Roadha Mihaaru
ކަލަންޑަރު ބަދަލުކޮށްގެން ވީ ފައިދާއެއް ނެތް: ސުޒޭން

ކަލަންޑަރު ބަދަލުކޮށްގެން ވީ ފައިދާއެއް ނެތް: ސުޒޭން

25 ޑިސެމްބަރ 2019

ރާއްޖޭގެ ފުޓްބޯޅަ ކަލަންޑަރަށް ބޮޑު ބަދަލެއް ގެނެސްގެން މި ސީޒަނުގައި މިހާތަނަށް ފެނުނު ރަނގަޅު ކަމެއް ފާހަގަކުރެވެން ނެތް ކަމަށް ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ރާއްޖޭގެ ފުޓްބޯޅަ ކަލަންޑަރަށް ބޮޑު ބަދަލެއް ގެނެސްގެން މި ސީޒަނުގައި މިހާތަނަށް ފެނުނު ރަނގަޅު ކަމެއް ފާހަގަކުރެވެން ނެތް ކަމަށް ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

މި އަހަރުގެ ޖޫން މަހު ފުޓްބޯޅަ ސީޒަން ފަށައިގެން ގައުމީ ފުޓްބޯޅަ ޓީމަށް ވަގުތުދޭން ވެގެން މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ލީގު ވަނީ މެދުކަނޑާލައިފަ އެވެ. އެންމެ ފަހުން ނެގި 50 ވަރަކަށް ދުވަހުގެ ބްރޭކަށް ފަހު އަލުން ލީގު ފެށިއިރު ޓީމުގެ ހާލަތު އޮތީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. މާލީ މައްސަލަތަކުގެ ސަބަބުން މުސާރަ ނުދެވުމުގެ އިތުރުން ޕްރެކްޓިސް ނުކުރެވި ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.

ލީގުގައި މިއަދު ހަވީރު ނިލަންދޫއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުނީ ގްރީން ސްޓްރީޓްސްގެ ހާލަތަށް ވެސް އަދި ރަނގަޅު ބަދަލެއް ނާންނަ ކަމަށެވެ.

"މެނޭޖްމަންޓަށް ލިބޭ އެއްޗެއް ކުޅުންތެރިންނަށް ފޯރުކޮށްދެމުން ދަނީ. މި ވަގުތު މާލީ ގޮތުން ކަންތައްތަކެއް ކޮށްދެވެން ނެތް ކަމަށް ވަންޏާ ވާހަކަ ދައްކައިގެނެއް ނުކުރެވޭނެ. އެއީ މިހާރު ރާއްޖޭގެ ސްޓޭޓަސް އެބަ އެނގޭ އެންމެ އާދައިގެ ކުޅުންތެރިޔާ އަށް ވެސް. ކްލަބެއްގައި ހުރީ ކިހާ ތަނަވަސްކަމެއްކަމާއި ކިހާ ވަރެއްތޯ ކޮށްދެވޭނީ. ކިހާވަރެއްކަން ދިނީ. މި ހުރިހާ ތަފްސީލްތަކެއް ވެސް އެނގޭތީ ކަންތައްތައް ފުރިހަމަނުކޮށް އުނދަގޫވާނެ މި ހާލަތުން އަރައިގަންނަން،" ސުޒޭން ބުންޏެވެ.

"ފުޓްބޯޅަ މުބާރާތެއް ހިންގަން ވެސް މިއީ ފަސޭހަކަމެއް ނޫން. އެހާ ބޮޑެތި ބްރޭކްތަކެއް ލާފައި ކުރިއަށް ދިއުމަކީ. އެ ހުރިހާ ގޮތަކަށް ބަލާއިރު ޑިސެޑްވާންޓޭޖެއް ގޮތަށް މި ސީޒަން މިދިޔައީ ފުޓްބޯޅަ އަށް ބަލާއިރު. މި ގެނެވުނު ބަދަލަކުން ފުޓްބޯޅަ އަށް ވީ ރަނގަޅެއް ނުފެނޭ."

ލީގު މެދުކަނޑާލުމަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓްސް ވަނީ މާޒިޔާ އަތުން 6-1 އިން ބަލިވެފަ އެވެ. އެކަމަކު ދެ ވަނަ މެޗުން ގްރީން ސްޓްރީޓްސް އިން ވަނީ 5-0 އިން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބަލިކޮށްފަ އެވެ. ސުޒޭން ބުނީ އެންމެ ފަހުން ކުޅުނު މެޗުގެ ނަތީޖާ އިން މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށާއި އެ އަށް ވުރެން ކަންތައްތައް ގޯސްކަމަށެވެ.

"މީގެ ވިސްނަން ޖެހޭ ކަމަކީ މި ހިސާބަށް ދިޔައިރު އެއްވެސް ޓީމެއް ސަލާމަތްވެފައި ނެތުން. މާޒިޔާ އެކަނި މި އޮތީ. އެހެން އެއްވެސް ޓީމެއް ނެތުން އެއީ މީގައި ވިސްނާލަންޖެހޭ ކަމެއް. ކުރިއަށް ތަނުގައި އެކަންކަމަށް ބަލާފައި ސީޒަން ޝެޑިއުލް ކުރަންވީ،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ ގްރީން ސްޓްރީޓްސްގެ ބައެއް ބޭރު ކުޅުންތެރިންގެ ނިންމަން ނުޖެހޭ ކަންތައްތައް ނުނިމި އޮތީމަ އެ ކުޅުންތެރިންނަށް ޕްރެކްޓިހުގައި ބައިވެރިނުވެވުމުގެ މައްސަލަތަކެއް ވެސް ހުރި ކަމަށެވެ.

