Roadha Mihaaru
އޮލިމްޕިކް ގޭމްސްގެ ޗެފް ޑެ މިޝަނަރަކަށް އަލީ ރަޝީދު

އޮލިމްޕިކް ގޭމްސްގައި ރާއްޖޭގެ ޗެފް ޑެ މިޝަނަރަކަށް ޓީޓީގެ ރައީސް އަލީ ރަޝީދު

12 ޖޫން 2024

އޮލިމްޕިކްސް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ޗެފް ޑެ މިޝަނަރަކަށް، ޓީޓީއޭއެމްގެ ރައީސް އަލީ ރަޝީދު ހަމަޖައްސައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޮލިމްޕިކްސް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ޗެފް ޑެ މިޝަނަރަކަށް، ޓީޓީއޭއެމްގެ ރައީސް އަލީ ރަޝީދު ހަމަޖައްސައިފި އެވެ.

ޗެފް ޑެ މިޝަނަކަށް އަލީ ހަމަޖެއްސިތާ ދެ ހަފުތާ ވެއްޖެ އެވެ. އޮލިމްޕިކް ގޭމްސް އަށް ފުރަތަމަ ފަހަރަށް ކޮލިފައިވި ދިވެހި އެތުލީޓްގެ ޝަރަފު ފާތިމަތު ދީމާ އަލީ ހޯދުމުން، އޮލިމްޕިކް ކޮމިޓީގެ އެކްސްކޯގެ އިއްތިފާގުން ނިންމީ، ދިވެހި ކޮންޓިންޖެންޓްގެ އެންމެ އިސް ވެރިޔަކަށް އަލީ ހަމަޖެއްސުމަށެވެ.

އޭނާ އަށް ރަސްމީކޮށް ލިޔުން ހަވާލުކޮށް، އޮލިމްޕިކް ކޮމިޓީން އިއުލާން ކުރީ އިއްޔެ އެވެ.

ފްރާންސްގައި އަންނަ މަހު 26 ފަށާ ގޭމްސް އަކީ، އައްޔަ ޗެފް ޑެ މިޝަނަރުކަން ކުރާ ފުރަތަމަ ގޭމްސް އެވެ.

ޗެފް ޑެ މިޝަނަރުގެ މަގާމުގައި އައްޔަ ފްރާންސަށް ވަޑައިގަންނަވާ ދަތުރު ވެގެންދާނީ، ކުޅިވަރުގެ ހައިސިއްޔަތަކުން އެ ގައުމަށް އޭނާ ކުރައްވާ ދެވަނަ ދަތުރަށެވެ. މީގެ ކުރިން، ފްރާންސަށް ވަޑައިގެންނެވީ، އޮލިމްޕިކް ސްކޮލާޝިޕްގެ ދަށުން ދީމާގެ ޓްރޭނިން ފްރާންސްގައި ފެށުމުގެ ގޮތުން ކުރި ދަތުރުގަ އެވެ.

އޮލިމްޕިކްސްގައި، މިފަހަރު ރާއްޖޭގެ ހަތަރު ކުޅިވަރަކުން އެތުލީޓުން ވާދަކުރާނެ އެވެ. އެއީ ޓީޓީގެ އިތުރުން ބެޑްމިންޓަނާއި އެތުލެޓިކްސް އަދި ސްވިމިންނެވެ. ބެޑްމިންޓަނުން ވާދަކުރާ ފާތިމަތު ނަބާހާ އަބްދުރައްޒާގެވެ. އެތުލެޓިކްސްއިން ވާދަ ކުރާނީ އިބާދުﷲ އާދަމެވެ. ސްވިމުން ވާދަކުރާ އެތުލީޓުންނަކީ ކޮބައިކަން ކަނޑައަޅައިފައެއް ނުވެ އެވެ.