Roadha Mihaaru
ދީމާގެ ކާމިޔާބު، ސައުދީ ސަފީރު އަގުވަޒަން ކުރައްވައިފި

ދީމާގެ ކާމިޔާބު، ސައުދީ ސަފީރު އަގުވަޒަން ކުރައްވައިފި

09 ޖޫން 2024

އޮލިމްޕިކްސް އަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ އެތުލީޓްގެ ޝަރަފު ހޯދި ފާތިމަތު ދީމާ އަލީގެ ކާމިޔާބަށް ރާއްޖޭގައި ހުންނަވާ ސައޫދީ އަރަބިއާގެ ސަފީރު މަތުރަކް އަބްދުﷲ އަލްއަޖާލީން، މަރުހަބާ ވިދާޅުވެ ހިތްވަރުދެއްވައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޮލިމްޕިކްސް އަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ އެތުލީޓްގެ ޝަރަފު ހޯދި ފާތިމަތު ދީމާ އަލީގެ ކާމިޔާބަށް ރާއްޖޭގައި ހުންނަވާ ސައޫދީ އަރަބިއާގެ ސަފީރު މަތުރަކް އަބްދުﷲ އަލްއަޖާލީން، މަރުހަބާ ވިދާޅުވެ ހިތްވަރުދެއްވައިފި އެވެ.

ސައޫދީ އެމްބަސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ދީމާގެ އިތުރުން ޓީޓީއެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދާއި ދީމާގެ މަންމަ އާއިޝަތު ވަހީދާ ބައިވެރިވި އެވެ.

ޓީޓީއޭއެމުން ބުނީ ދީމާ އާއި ރާއްޖޭގެ ޓީޓީ ކުރިއެރުވުމަށް، ސައުދީ އެމްބަސީން ދެވެން ހުރި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ސަފީރު، އަބްދުﷲ އަލްއަޖާލީން ދެއްވި ކަމަށެވެ.

"ކިޔެވުން ހިމެނޭ ގޮތަށް ކުޅިވަރުގެ ދާއިރާއިން ސައޫދީގައި ވެސް ސްކޮލާޝިޕްގެ ފުރުސަތުތައް ހުރި ވާހަކަ ވިދާޅުވި. އަދި ދީމާ ބޭނުންވެއްޖެނަ އެ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން ސަފީރު ދެއްވި،" ޓީޓީއޭއެމްގެ ރައީސް އަލީ ވިދާޅުވި އެވެ.

ސައުދީ އަކީ ރާއްޖޭގެ ޓޭބަލް ޓެނިހުގެ ބައިވެރިއެއްކަން ފާހަގަ ކުރައްވައި، އަލީ ވިދާޅުވީ އެ ގައުމުގެ އެހީގައި ފުވައްމުލަކާއި އައްޑޫގައި ވެސް ސްކޫލް ކުދިންގެ ޓީޓީ ޑިވެލޮޕްމެންޓް ޕްރޮރާމްތަކެއް ކުރިއަށްގެންދާ ކަމަށެވެ.

މިދިޔަ މަހު ނޭޕާލްގައި ބޭއްވި ދެކުނު އޭޝިއާގެ އޮލިމްޕިކް ޓީޓީ ކޮލިފައިންގެ ފައިނަލްގައި ލަންކާގެ ބިމަންދީ ބަންޑަރާއާ ދެކޮޅަށް ކުޅުނު މެޗު ދީމާ ކާމިޔާބު ކުރީ 3-1 ންނެވެ.

އެ ކާމިޔާބާ އެކު، އުމުރުން 16 އަހަރުގެ ދީމާއަކީ، ކޮލިފައިން މަރުހަލާއެއް ކާމިޔާބުކޮށް އޮލިމްޕިކްސް ގޭމްސްއިން، ޖާގަ ހޯދި ރާއްޖޭގެ ފުރަތަމަ އެތުލީޓެވެ. އަދި އޭނާ ވާނީ އޮލިމްޕިކްސްގައި ޓީޓީން ރާއްޖެ ތަމްސީލު ކުރާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ޕެރިހުގައި ބާއްވާ އޮލިމްޕިކްސް ގޭމްސް އޮންނާނީ އަންނަ މަހުގެ 26 ން އޯގަސްޓް އަށް ވަނަ ދުވަހުގެ ނިޔަލަށެވެ. އޮލިމްޕިކްސްގައި ރާއްޖޭން ވާދަކުރާނެ ތިން އެތުލީޓަކު މިހާރު ވަނީ ކަށަވަރުވެފަ އެވެ. އެއީ ދީމާގެ އިތުރުން ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުރައްޒާގައި އެތުލެޓިކްސްއިން އީބާދުﷲ އާދަމެވެ.