Roadha Mihaaru
ބޮބީ އެނބުރި އީގަލްސް އަށް

ބޮބީ އެނބުރި އީގަލްސް އަށް

14 ޖެނުއަރީ 2020

ކްލަބް ގްރީން ސްޓްރީޓްސް އަށް މި ސީޒަނުގައި ކުޅެމުން އައި ރިހާމް އަބްދުލް ގަނީ (ބޮބީ) އޭނާ ކުރިން ކުޅުނު ކްލަބް އީގަލްސް އަށް ބަދަލުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ކްލަބް ގްރީން ސްޓްރީޓްސް އަށް މި ސީޒަނުގައި ކުޅެމުން އައި ރިހާމް އަބްދުލް ގަނީ (ބޮބީ) އޭނާ ކުރިން ކުޅުނު ކްލަބް އީގަލްސް އަށް ބަދަލުވެއްޖެ އެވެ.

އުމުރުން 22 އަހަރުގެ ބޮބީ އަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އީގަލްސް އިން ގެނައި ތިން ވަނަ ކުޅުންތެރިޔާ އެވެ. އީގަލްސް އިން ވަނީ ނިލަންދޫ އަށް ކުޅުނު ޖަޕާނުގެ މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ (ޓޮޝީ) އާއި ފޯކައިދޫގެ ހަސަން ނަޒީމް (ޗޯޓު) ގެނެސްފަ އެވެ.

ބޮބީ، އީގަލްސް އަށް ބަދަލުވީ މި ސީޒަނުގެ ނިޔަލަށެވެ. ބޮބީގެ އިތުރުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބައެއް ކުޅުންތެރިން ވަނީ ގްރީން ސްޓްރީޓްސް ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި ޓީސީ އަށް ބަދަލުވި އަލީ އަޝްފާގު (ދަގަނޑޭ) އަދި ދަ ގްރާންޑޭ އަށް ސޮއިކުރި ގާސިމް ސަމާމް (ސައްމެ) ހިމެނެ އެވެ.

އީގަލްސްގެ ކުރީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ)ގެ ކޯޗުކަމުގައި 2017 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ކުޅެން ފެށި ބޮބީ އަށް އެ ސީޒަނުގައި އެއްކޮށް ކުޅެވޭގޮތްނުވީ ފުޓްސަލް މުބާރާތަކަށް ދިއުމުން އޭނާ އަށް އެ ޓީމުން އަދަބުދިނުމުންނެވެ. އެކަމަކު 2018 ވަނަ އަހަރު ނިއު ރޭޑިއަންޓަށް ބަދަލުވެ ބޮބީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ގައުމީ ޓީމުގައި ވެސް ބޮބީ ހިމެނުނުއިރު، އޭއެފްސީ ކަޕްގައި ނިއު އަށް ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ. ޒުވާން އުމުރުގައި ބޮބީގެ ފަރާތުން ބައިނަލްއަގުވާމީ މެޗުތަކެއްގައި ފެނުނީ ތަފާތު ރޫހެއް ކަމަށް ނިއު އަށް ކުރިން އިރުޝާދުދިން ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮން އޭރު ބުންޏެވެ.

މި ސީޒަނުގައި ގްރީން ސްޓްރީޓްސް އަށް ބަދަލުވެ އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނި ރަނގަޅު ކުޅުމެއް ދެއްކި ބޮބީ އަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ވަނީ އޭރު ތައުރީފުކޮށްފަ އެވެ. ބޮބީ ވަނީ މިދިޔަ މަހު ނޭޕާލުގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމަށް ކުޅެފަ އެވެ.

އީގަލްސް އަށް ބޮބީ ކުޅޭނެ ފުރަތަމަ މެޗަކީ އަންނަ ބުރާސްފަތި ދުވަހު ޓީސީއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗަށް އީގަލްސްގެ ޓޮޝީކީ އާއި އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) ވަނީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފަ އެވެ.