Roadha Mihaaru

އިންތިހާބަކާ ނުލައި އެމްއޯސީގެ ރައީސްކަން ދެވަނަ ދައުރަކަށް ސައްތާރު

ވާދަކުރާނެ އެހެން މީހަކު ނުވުމުން، އިންތިހާބަކާ ނުލައި އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސްކަމަށް ދެވަނަ ދައުރަކަށް މުހައްމަދު އަބްދުސައްތާރު (ޗަމްޕީ) އަށް އިއްޔެ ކަށަވަރު ވެއްޖެ އެވެ.

އިންތިހާބަކާ ނުލައި އެމްއޯސީގެ ރައީސްކަން ސައްތާރަށް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

03 ޖޫން 2025

ވާދަކުރާނެ އެހެން މީހަކު ނުވުމުން، އިންތިހާބަކާ ނުލައި އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސްކަމަށް ދެވަނަ ދައުރަކަށް މުހައްމަދު އަބްދުސައްތާރު (ޗަމްޕީ) އަށް އިއްޔެ ކަށަވަރު ވެއްޖެ އެވެ.

ކުރިއަށް އޮތް ހަތަރު އަހަރަށް އެމްއޯސީގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލުމުން ރައީސްކަމުގެ މަގާމަށް ކުރިމަތިލެއްވީ ސްވިމިން އެސޯސިއޭޝަންގެ ރައީސްކަމުގައި ހަތަރުވަނަ ދައުރެއް ފުރުއްވަމުން ގެންދަވާ ސައްތާރެވެ.

އެމްއޯސީގެ ރައީސްކަމަށް ވަޑައިގަތުމުގެ ކުރިން އެ އިދާރާގެ ނައިބުރައީސްކަމުގައި ހުންނެވި ސައްތާރު ރައީސްކަމަށް އެންމެ ފުރަތަމަ އިންތިހާބުވީ 2021 ގަ އެވެ.

އެފަހަރުގެ އިންތިހާބު އޭނާ ކާމިޔާބު ކުރެއްވީ ބެޑްމިންޓަން އެސޯސިއޭޝަންގެ ކުރީގެ ރައީސް މޫސާ ނާޝިދާ ވާދަ ކުރައްވަ އެވެ.

ދެ ބޭފުޅުން އިންތިހާބު ކުރާ ނައިބު ރައީސްގެ މަގާމަށް އިންތިހާބަކުން ހޮވި ވަޑައިގަތީ ހެންޑްބޯލް މޯލްޑިވްސްއިން ވާދަކުރެއްވި އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް އަހްމަދު އިސްމާއީލާއި ޗެސް އެސޯސިއޭޝަނުން ވާދަކުރެއްވި އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނަރަލް ސެކްރެޓަރީ އަހްމަދު މުންތަގިމެވެ.

އަހްމަދާއި މުންތަގިމް އިންތިހާބު ކާމިޔާބު ކުރެއްވީ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުސްތޮފާ މުހައްމަދާ ވާދަކުރުމަށް ފަހު އެވެ.

އޮލިމްޕިކް ކޮމިޓީގެ އެކްސްކޯގައި އޮލިމްޕިކް ސްޕޯޓްސް ކެޓަގަރީން ފަސް އެސޯސިއޭޝަނަކުން މަންދޫބުން ތިއްބަވަ އެވެ. އަދި ނޮން އޮލިމްޕިކް ސްޕޯޓްސްގެ ގޮތުގައި ދެ އެސޯސިއޭޝަނަކުން މަންދޫބުން ތިއްބަވަ އެވެ. ދެން އަންހެން މެންބަރުގެ ގޮތުގައި ތަމްސީލު ކުރައްވާ މަންދޫބުންނެވެ.

އޮލިމްޕިކް ސްޕޯޓްސްގެ މަންދޫބުންގެ ގޮނޑިތައް ލިބުނީ ވޮލީ، ބާސްކެޓް، ޓެނިސް ޓޭބަލް ޓެނިސް، ކްރިކެޓް އަދި ސާފިން އަށެވެ. ނޮން އޮލިމްޕިކް ޖާގަ ބޮޑީބިލްޑިން އާއި ޕޫލް ބިލިއާޑަށެވެ. އަންހެން މަންދޫބުންގެ ގޮނޑިތައް ލިބުނީ ނެޓްބޯޅަ އަށާއި ޝޫޓިން އެސޯސިއޭޝަނަށެވެ.

އެކްސްކޯގައި ދެން ތިއްބަވަނީ އެތުލީޓް ކޮމިޝަނުން ދެ މެންބަރުންނެވެ. އެ ކޮމިޝަނުން ތަމްސީލުކުރާ ދެ މެންބަރުންގެ ދައުރު ހަމަވާނީ ޑިސެމްބަރު މަހު އެވެ.