ނިލަންދޫގެ ކޯޗު ފެސްކޯ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ނިލަންދޫގެ ކޯޗު ފެސްކޯ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ލީގުގައި މި ވަގުތު ހަތަރު ބިދޭސީ ކުޅުންތެރިން ލައިގެން ކުޅެމުން އަންނަ ހަމައެކަނި ޓީމަކީ ނިލަންދޫ އެވެ. ނިލަންދޫގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ހަތަރު ބިދޭސީ ކުޅުންތެރިން ލައިގެން ކުޅުނަސް އެ ޓީމަށް ވެސް ފުޓްބޯޅައިގެ ހާލަތު އޮތްގޮތުން ހާސިލްކުރެވޭނެ ކަމެއް ނެތް ކަމަށެވެ.

"ރަނގަޅު ސްޓޭޓެއްގައި ފުޓްބޯޅަ އޮތްނަމަ އަޅުގަނޑުމެންނަކީ ވެސް ވާދަކުރާނެ ބައެއް. އެކަމަކު ކަންތައްތައް މި އޮތްގޮތުން ހަމައެކަނި ހަތަރު ބިދޭސީ ކުޅުންތެރިން ތިބުމަކުން ވާދައެއް ނުކުރެވޭނެ. އެ އާ އެކު ދިވެހި ކުޅުންތެރިން ލައިގެން 11 ހަމަކުރެވޭނީ. އަޅުގަނޑު ކޮންމެ މެޗެއްގައި ވެސް މަސައްކަތްކުރާނީ މޮޅުވާން،" ފެސްކޯ ބުންޏެވެ.

"ތަނެއްގައި އަޅާފައި އިން ފާރުގަނޑެއް ވެސް ބޭސް ނުކުރާ ކަމަށް ވަންޏާ ދާނީ ދުވަހެއް ދުވަހަކަށް ގޯސްވަމުން. މުޅި ފުޓްބޯޅައިގައި މި އޮތީ ފާރުއަޅާފައި އެހެންވީމަ އެ އަށް އެކަށީގެންވާ ބޭސް ނުކުރެވެންޏާ އެ ހަމަ ރަނގަޅެއް ނުކުރެވޭނެ. އެ ހަމަ މަޑުމަޑުން ގޯސް ވަމުންދާނީ."

ފުރަތަމަ ޑިވިޝަނުގައި ގިނަ ޓީމުތަކުގައި މަސައްކަތްކުރި ފެސްކޯ ބުނީ މި ވަގުތު ފުޓްބޯޅަ އޮތް ހާލަތުން ރާއްޖޭގައި ކުޅޭ ބިދޭސީ ކުޅުންތެރިންނަށް ވެސް އެ ދެވެނީ ނުރަނގަޅު މެސެޖެއް ކަމަށެވެ. އަދި އެ ކުޅުންތެރިންގެ ހާލަތު އެހެން ގޮސް ރާއްޖޭގެ ފުޓްބޯޅައިގެ ދަށް ހާލަތުގެ ވާހަކަ އެކި ފަރާތްތަކަށް ފޯރައި އޭގެ ގެއްލުން ވަމުން އަންނަ ކަމަށް ބުންޏެވެ.

"މިއީ ވަރަށް ބޮޑު ޑިޒާސްޓާއެކޭ އަޅުގަނޑު ދަންނަވާނީ. އަޅުގަނޑުމެންނަށް މީގެ ސަބަބުން ވަރަށް ގިނަ ފުރުސަތުތައް ގެއްލިގެން ވެސް އެބަދޭ. މި ތަނަށް އަންނަ ބިދޭސީ ކުޅުންތެރިން މި އަންނަނީ ބީޗަށް މޫދަށް އެރިލާކަށް ނޫން، މަސައްކަތެއް ކުރަން. ފުޓްބޯޅަ ކުޅެން އައިސްފައި އެކަން ކޮށްގެން ރިވާޑެއް (މުސާރަ) ނުލިބި ހާލަތު މިދާ ގޮތުން މި ކަހަލަ ގޯސް ވާހަކަ އެބަ އެނބުރޭ. އެހެންވެ ރަނގަޅު ކުޅުންތެރިން ވެސް ރާއްޖެ އަށް ނޫނެކޭ އެބަބުނޭ،" ފެސްކޯ ބުންޏެވެ.

ލީގުގެ ދެ ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އިން އެ މަގާމުގައި ލީޑެއް ނަގަން މިއަދުގެ ތިން ޕޮއިންޓް މުހިއްމެވެ. ލީގުގެ އަށް ވަނައިގައި އޮތް ނިލަންދޫ މިއަދުގެ މެޗުން މޮޅުވެއްޖެނަމަ ހަތް ވަނަ އަށް އަރާނެ އެވެ. މިއަދުގެ މެޗު ފަށާނީ ހަވީރު 3:50 ގަ އެވެ.