Roadha Mihaaru
ދަގަނޑޭގެ ހެޓްރިކާ އެކު ގްރީން ތިން ވަނަ އަށް

ދަގަނޑޭގެ ހެޓްރިކާ އެކު ގްރީން ތިން ވަނަ އަށް

03 އޯގަސްޓް 2019

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް މެދުކަނޑާލުމަށް ފަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އަލީ އަޝްފާގު (ދަގަނޑޭ)ގެ ހެޓްރިކާ އެކު 6-0 އިން ފ. ނިލަންދޫ ބަލިކޮށް ގްރީން ސްޓްރީޓްސް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް މެދުކަނޑާލުމަށް ފަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އަލީ އަޝްފާގު (ދަގަނޑޭ)ގެ ހެޓްރިކާ އެކު 6-0 އިން ފ. ނިލަންދޫ ބަލިކޮށް ގްރީން ސްޓްރީޓްސް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގައި ހޯދި ދެ ވަނަ މޮޅާ އެކު ގްރީން ސްޓްރީޓްސް ތިން ވަނަ އަށް އެރީ ފަސް މެޗުން އަށް ޕޮއިންޓް ހަމަކޮށް ފައިދާ ގޯލުން ކުރި ހޯދައިގެންނެވެ. ގްރީން ސްޓްރީޓްސްގެ ފައިދާ ހަތް ގޯލު އޮތްއިރު، މިހާރު ހަތަރު ވަނައިގައި އޮތް ޓީސީ އަށް ފަސް މެޗުން އަށް ޕޮއިންޓް ލިބިފައިވާއިރު، ފައިދާ އޮތީ ފަސް ގޯލެވެ.

ގްރީން ސްޓްރީޓްސް އިން މި މެޗު ފެށީ އެ ޓީމުގެ ގޯލުގައި ބިދޭސީ ކީޕަރު އޮކްސްލެންޑާ ޕޮސްލާވްސްކީ ބަހައްޓައިގެންނެވެ. އަނެއްކޮޅުން ނިލަންދޫއާ ގުޅުނު ބިދޭސީ ކުޅުންތެރިޔާ ކިންގްސްލީގެ މެޑިކަލް ނުލިބޭތީ އޭނާ މި މެޗުގައި ނުކުޅެ އެވެ.

މެޗަށް ފަހު ނިލަންދޫގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ މެޗު ރޭވީ ކިންގްސްލީ ހިމަނައިގެން ކަމަށާއި އޭނާ އަށް ނުކުޅެވޭކަން އެނގުނީ ދަނޑަށް ވެސް އައި ފަހުން ކަމަށެވެ. އެހެންކަމުން އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި ބޭރު މީހަކަށް އިމިގްރޭޝަނުން ވޯކް ޕާމިޓް ކާޑު ލިބެނީ މެޑިކަލް ވެސް ފުރިހަމަ ކުރުމުން ކަމަށާއި އަނެއް ކޮޅުން އެފްއޭއެމުން ކިންގްސްލީގެ އިންޓަނޭޝަނަލް ޓްރާންސްފާ ސެޓްފިކެޓް ދީފައިވަނިކޮށް މި މެޗުގައި އޭނާ އަށް ނުކުޅެވެންވީ ސަބަބެއް ނުވިސްނުނު ކަމަށް ބުންޏެވެ.

"އެއްގޮތަކަށް ވެސް ބަލިވީމަ ދައްކާ ވާހަކައެއް ނޫން. ނޫނީ މިއީ ކިންގްސްލީ ނުކުޅެގެން އައި ރިޒަލްޓެއް ވެސް ނޫން. ހަގީގަތުގައި ފުރަތަމަ ދެ ލަނޑު ވަނީ ޑިފެންސުން ހެދި ގޯސްތަކަކުން. އެއީ އެއް މައްސަލަ. ދެން މި މެޗުގައި އަޅުގަނޑު އުއްމީދުކުރީ ލަނޑުތަކެއް ވަނަސް 3-0 ކަމަށްވާނީ. އެކަމަކު އެ އަށް ވުރެން ގޯސްކޮށްދިޔައީ. މިއީ ޕޮއިންޓަކަށް އުއްމީދުކުރި މެޗެއް،" ލީގުގެ އެންމެ ފުލުގައި މި ވަގުތު އޮތް ނިލަންދޫގެ ކޯޗު ފެސްކޯ ބުންޏެވެ.

