10 ޑިސެމްބަރ 2019
ރާއްޖޭން ރަން މެޑެއްޔަކާ އެކު ޖުމްލަ ފަސް މެޑަލް ހޯދައިގެން މި އަހަރުގެ ސައުތު އޭޝިއަން ގޭމްސް ނިންމާލައިފި އެވެ.
ރާއްޖޭން ރަން މެޑެއްޔަކާ އެކު ޖުމްލަ ފަސް މެޑަލް ހޯދައިގެން މި އަހަރުގެ ސައުތު އޭޝިއަން ގޭމްސް ނިންމާލައިފި އެވެ.
ދުވުންތެރިޔާ ހަސަން ސާއިދު ވަނީ 100 މީޓަރު ދުވުމުން ރަން މެޑަލް އަދި 200 މީޓަރު ދުވުމުން ލޯ މެޑަލް ހޯދައިފަ އެވެ. އަންހެން ޓޭބަލް ޓެނިސް ޓީމާއި އަންހެން ފުޓްބޯޅަ ޓީމުން އަދި އަންހެން ބާސްކެޓްބޯޅަ ޓީމުން ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. އަންހެން ބާސްކެޓްބޯޅަ ޓީމާއި އަންހެން ފުޓްބޯޅަ ޓީމު އަދި އަންހެން ޓީޓީ ޓީމު މި ފަހަރުގެ ގޭމްސްގައި މި ހޯދީ ތާރީހީ ކާމިޔާބެކެވެ. މިއީ ގޭމްސްއެއްގައި އެ ޓީމުތަކަށް ލިބުނު ފުރަތަމަ މެޑެއްޔެވެ.
އެންމެ ފަހުން 2016 ވަނަ އަހަރު އިންޑިއާގައި ބޭއްވި ސައުތު އޭޝިއަން ގޭމްސް ރާއްޖެ އަށް ލިބުނީ ތިން މެޑެއްޔެވެ. އެ ފަހަރު ސާއިދު 100 މީޓަރާއި 200 މީޓަރުން ރިހި މެޑަލް ހޯދިއިރު އަނެއް މެޑެއްޔަކީ 800 މީޓަރު ފްރީސްޓައިލް ފެތުމުގެ އިވެންޓުން ފެތުންތެރިޔާ އައިމިނަތު ސަޖަން ހޯދި ލޯ މެޑެއްޔެވެ.
އަންހެން ވޮލީ ޓީމު ވެސް ވަނީ މި ފަހަރުގެ ތިން ވަނަ ހޮވާ މެޗުގައި ވާދަކޮށްފަ އެވެ. އަދި އިއްޔެ ކްރިކެޓް ފިރިހެން ޓީމު ވެސް ވަނީ ތިން ވަނަ ހޮވާ މެޗުގައި ކުޅެ ނޭޕާލް އަތުން ބަލިވެފަ އެވެ.
ގޭމްސްގެ 35 އަހަރުވީ ތާރީހުގައި ރާއްޖެ އަށް ލިބުނު ފުރަތަމަ ރަން މެޑަލް ހޯދައިދިނީ މި ފަހަރު ސާއިދު އެވެ. އޭނާ އަކީ މަލްޓިސްޕޯޓްސް އިވެންޓެއްގައި ރާއްޖެ އަށް ފުރަތަމަ ރަން މެޑަލެއް ގެނެސްދިން އެތުލީޓް ވެސް މެ އެވެ. އޭނާ އެންމެ ފުރަތަމަ ރަން މެޑަލް ހޯދީ 2015 ވަނަ އަހަރު ރިޔޫނިއަންގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގަ އެވެ.
މި ފަހަރުގެ ގޭމްސްގެ މެޗުތައް ބައްލަވާލެއްވުމަށް ކަތުމަންޑޫގައި ހުންނެވި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އިއްޔެ ކްރިކެޓް މެޗަށް ފަހު ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި ސައުތު އޭޝިއަން ގޭމްސްގައި ނެރުނު އެންމެ ރަނގަޅު ނަތީޖާ ކަމަށެވެ.
