Roadha Mihaaru
ގްރީން ސްޓްރީޓްސްގެ ކޯޗުކަމުން ސުޒޭން ވަކިވެއްޖެ

ގްރީން ސްޓްރީޓްސްގެ ކޯޗުކަމުން ސުޒޭން ވަކިވެއްޖެ

06 ފެބުރުއަރީ 2020

ކްލަބް ގްރީން ސްޓްރީޓްސް އަށް މިދިޔަ ދެ އަހަރު ކޯޗުކޮށްދިން ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން އެ ކްލަބުން ވަކިވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ކްލަބް ގްރީން ސްޓްރީޓްސް އަށް މިދިޔަ ދެ އަހަރު ކޯޗުކޮށްދިން ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން އެ ކްލަބުން ވަކިވެއްޖެ އެވެ.

ގްރީން ސްޓްރީޓްސް އިން މިރޭ މީޑިއާ އަށް އާންމުކުރި މެސެޖެއްގައި ބުނީ ސުޒޭންއާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު ދެ ފަރާތް އެއްބަސްވާގޮތުގެ މަތިން ކޮންޓްރެކްޓް އުވާލާފައިވާ ކަމަށެވެ.

"ގްރީން ސްޓްރީޓްސްގެ ކޯޗުކަމުގައި މިދިޔަ ދެ އަހަރު ސުޒޭން ހޭދަކުރިއިރު އޭނާ ވަނީ ޕްރޮފެޝަނަލްކަމާއި މަސައްކަތްކުރުމުގެ ރަނގަޅު މާހައުލެއް ކްލަބްގެ ކުޅުންތެރިންގެ މެދުގައި ގާއިމްކޮށްފައި. ކްލަބް ކުރިއަށް ގެންދިއުމުގައި ސުޒޭން ކުރި މަސައްކަތް ފާހަގަކޮށް ޝުކުރުއަދާކުރަން،" ގްރީން ސްޓްރީޓްސްގެ މެސެޖުގައިވެ އެވެ.

ގްރީން ސްޓްރީޓްސްގެ މި ނިންމުން މި އައީ ސީޒަނުގައި ބާކީ ދެ މުބާރާތް އޮއްވަ އެވެ. އެއީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އެވެ.

އެފްއޭއެމުން އަވަސް އިންތިހާބަކަށް ތައްޔާރުވަމުން އަންނައިރު ގްރީން ސްޓްރީޓްސް އިން ވަނީ އެފްއޭއެމްގެ އިންތިހާބުގައި މިހާރުގެ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިތުރު ދައުރަކަށް ހޮވަން އެ ކްލަބުގެ ތާއީދު އޮތްކަމަށް ހާމަކޮށްފަ އެވެ. ސުޒޭން ވަނީ ފަހަކަށް އައިސް އެފްއޭއެމަށް ފާޑުކިޔައިފަ އެވެ. ގްރީން ސްޓްރީޓްސް އިން ވަނީ މިއީ އެފްއޭއެމާ ގުޅުން ހުރި ނިންމުމެއް ނޫން ކަމަށް ބުނެފަ އެވެ.

މި ސީޒަން ފެށިއިރު ވަރުގަދަ ސްކޮޑަކާ އެކު އޮތް ގްރީން ސްޓްރީޓްސް އަށް މާލީ މައްސަލަތައް ދިމާވެ ކުޅުންތެރިންނަށް މުސާރަ ނުދެވި ކްލަބްގެ ހާލަތު ވަރަށް ދަށް ދިޔަ އެވެ. އޭގެ ސަބަބުން މިދިޔަ މަހުގެ ޓްރާންސްފާ މާކެޓްގައި ގްރީން ސްޓްރީޓްސް އަށް ކުޅުނު މަޝްހޫރު ގިނަ ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިން ކްލަބް ދޫކޮށްލި އެވެ. އެ އުނދަގޫ ހާލަތުގައި ވެސް ސުޒޭން ވަނީ ގްރީން ސްޓްރީޓްސްގައި މަޑުކޮށް އެ ޓީމަށް ލީގުގެ ގަދަ ހަތަރެއް ކަށަވަރުކޮށްދީފަ އެވެ.

ލީގުގެ މެޗަކަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޗު ސުޒޭން ވަނީ ގްރީން ސްޓްރީޓްސްގައި އޭނާގެ މުސްތަގުބަލާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. އެ ފަހަރު ސުޒޭން ބުނީ އެ ކްލަބްގައި އޭނާ މަޑުކުރަނީ ފުޓްބޯޅައިގައި މި ވަގުތު ކުރިމަތިވެފައިވާ ދަތި ހާލަތެއްގައި ކަންތައްތައް ރަނގަޅުކުރަން މަސައްކަތްކުރަނީ ކްލަބްތަކުން ކަމަށާއި އެހެންވެ ކްލަބެއްގައި ހުރެގެން މި މަސައްކަތް ކުރެވޭތޯ ބެލުމުގެ ގަސްދުގައި ކަމަށެވެ.

މިއީ 2017 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ގްރީން ސްޓްރީޓްސް އިން ސީޒަން މެދުތެރެއިން ކޯޗު ދޫކޮށްލި ދެ ވަނަ ފަހަރެވެ. އެ ގޮތުން އެ ޓީމުން ވަނީ 2017 ވަނަ އަހަރުގެ ސީޒަން މެދުތެރެއިން ސޮބާހު މުހައްމަދުގެ ކޮންޓްރެކްޓް ވެސް ނިމުމަކަށް ގެނެސްފަ އެވެ.

ރާއްޖޭގައި މި ވަގުތު ހުރި އެންމެ ކާމިޔާބު އެއް ކޯޗު ސުޒޭން ކޯޗިން ކެރިއަރު ފެށީ ދެހާހުގެ ކުރީކޮޅު ވިކްޓްރީންނެވެ. އޭނާ ވަނީ އެ ޓީމަށް ދިވެހި ލީގާއި ކަޕް ވިނާސް ކަޕް އަދި ގައުމީ ތަށި ކާމިޔާބުކޮށްދީފަ އެވެ. އޭގެ ފަހުން މާޒިޔާއާ ހަވާލުވެ އެ ޓީމަށް ލީގާއި އެފްއޭ ކަޕް އަދި ގައުމީ މުބާރާތް ކާމިޔާބުކޮށްދީފަ އެވެ.

ސުޒޭން ވަނީ 2017 ވަނަ އަހަރުގެ މާލޭ ލީގުގައި އަލުން ވިކްޓްރީ އަށް ކޯޗުކޮށްދީފަ އެވެ. އަދި ދިވެހި ޕްރިމިއާ ލީގުގައި އެ ފަހަރު ގދ. ތިނަދޫ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރެ އެ ޓީމަށް ވެސް ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ހޯދައިދީ އެ ޓީމު ގޮވައިގެން އެންމެ ފަހުން ބޭއްވި ޕްރެޒިޑެންޓްސް ކަޕްގައި ވާދަކުރި އެވެ.