Roadha Mihaaru
ގްރީން ސްޓްރީޓްސް ބަލިކޮށް ޓީސީ ތިން ވަނަ އަށް

ގްރީން ސްޓްރީޓްސް ބަލިކޮށް ޓީސީ ތިން ވަނަ އަށް

09 ޖެނުއަރީ 2020

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ކްލަބް ގްރީން ސްޓްރީޓްސް އަތުން 2-0 އިން މޮޅުވެ ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ކްލަބް ގްރީން ސްޓްރީޓްސް އަތުން 2-0 އިން މޮޅުވެ ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

ޓީސީ ތިން ވަނަ އަށް އެރީ 15 މެޗުން 28 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 15 މެޗުން ލިބިފައިވަނީ 30 ޕޮއިންޓެވެ. ލީގުގެ ދެ ވަނަ ބުރުގެ އެންމެ ފަހު މެޗުގައި އަންނަ އާދިއްތަ ދުވަހު ޓީސީ އާއި އީގަލްސް ކުޅޭނެ އެވެ. އެ ދުވަހު މޮޅުވެގެން ލީގުގެ ދެ ވަނަ އަށް ޖެހިލުމުގެ ފުރުސަތު ޓީސީ އަށް އެބައޮތެވެ.

މި މެޗަށް ނުކުތްއިރު މި ދެ ޓީމަށް ވެސް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. ޓީސީން ވަނީ މި ފަހަރުގެ ޓްރާންސްފާގައި އެ ޓީމާ ގުޅުނު ފޯކައިދޫގެ ތިން ކުޅުންތެރިން ކަމަށްވާ ގޯލްކީޕަރު ޕާކިސްތާނުގެ ހަނީފް ސާގިބް އާއި ފަހަތަށް ކުޅޭ މިސްރުގެ ޑިފެންޑަރު މަހުމޫދު ސައީދުގެ އިތުރުން ފުލްބެކް އަލީ ޝާމިސް (ތޮއްޕޭ) އަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ. އަނެއްކޮޅުން ގްރީން ސްޓްރީޓްސްގެ ބިދޭސީ ކީޕަރު އަލެކްސަންޑަ ޕޮސްލާވްސްކީ އެ ޓީމު ދޫކޮށްލުމުން ލޯން އުސޫލުން އީގަލްސް އިން ގެނައި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކީޕަރު ހަސަން އަލީފް އިބްރާހިމް ވަނީ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ.

މެޗަށް ފަހު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ މި މެޗަކީ މީގެ ދެ މަސް ކުރިން ކުޅެން ރޭވިފައި އޮތް މެޗެއް ކަމަށާއި ކޮންމެވެސް ސަބަބަކާ ހުރެ މެޗު ލަސްކުރިއިރު، އެހެން ޓީމަކަށް މީގެ ކުރިން ކުޅުނު ތިން ކުޅުންތެރިޔަކު އައިސް ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅެފައިވާ ކަމަށެވެ. އަދި އެ ތިން ކުޅުންތެރިން މިއީ މި ސީޒަނުގައި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު ތިން ވަނަ ފަހަރު ކަމަށާއި މިއީ ކަންތައްތައް ހިނގަން ޖެހޭ ގޮތްތޯ އެއީ ސުވާލު އުފެދޭ ކަމެއް ކަމަށް ސުޒޭން ބުންޏެވެ.

"މިއީ ކޮންމެހެން ބަލިވީމަ ދައްކާ ވާހަކައެއް ނޫން. އެ މީހުން (ޓީސީ)ގެ ކަމެއްގައި ކުއްލިއަކަށް މެޗު ކުޅޭ ދުވަސް ބަދަލުކޮށްގެން ކުޅެފައި އެހާ ބޮޑު ބަދަލެއް ގެނެސްގެން ކުޅުމަކީ ގްރީން ސްޓްރީޓްސް އަށް އޮތް ޑިސްއެޑްވާންޓޭޖެއް. އެއީ ގްރީން މި ވަގުތު އޮތް ސިޓުއޭޝަނަށް (ހާލަތަށް) ބަލާއިރު. މި މެޗުން ބަލިވާން ދިމާވި ސަބަބަކީ ގްރީން އަށް ލިބުނު ޗާންސްތަކުގެ ބޭނުން ނުހިފުން،" ސުޒޭން ބުންޏެވެ.

މިރޭގެ މެޗަކީ އޮކްޓޫބަރު މަހު ކުޅެން ޝެޑިއުލްކޮށްފައި އޮތް މެޗެއް ނަމަވެސް އޭރު ޓީސީން ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕްގައި ވާދަކުރަން ދާން ޖެހުމުން ފަސްކުރީ އެވެ.