މިއަދުގެ މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އަށް ލީޑުނަގައިދިނީ އެ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ. މުހައްމަދު އާރިފް (ބަކާ) ހުސްކޮށްލާފައި ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ދަގަނޑޭ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ގްރީން ސްޓްރީޓްސްގެ ދަގަނޑޭ (ކ) ނިލަންދޫގެ ކީޕަރު ޒިޔަޒަން ކައިރިން ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގްރީން ސްޓްރީޓްސްގެ ދަގަނޑޭ (ކ) ނިލަންދޫގެ ކީޕަރު ޒިޔަޒަން ކައިރިން ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭގެ ފަހުން ގްރީން ސްޓްރީޓްސް އިން ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް ނިލަންދޫ ގޯލުގައި ހުރި އަބްދުﷲ ޒިޔަޒަން ވަނީ އެ ބޯޅަތައް ހުއްޓުވައިފަ އެވެ. ކައުންޓަ އެޓޭކުގައި ނިލަންދޫ އަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެކަމަކު އެންމެ ރަނގަޅަށް ބޭނުމެއް ނުކުރެވުނެވެ. ހިލޭ ޖެހުމަކުން ނިލަންދޫގެ ކެޕްޓަން ފަރުހާދު އިސްމާއިލް (ފަރޭ) ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ގްރީން ސްޓްރީޓްސްގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ 30 ވަނަ މިނިޓްގައި އިބްރާހިމް ރިޒުހާން (ރިޒްކޯ) އެވެ. އަހުމަދު ރަޝީދު (އައްމަޑޭ) ތަނަވަސްކޮށްދިން ފުރުސަތެއްގައި ރިޒްކޯ މި ލަނޑު ޖެހީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. އިތުރު ލަނޑެއް ޖަހަން މުހައްމަދު އުމެއިރު އަށް ލިބުނު ބޯޅައިން އޭނާ ފޮނުވާލި ހަމަލާ ކީޕަރު ޒިޔަޒަން ވަނީ ހުއްޓުވައިފަ އެވެ.

ދެ ވަަނަ ހާފް ފަށައިގެން ދެ މިނިޓް ތެރޭ ގްރީން ސްޓްރީޓްސްގެ ތިން ވަނަ ލަނޑު ޖެހީ އުމެއިރު އެވެ. އޭރިއާ ތެރެއިން އުމެއިރު ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މެޗުގެ 57 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ ހަތަރު ވަނަ ލަނޑު ޖަހަން ދަގަނޑޭ އަށް ރަނުގެ ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ. ކީޕަރު ޒިޔަޒަން ކައިރިން ދެ ފަހަރެއްގެ މަތިން ނައްޓާފައި ޖަހަން ލިބުމުން ވެސް ދަގަނޑޭ ލަސްކޮށްލުމުން ފުުރުސަތު ގެއްލުނީ އެވެ.

މެޗުގެ 63 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ ހަތަރު ވަނަ ލަނޑު ޖެހީ ދަގަނޑޭ އެވެ. އޭރިއާ ތެރެއިން ދަގަނޑޭ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އޭގެ ދިހަ މިނިޓް ފަހުން ދަގަނޑޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް ގްރީން ސްޓްރީޓްސް އަށް ފަސް ވަަނަ ލަނޑެއް ޖަހައިދީފަ އެވެ. ދަގަނޑޭ މި ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަބްދުﷲ މިސްބާހު ދިން ބޯޅަ އަކުންނެވެ.

ގްރީން ސްޓްރީޓްސްގެ ފަހު ގޯލު ޖެހީ ދެ ވަނަ ހާފުގައި ބަދަލުކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އަބްދުﷲ ޔާމީން (ޔާން) އެވެ. އޭރިއާތެރެއިން ލިބުނު ބޯޅަ ޔާން ވަނީ ފަސޭހަކަމާ އެކު ގޯލަށް ފޮނުވާލައިފަ އެވެ.

މެޗަށް ފަހު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ މެޗަށް އައި ފުރަތަމަ ފޯކަސް އަކީ ތިން ޕޮއިންޓާ އެކު ގޯލުތަކެއް ޖެހުން ކަމަށާއި އެކަން ހާސިލްވުމުން ހިތްހަމަޖެހޭ ކަމަށެވެ. މި މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ގެއްލިިދިޔަ ނަމަވެސް ހަ ގޯލު ޖެހުމަކީ ދެން އޮތް މެޗަށް ދާއިރު ކުޅުންތެރިންގެ ކޮންފިޑެންސް ރަނގަޅުވާނެ ކަމެއް ކަމުގައި ދެކޭ ކަމަށް ބުންޏެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ވިކްޓްރީ ބައްދަލުކުރާނީ މާޒިޔާއާ އެވެ. މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.