"މިއީ ވަރަށް ބޮޑު ކާމިޔާބެއް. މި ގޭމްސް އަށް ތައްޔާރުވާން ވެގެން ހުރިހާ އެސޯސިއޭޝަންތަކުން ރިކުއެސްޓްކުރި ހުރިހާ ކަމެއް އަޅުގަނޑުމެން ކޮށްދިނިން. ވަރަށް ބޮޑެތި ހަރަދުތައް ކޮށްދިނިން. އެ ކުރެވުނު ހަރަދުތަކާ ބަލާފައި އަޅުގަނޑު ވެސް ވަރަށް ހިތްހަމަޖެހޭ. އެންމެ އެދޭ ގޮތަކަށް ނޫން ފުޓްބޯޅަ މިދިޔައީ އަޅުގަނޑުމެން ހީކުރި ގޮތާ ވެސް ހިލާފަށް،" މަހުލޫފް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހަގީގީ ފޯކަސް އަކީ 2021 ވަަނަ އަހަރުގެ ގޭމްސް ކަމާށާއި ދެ އަހަރު ފަހުން ރަނގަޅު ޓްރެއިނިންނާ އެކު ރަނގަޅު އިންފްރާސްޓްރަކްޗާގައި ކުޅުންތެރިންގެ ޑިވެލޮމަންޓަށް ވިސްނައިގެން މަސައްކަތްތަކެއް ކޮށްގެން ހީނުކުރާފަދަ ނަތީޖާތަށް ނެރެވޭނެ ކަމަށެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާޢްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސްގެ ބައެއް އިވެންޓްތައް 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް މިނިސްޓަރު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. ރާއްޖޭން މަސައްކަތްކުރީ ލަންކާ އިން ބިޑްކާމިޔާބުކޮށްފިނަަމަ އެ ގައުމާ އެކު ކުރިއަށް ގޮސް ބައެއް ކުޅިވަރުތައް ރާއްޖޭގައި ބޭއްވުމަށެވެ. އެކަމަކު މިހާރު އޮތްގޮތުން ގޭމްސް ބޭއްވުމުގެ ފުރުސަތު ލިބުން ގާތީ ޕާކިސްތާނަށެވެ.
މި ފަހަރުގެ ގޭމްސްގެ މިހާތަނަށް މެޑަލްގެ އަދަދަށް ބަލާއިރު އެންމެ ކުރީގައި އުޅެނީ އިންޑިއާ އެވެ. އިންޑިއާ އިން ވަނީ މިހާތަނަށް 294 މެޑަލާ އެކީގަ އެވެ. އޭގެ ތެރެއިން 159 މެޑަލަކީ ރަން މެޑަލެވެ. ދެ ވަނަ އަށް އެންމެ ގިނަ މެޑަލް ހޯދީ 236 މެޑަލް ހޯދި ސްރީ ލަންކާ އެވެ. ލަންކާ އަށް ލިބުނީ 39 ރަން މެޑަލެވެ. ތިން ވަނަ އަށް އެންމެ ގިނަ މެޑަލް ހޯދީ 195 މެޑަލާ އެކު އޮތް ނޭޕާލް އެވެ. އެ ގައުމުން ވަނީ މިހާތަަނަށް 49 ރަން މެޑަލް ހޯދައިފަ އެވެ. ތާވަލުޔގެ ހަތަރު ވަނައިގައި އޮތީ 132 މެޑަލް ހޯދި ބަންގްލަދޭޝް އެވެ. އަދި ފަސް ވަނައިގައި އޮތް ޕާކިސްތާނުން ވަނީ 124 މެޑަލް ހޯދައިފަ އެވެ. ތާވަލުގެ ހަ ވަނައިގައި އޮތް ބޫޓާނުން 19 މެޑަލް ހޯދި ނަމަވެސް މިހާތަނަށް ރަން މެޑެއްޔެއް ނުލިބެ އެވެ. ރާއްޖެ އޮތީ މެޑަލް ތާވަލުގެ އެންމެ ފުލުގަ އެވެ.
އޮލިމްޕިކްސްއާ މެދު ސުވާލު އުފެދި ތައްޔާރީތަކަށް ހިޔަނި
އެތުލީޓްސް ކޮމިޝަނަށް ސާއިދު އާއި ސަޖަން
2019: ކުޅިވަރުން ދިވެހިންނަށް ފަހުރާއި އުފާވެރިކަން
ރައީސް ހޫނު މަރުހަބާއަކާ އެކު ދެއްވީ ޔަގީންކަން
ސާއިދުގެ ބޮޑު އުފަލަކީ ގައުމަށް ކާމިޔާބީ ހޯދައިދެވުން
ސާއިދަށް 200 މީޓަރު ދުވުމުން ލޯ މެޑަލް
ބިލިއަން މީހުންގެ ތެރޭ ހުރި އެންމެ ބާރު ދުވުންތެރިޔާ!
ސާއިދު ރަން މެޑަލް ހޯދައިފި، ތާރީޚީ ކާމިޔާބީއެއް
ހައްވަ އަށް ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް
ސައުތު އޭޝިއަން ގޭމްސް ސެޕްޓެމްބަރަށް ފަސްކޮށްފި