ރަސްމީ ދަނޑުގައި ރޭގެ މެޗު ފަށައިގެން ފުރަތަމަ 20 މިނިޓް ތެރޭ ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އޭގެ ފަހުން ދެ ޓީމުން އެޓޭކްކުރަން ފަށައި ފުރުސަތު ތަނަވަސްކުރަން ފެށި އެވެ. ގްރީން ސްޓްރީޓްސް އަށް ލީޑުނަގައިދޭން ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ދެ ފުރުސަތެއް ލިބުނީ ޒުވާން މިޑްފީލްޑަރު އަބްދުﷲ ޔާމީން (ޔާން) އަށެވެ. މެޗުގެ 31 ވަނަ މިނިޓްގައި ޔާން ޖެހި ބޯޅައިގައި ބާރެއް ނެތުމުން ކީޕަރު ހަނީފް ވަނީ ފަސޭހަކަމާ އެކު އަތަށް ނަގައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން ޔާން ހުސްކޮށް ވަދެ ޖެހި ބޯޅަ ވެސް ކީޕަރު ސާގިބް ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފުގައި ޓީސީން ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. މެޗުގެ 37 ވަނަ މިނިޓްގައި އިޝާން އިބްރާހިމް (ސައްޓު) އޭރިއާބޭރުން ޖެހި ބޯޅަ ކީޕަރު އަލީފް އަތްމަތިން ގޮސް ބޭރުވީ ދަނޑީގައި ޖެހިފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ފުރަތަމަ ފަސް މިނިޓް ތެރޭ ޓީސީން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. އެ ދެ ބޯޅަ ވެސް ހުއްޓުވީ ކީޕަރު އަލީފް އެވެ. ޓީސީން ލީޑުނެގީ މެޗުގެ 53 ވަނަ މިނިޓްގައި އިސްމާއިލް އީސަ (މެސީ) ވައްދާލި ޕެނަލްޓީންނެވެ.

ނަތީޖާ ހަމަހަމަކުރަން މެޗުގެ 67 ވަނަ މިނިޓްގައި ޓީސީގެ ޔާން އަށް ހުސް ފުރުސަތެއް ލިބުނެވެ. އަހުމަދު ރަޝީދު (އައްމަޑޭ) ދިން ބޯޅަ ޔާން ފޮނުވާލި ނަމަވެސް ކީޕަރު ސާގިބް ފައިގައި ޖެހިފައި ދިޔައީ ބޭރަށެވެ. އަދި އޭގެ ފަހުން ގްރީން ސްޓްރީޓްސްގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ބޯޅަ އަމާޒުވީ ކީޕަރު ސާގިބް އަތަށެވެ.

ލީޑުފުޅާކުރަން ޓީސީން ފޮނުވާލި ގިނަ ހަމަލާތަކެއް ގްރީން ސްޓްރީޓްސް ގޯލުގައި ރޭ މޮޅު ކުޅުމެއް ދެއްކި ޒުވާން ކީޕަރު އަލީފް ވަނީ މަތަކޮށްފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ގްރީން ސްޓްރީޓްސްގެ އިބްރާހިމް ރިޒުހާން (ރިޒްކޯ) އަށް ވަނީ ގާތްގާތުގައި ދެ ރީނދޫ ކާޑު ދައްކައި ރަތް ކާޑެއް ދައްކައިފަ އެވެ. ރިޒްކޯ އަށް ފުރަތަމަ ރީނދޫ ކާޑު ދެއްކީ ޓީސީގެ މަހުމޫދަށް ކުރި ފައުލަކަށެވެ. އަދި ދެ ވަނަ ރީނދޫއާ އެކު ރަތް ކާޑެއް ދެއްކީ ރެފްރީ މުހައްމަދު ޖާވިޒާ ދިމާލަށް ބުނި އެއްޗަކުންނެވެ.

ގްރީން ސްޓްރީޓްސްގެ އެއް ކުޅުންތެރިޔަކު މަދުވުމުގެ ފައިދާނަގައި ޓީސީގެ ދެ ވަނަ ލަނޑު ޖެހީ ސައްޓު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އީސަ ހުސްކޮށްލާފައި ދިން ބޯޅަ ސައްޓު ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ މިއީ މިހާތަނަށް ޓީސީއާ ހަވާލުވި ފަހުން ހާލަތާއި ކަންތައްތަކަށް ބަލާއިރު ލިބުނު އެންމެ ރަނގަޅު މޮޅު ކަމަށެވެ.

"މިއީ ވަރަށް މުހިއްމު ތިން ޕޮއިންޓް. މެޗަށް އައިއިރު ވެސް އެނގޭ މި ރޭހުގައި ކުރިއަށްދާން ބޭނުމިއްޔާ މިއީ ވަރަށް މުހިއްމު މެޗެއްކަން. ގްރީން ސްޓްރީޓްސްގައި އެބަތިބި ކޮންމެ އިރެއްގައި ވެސް ނަތީޖާ ބަދަލުކޮށްލެވޭނެ ކުޅުންތެރިން. މިއީ ޓީސީއާ ހަވާލުވި ފަހުން ލިބުނު އެންމެ ރަނގަޅު ކާމިޔާބީ. މީގެ ހުރިހާ ކްރެޑިޓެއް މި އޮތީ ކުޅުންތެރިން އަތުގައި،" ޝާޒް ބުންޏެވެ.

އޭނާ ބުނީ މި މަހު 15 ވަނަ ދުވަހު ބަންދުވާ ރާއްޖޭގެ ޓްރާންސްފާ މާކެޓްގެ ކުޅުންތެރިން އެހެން ޓީމުތަކެކޭ އެއްގޮތަށް ޓީސީ ވެސް އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތްތައް ކުރާނެ ކަމަށެވެ.