01 ޑިސެމްބަރ 2019
ނޭޕާލުގެ ކަތުމަންޑޫގައި މިއަދު ރަސްމީކޮށް ފަށާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ގައުމީ އަންހެން ވޮލީ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ އަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދީފި އެވެ.
ނޭޕާލުގެ ކަތުމަންޑޫގައި މިއަދު ރަސްމީކޮށް ފަށާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ގައުމީ އަންހެން ވޮލީ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ އަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދީފި އެވެ.
ގޭމްސް ރަސްމީކޮށް ފެށުމުގެ ކުރިން ވޮލީބޯޅަ އިވެންޓްގެ މެޗުތައް ކުރިއަށްދާއިރު، ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު އެވެ. ހުޅުވުމުގެ ރަސްމިއްޔާތުގެ ކުރިން ހައްވައާ ދިދަ ހަވާލުކުރީ މިއަދު ހެނދުނު އޮތް އަންހެން ވޮލީ ޓީމުގެ ޕްރެކްޓިހަށް ފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) އެވެ. އަދި އަރިހުގައި ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް އާއި ގޭމްސްގެ ރާއްޖޭގެ ޑެލިގޭޝަނުގެ ޗެފް ޑި މިޝަނަރު އިބްރާހިމް ނާހިދު ބައިވެރިވެވަޑައިގެންނެވި އެވެ.
އާންމުގޮތެއްގައި ގޭމްސް ބާއްވާ ގައުމަށް އައުމުގެ ކުރިން ހުޅުވުމުގެ ރަސްމިއްޔާތުގައި ދިދަ އުފުލާ ކުޅުންތެރިޔާއާ ދިދަ ހަވާލުކުރެ އެވެ. އެކަމަކު މި ފަހަރު ހައްވަ އަށް ދިދަ ހަވާލުކުރީ އޭނާ އަށް ވެސް ނޭނގި ހުއްޓަ އެވެ. ހައްވަ ބުނީ މިއީ އޭނާގެ ކުޅިވަރު ހަޔާތުގައި ވެސް އެންމެ އުފާވެރި އެއް ދުވަސް ކަމަށާއި މިއީ އޭނާގެ އިތުރުން ވޮލީ ޓީމާއި ހުރިހާ އަންހެން އެތުލީޓުންނަށް ވެސް ލިބިގެންދިޔަ ހިތްވަރެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މަރޭ (ވ) ހައްވައާ ދިދަ ހަވާލުކުރަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
"މި ކާމިޔާބަށް (މި ހިސާބަށް) ވާސިލުވުމަށްޓަކައި އަޅުގަނޑު ވެސް ވަރަށް ބުރަ މަސައްކަތްކުރިން. ހުރިހާ އެތުލީޓުން ވެސް ޑިިސިޕްލިން އާއި ހިތްވަރާ އެކު މަސައްކަތްކޮށްފިއްޔާ މި ހިސާބަށް އާދެވޭނެއޭ އަޅުގަނޑު ބުނާނީ. މިއީ އަންހެން ވޮލީ އަށް ވެސް ލިބުނު ހިތްވަރެއްގެ ގޮތުގައި ދެކެނީ،" ހައްވަ ބުންޏެވެ.
ހައްވަ އަކީ މި ވަގުތު ގައުމީ އަންހެން ވޮލީ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް އަންހެން ކުޅުންތެރިޔާ ހައްވަ އަކީ ޓީމުގައި ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރުމުގައި ތަފާތު ދައްކާ ކުޅުންތެރިޔެއް ކަމަށް ވޮލީގެ ގިނަ ކޯޗުން އެއްބަސްވެ އެވެ. ދާދި ފަހުން ބޭއްވި އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕުން ރާއްޖޭގެ އަންހެން ވޮލީ ޓީމު ރިހި މެޑަލް ހޯދިއިރު، އެ މުބާރާތުގައި ވެސް ހައްވަ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
މިއީ ސައުތު އޭޝިއަން ގޭމްސްގައި ދިދަ އުފުލުމުގެ ޝަރަފް ވޮލީ ކުޅުންތެރިއަކަށް ޖެހިޖެހިގެން ފުރުސަތު ލިބުނު ދެ ވަނަ ފަހަރެވެ. އެންމެ ފަހުން 2016 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީ އާއި ޝިލޮންގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލީ އޭރުގެ ގައުމީ ފިރިހެން ވޮލީ ޓީމުގެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) އެވެ.
