ފޯކައިދޫ ހަ ވަނައިގައި އޮތީ ހަ މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ.
މި މެޗަށް ފޯކައިދުން ނުކުތްއިރު އާންމު ގޮތެއްގައި އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް ސަސްޕެންޝަނުގެ ސަބަބުން ނެތް ނަމަވެސް ދެން ތިބި ތިން ބިދޭސީ ކުޅުންތެރިން ކުޅުނެވެ. އޭގެ ތެރޭގައި މިދިޔަ މެޗުގައި ނުފެނުނު މިސްރުގެ ވިންގް މުސްތަފާ ސެޑިކް އާއި ގޯލްކީޕަރު ޕާކިސްތާނުގެ ހަނީފް ސާގިބް ހިމެނެ އެވެ.
ގްރީން ސްޓްރީޓްސްގެ ގޯލުގައި މި މެޗުގައި ވެސް ކުޅުނީ ބިދޭސީ ކީޕަރު އޮކްސްލެންޑާ ޕޮސްލާވްސްކީ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ފޯކައިދުން ވަނީ ގްރީން ސްޓްރީޓްސް ހިފެހެއްޓުމުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ފުރަތަމަ ހާފުގައި ގްރީން ސްޓްރީޓްސް އިން އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބުނީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި ޒުވާން ފޯވާޑް އަބްދުﷲ ޔާމީން (ޔާން) އަށެވެ.
ގްރީން ސްޓްރީޓްސްގެ ގާސިމް ސައްމާމު (ސައްމެ) ނަގައިދިން ހުރަހަކުން މެޗުގެ 19 ވަނަ މިނިޓްގައި އޭރިއާތެރެއިން ދަގަނޑޭ ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އޭގެ ހަތަރު މިނިޓް ފަހުން މުހައްމަދު އުމެއިރު ޖެހި ބޯޅަ ފޯކައިދޫގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.
ފުރަތަމަ ހާފުގައި ފޯކައިދު އަށް ގޯލު ޖަހަން ފުރުސަތެއް ތަނަވަސްކުރަން ލިބުނު ބޯޅަ ގެއްލުނީ މި މެޗުގައި އެ ޓީމުގެ އެންމެ ކުރިއަށް ކުޅުނު އަންސަރު އިބްރާހިމް (އަންކޮ) އަތުންނެވެ. ކައުންޓަ އެޓޭކުގައި ހަސަން ނަޒީމް (ޗޯޓު) މުޅިން ހުސްކޮށް އޮއްވައި އޭނާ އަށް ދޭން އަންކޮ ޖައްސާލި ބޯޅަ ގްރީން ސްޓްރީޓްސްގެ ޑިފެންޑަރުން ވަނީ ހޯދައިފަ އެވެ.
ފޯކައިދޫގެ ކީޕަރު ސާގިބު: އޭނާ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި ހާފް ނިމުމުގެ ކުރިން މެޗުގެ 43 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އަށް ލަނޑެއް ޖަހައިދޭން ޔާން ޖެހި ބޯޅައެއް ފޯކައިދޫ ޑިފެންޑަރެއްގެ ގައިގައި ޖެހިފައި ދިޔައީ ކޯނަރަކަށެވެ. އެ ކޯނަރުން ޔާން ގޯލަށް ޖެހި ބޯޅަ ކީޕަރު ހަނީފް ވަނީ މަތަކޮށްފަ އެވެ.
ދެ ވަނަ ހާފް ފެށިއިރު ގްރީން ސްޓްރީޓްސް އިން ވަނީ އަބްދުﷲ މިސްބާހު ކުޅެން އަރުވައިފަ އެވެ. މެޗުގެ 53 ވަނަ މިނިޓްގައި ދަގަނޑޭ މުޅިން ހުސްކޮށްލާފައި މުހައްމަދު އުމެއިރަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް މާ ބާރެއް ނެތުމުން ކީޕަރު ސާގިބް ވަނީ މަތަކޮށްފަ އެވެ.
މެޗުގައި ގްރީން ސްޓްރީޓްސް މޮޅުކޮށްދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޔާން އަަށެވެ. މިސްބާހަށް އޭރިއާ ތެެރެއިން އަލީ ޝާމިސް (ތޮއްޕެ) ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ޔާން ފޮނުވާލިއިރު، އެ ބޯޅަ ބޭރުވީ ކީޕަރު ސާގިބުގެ އަތުގެ އިތުރުން ދަނޑީގައި ވެސް ޖެހިފަ އެވެ. ފޯކައިދު މި މެޗުން މޮޅުކޮށްދޭން އަންކޮ ރަނގަޅު ދެ ފުރުސަތެއް ތަނަވަސްކުރި ނަމަވެސް އޭގެ ބޭނުން އެންމެ ރަނގަޅަށް ނުހިފުނެވެ.
ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު ބުނީ މެޗަށް ނުކުތީ މޮޅުވާން ކަމަށާއި އެކަން ހާސިލްނުވުމުން އެންމެ ރަނގަޅޭ ނުބުނެވޭނެ ކަމަށެވެ.
"ރިޒަލްޓް ދެން އެންމެ ބޭނުންވި ގޮތެއް ނޫން. އަޅުގަނޑުމެން އައީ ވިން އަކަށް. އެއީ (ޓޭބަލްގައި) ހަމަ ތިރިއަށް ދަނީ މަޑުމަޑުން. ކުޅުންތެރިން މަދުވާ ވާހަކަ އެއީ އެކްސްކިއުޒަކަށް ހަދައިގެން އުޅެން ބޭނުމެއް ނޫން ހަމަ. އިރާދަކުރެއްވިއްޔާ ދެން އަންނަ މެޗަށް ދެން ރަނގަޅަށް ތައްޔާރުވާނަން،" ނިސްތާރު ބުންޏެވެ.
ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ ލީގު ބްރޭކަކަށް ދާއިރު މި ކަހަލަ ގޮތަކަށް ދެ ޕޮއިންޓް ގެއްލިގެން މެޗެއް ނިންމާލަން ޖެހުމަކީ ގެއްލުމެއް ކަމަށެވެ.
"މީގެ މައްސަލަ އަކަށް ދިމާވީ ފަހު ހާފުގައި ސްކޯ އެއް ނުކޮށްލެވުން. ފުރަތަމަ ހާފު ދިޔައީ އާދައިގެ ގޮތަކަށް. ފަހު ހާފުގައި ވަރަށް ރަނގަޅަށް ކުޅެފައި ސްކޯއެއް ނުކުރެވުން މައްސަލަ އަކީ،" ސުޒޭން ބުންޏެވެ.
މެޗުގައި ގްރީން ސްޓްރީޓްސް އަށް ލިބުނު ޕެނަލްޓީ ޔާން ޖެހިއިރު، އެ ޓީމުގައި އެ ވަގުތު ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ދަގަނޑޭ އާއި އުމެއިރު ހުއްޓެވެ. ސުޒޭން ބުނީ ޕެނަލްޓީ ޖެހުން އޮންނަނީ އެ ތިން ކުޅުންތެރިންނަށް ކަމަށެވެ.
"މެޗުގެ ތެރެއިން އެ ތިން ކުޅުންތެރިން ތެރެއިން ޑިސައިޑް ކޮށްލަން ޖެހޭނީ. އެ މީހުން ނިންމީމަ އެ ނިމުނީ. އެ ގޮތަށް އިންނާނީ. ދެން އެ ވަގުތު ޔާމީން (ޔާން) ޖަހަން ނިންމީ ކީއްވެ ކަމެއް ނޭނގެ. އެއީ ޔާމީން އާއި އަޝްފާގު ދެން އުމެއިރު ޕެނަލްޓީ ޖަހަން އިންނާނީ،" ސުޒޭން ބުންޏެވެ.
ލީގުގައި މިރޭ ކުޅޭ މެޗު ފަށާނީ 9 ޖަހާއިރު އެވެ. އެ މެޗުގައި ޓީސީ ނުކުންނާނީ ނިލަންދޫއާ ދެކޮޅަށެވެ.
ލަބާން ފޯމް ކެޓުމުން، ސުޒޭންގެ އިނގިލި ގައުމީ ޓީމަށް
ބޮޑު މޮޅަކާ އެކު ޓީސީން ލީގު ނިންމާލައިފި
އެންމެ ފަހުން ނިންމީ ހަ ޓީމާ އެކު ފަހު ބުރު ކުޅެން
ނިލަންދޫ އިން ގްރީން ސްޓްރީޓްސް ބަލިކޮށްފި
ކަލަންޑަރު ބަދަލުކޮށްގެން ވީ ފައިދާއެއް ނެތް: ސުޒޭން
މާޒިޔާ އަށް އެއް ވަަނައިގައި ބޮޑު ލީޑެއް
"ބޮޑު ޓީމެއް ވިޔަސް ފޯކައިދޫ ނުކުންނާނީ މޮޅަކަށް"
ދަ ގްރާންޑޭއާ އެއްވަރުވެ ގްރީނަށް އުނދަގޫތަކެއް
ބްރޭކްތަކުގެ މައްސަލައިގައި ސުޒޭން ހިތްހަމަނުޖެހިފައި!
ގްރީން އަތުން މިފަހަރު ވެސް ވެލެންސިއާ ބަލިވެއްޖެ