ފާއިތުވި އަހަރުތަކުގައި ރާއްޖޭން ބައިވެރިވި ބައިނަލްއަގުވާމީ ގޭމްސްތަކުގައި ދިދަ އުފުލި ކުޅުންތެރިންނަށް ބަލާއިރު މި އަހަރު ޖުލައި މަހު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ދިދަ އުފުލީ ބާސްކެޓްބޯޅަ ކުޅުންތެރިޔާ އަހުމަދު ޒަބީރު އެވެ. މިދިޔަ އަހަރު އިންޑޮނީޝިއާގައި އޮތް އޭޝިއަން ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލީ ފެތުންތެރިޔާ އައިޝަތު ސާޖިނާ އެވެ. އޭގެ ކުރިން 2016 ވަނަ އަހަރު ރިއޯ އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލީ ފެތުންތެރިޔާ އައިމިނަތު ސަޖަން އެވެ. އަދި 2015 ވަނަ އަހަރުގެ އައިއޯއައިޖީގައި ދިދަ އުފުލީ އެ ގޭމްސްގައި 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެވެ.
މި ފަހަރުގެ ގޭމްސްގައި އަންހެން ޓީމު ވަނީ އިއްޔެ ކުޅުނު ސެމީގައި އިންޑިއާ އަތުން ބަލިވެފަ އެވެ. ތިން ވަނަ ހޮވާ މެޗުގައި ރާއްޖޭން މާދަމާ ކުޅޭނީ އިއްޔެ ދެ ވަނަ ސެމީގައި ނޭޕާލު އަތުން ސީދާ ތިން ސެޓުން ބަލިވި ލަންކާއާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖުގައި ލަންކާ ވަނީ ރާއްޖެ އަތުން ތިން ސެޓުން މޮޅުވެފަ އެވެ. އެންމެ ފަހުން އޮތް ސައުތު އޭޝިއަން ގޭމްސްގައި ވެސް ތިން ވަނަ ހޮވާ މެޗުން ރާއްޖެ ބަލިވީ ލަންކާ އަތުންނެވެ.
މި ފަހަރުގެ ގޭމްސްގައި ރާއްޖޭން ވާދަކުރާ ކުޅިވަރުތަކަކީ ފުޓްބޯލް، ވޮލީބޯޅަ، ބީޗްވޮލީބޯލް، ބެޑްމިންޓަން، ޓޭބަލް ޓެނިސް، ޝޫޓިން، ސްވިމިން، ޓެނިސް، ބާސްކެޓްބޯލް، ކްރިކެޓް އަދި އެތުލެޓިކްސް އެވެ. މި ފަހަރުގެ ގޭމްސްގައި ރާއްޖޭގެ ކޮންޓިންޖެންޓުގައި ހިމެނެނީ 213 މެމްބަރުންނެވެ.
2019: ކުޅިވަރުން ދިވެހިންނަށް ފަހުރާއި އުފާވެރިކަން
ފަސް މެޑެއްޔާ އެކު ރާއްޖެ އަށް ކާމިޔާބު ގޭމްސް އެއް!
ސިޔާސީ މަސައްކަތަށް ފަހު މަރޭ އެނބުރި ކުޅިވަރަށް
ސީޖީއެފްގެ ބޮޑު ބައްދަލުވުމެއް ރާއްޖޭގައި ފަށައިފި
ބީޑަބްލިއުއެފްގެ ސިޓީއަކީ އިންޒާރެއް ނޫން: ތޮލާލް
އެއް ބަޔަކު ތިބެތިބެ ކުޅިވަރު އެސޯސިއޭޝަންތައް ގާވަނީ!
އުލްޔާގެ ހީޓުން ރާއްޖޭން ނިންމާލީ އުންމީދާ އެކު
އޮލިމްޕިކް ގޭމްސްގެ ޗެފް ޑެ މިޝަނަރަކަށް އަލީ ރަޝީދު
އައިއޯއައިޖީގެ ނައިބަކަށް ޗަމްޕީ އިންތިހާބުކޮށްފި
އެފްއޭއެމް ރިފޯމްކުރުމުގެ އެޖެންޑާގެ ތަރުތީބު ގޯސް!